Roadha Mihaaru
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ

"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ

09 ޑިސެމްބަރ 2021

މީގެ ތިން އަހަރު ކުރިން ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ކުޅުނު ކާމިޔާބު ފިލްމު "ހިޗްކީ" ގެ ދެވަނަ ބައެއް ހެދުމާ ބެހޭ ގޮތުން މިހާރު ސީރިއަސް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރު ކުރިން ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ކުޅުނު ކާމިޔާބު ފިލްމު "ހިޗްކީ" ގެ ދެވަނަ ބައެއް ހެދުމާ ބެހޭ ގޮތުން މިހާރު ސީރިއަސް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ބުނެފި އެވެ.

ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ރާނީ ބުނީ އުކުޑިކުއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލު އޭނާ ކުޅުނު އެ ފިލްމުގެ ސީކިއުއެލްއެއް ހެދުމުގެ ވާހަކަ އެ ފިލްމުގެ ޑައިރެކްޓަރު ސިދާތު މަލްއުތުރާ ކުރިން ވެސް ދެއްކި ކަމަށެވެ.

"ހިޗްކީ ރިލީޒްކުރި ދުވަސްވަރު ސިދާތު އަހަންނާ އެ ވާހަކަ ދެއްކި. އޭރު ހިތަށް އެރި ކީއްވެބާއޭ އޭގެ ސީކްއެލްއެއް ހަދަންވީ؟ އެކަމަކާ އޭރު މާ ބޮޑަށް ނުވިސްނަން." ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2018 ގައި ގެނެސްދިން ފިލްމާ ބެހޭ ގޮތުން ރާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު "ހިޗްކީ" ސީކްއެލްއަކާ ދޭތެރޭ އަންނަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. އެގޮތުން ސިދާތު ސްކްރިޕްޓް ނިންމުމަށްފަހު ގެނެސްދިން އިރަކުން ފިލްމާ ގުޅުން ހުރި އިތުރު ކަންކަން ފަށާނެ ކަމަށް ރާނީ ބުންޏެވެ.

ސިދާތަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ކާޖޮލް އާއި ކަރީނާ ކަޕޫރް އަދި އަރުޖުން ރާމްޕާލް ކުޅުނު 2010 ގެ ފިލްމު "ވީ އާ ފެމިލީ" ގެ ވެސް ޑައިރެކްޓަރެވެ.

ބޭރުގެ ބައެއް ފިލްމު ފެސްޓިވަލްތަކުގައި ވެސް ދައްކައިގެން ކްރިޓިކުންގެ ލޯބި ވަރަށް ބޮޑަށް ލިބުނު "ހިޗްކީ" އަކީ 2.7 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 28 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމުގައި ރާނީ ކުޅުނު ނައިނާ މާތޫރްގެ ރޯލުން އޭނާ އަށް ދެކުނު އިރުމަތީ އޭޝިއާގެ މޯސްޓް އިންފްލުއެންޝަލް ސިނެމާ ޕާސަނަލިޓީގެ އެވޯޑާއި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަމް (އައިއެފްއެފްއެމް) ގައި މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނެވެ.

"ހިޗްކީ" ގެ ސީކްއެލްގެ ވާހަކަ ރާނީ ދައްކާފައި މި ވަނީ އޭނާ ވަރުގަދަ ފުލުސް ކެރެކްޓާއެއް ކުޅުނު "މަރުދާނީ" ވެސް މިހާރު ފްރެންޗައިޒަކަށް ހަދާފައި ވަނިކޮށެވެ. ފިލްމުގެ ފުރަތަމަ ބައި 2014 ގައި ގެނެސްދިނުމަށް ފަހު "މަރުދާނީ 2" ރިލީޒްކުރީ 2019 ގަ އެވެ. އޭގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ އިރު، ރާނީ ބުނީ ޑައިރެކްޓަރު ގޯޕީ ޕުތުރާން އަދި ތިން ވަނަ ބަޔަށް ތައްޔާރުނުވާ ކަމަށެވެ.

އެކަމަކު ތަންކޮޅެއް އަވަހަށް އެކަމާ އުޅެން އޭނާ ގާތު ބުނާނެ ކަމަށް ކާމިޔާބު ބަތަލާ ބުންޏެވެ. "މަރުދާނީ" އަކީ ވެސް ވައިއާރްއެފްގެ އެއްޗެކެވެ.

މިދިޔަ މަހުގެ 19 ގައި ރިލީޒްކުރި "ބަންޓީ އޯރް ބަބްލީ 2" އަށް ފަހު ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ރާނީގެ ފިލްމަކީ އަންނަ އަހަރުގެ މެއި 20 ގައި ރިލީޒްކުރާ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ.