Roadha Mihaaru
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ

ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް އުންމީދު ކުރެވޭ: ރާނީ

29 ނޮވެމްބަރ 2021

ފިރިމީހާ އަދި ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ޑައިރެކްޓްކުރާ ފިލްމަކަށް އުންމީދު ކުރެވޭ ކަމަށާއި އަލުން ޝާހްރުކް ޚާނާ އެކީ ވެސް ފިލްމެއް ކުޅުމަކީ ކުރެވޭ އުންމީދެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިމީހާ އަދި ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ޑައިރެކްޓްކުރާ ފިލްމަކަށް އުންމީދު ކުރެވޭ ކަމަށާއި އަލުން ޝާހްރުކް ޚާނާ އެކީ ވެސް ފިލްމެއް ކުޅުމަކީ ކުރެވޭ އުންމީދެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.

މި މަހުގެ 19 ގައި ރިލީޒްކުރި "ބަންޓީ އޯރް ބަބްލީ 2" ގެ ބަތަލާ ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިރިމީހާއާ އެކީ މަސައްކަތް ކުރަން ކިތަންމެ ބޭނުން ވިޔަސް، ހަމަ ފިލްމެއް ހެދުމުގެ މާނައިގައި އަދިތިޔާ އަކީ ފިލްމެއް ހަދާނެ މީހެއް ނޫނެވެ.

"އަހަންނާއި އޭނައާ ދެމެދު އޮންނަނީ ވެސް އަންބަކާއި ފިރިއަކާ ދެމެދު އޮންނަ ކަހަލަ ގުޅުމެއް. ޕްރޮފެޝަނަލް ކަންކަމަކީ އަހަރެމެން އެހާ ބޮޑަށް ވާހަކަ ދައްކާ ކަންކަމެއް ނޫން." އަދިތިޔާއާ 2014 ގައި ކައިވެނިކޮށް މިހާރު އަންހެން ދަރިޔަކު ވެސް ހުރި ރާނީ ބުންޏެވެ.

އޭނާ ބުނީ އަދިތިޔާ ޑައިރެކްޓްކުރާ ފިލްމެއްގެ ބަތަލާގެ ރޯލު ކުޅުވަން ހިތްހަމަޖެހޭ ވަރުގެ ސްކްރިޕްޓެއް ލިބުނު ދުވަހަކުން ފިރިމީހާގެ ފިލްމެއްގައި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އަހަރެން ބޭނުން އަދިވެސް ޝާހްރުކާ އެކީ ވެސް މަސައްކަތް ކުރަން. އާދީގެ ފިލްމެއްގައި ޝާހްރުކާ އެކީ މަސައްކަތް ކުރަން ލިބުމަކީ ކުރެވޭ އުންމީދެއް. އަހަންނަށް ޔަގީން އަހަންނާއި ޝާހްރުކް އެކީގައި ކުޅެން އާދީއަށް ކަމުދާ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެ ފުރުސަތު ލިބޭނެކަން" ރާނީ ބުންޏެވެ.

ރާނީގެ ފިރިމީހާ އާދީ އާއި ބަފާބެ ޔާޝް.

ރާނީގެ ފިރިމީހާ އާދީ އާއި ބަފާބެ ޔާޝް.

ޝާހްރުކާއި ކާޖޮލްގެ 1995 ގެ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ޑައިރެކްޓް ކޮށްގެން މަަޝްހޫރުވި އަދިތިޔާ އަކީ އަމިއްލަ އަށް ސްކްރިޕްޓް ލިޔެ، ފިލްމު ހަދާ ޑައިރެކްޓަރެކެވެ. އޭނާ މިހާތަނަށް ޑައިރެކްޓްކުރީ ޖުމްލަ ފިލްމެކެވެ. އެއީ "ޑީޑީއެލްޖޭ އާއި 2000 ގެ "މުހައްބަތޭން" އާއި 2008 ގެ "ރަބް ނަ ބަނާދީ ޖޯޅީ" ގެ އިތުރުން 2016 ގެ "ބޭފިކްރޭ" އެވެ. "ބޭފިކްރޭ" ނޫން އެހެން ހުރިހާ ފިލްމެއްގެ ބަތަލަކީ ޝާހްރުކެވެ.

ރާނީއަށް މިހާތަނަށް އަދިތިޔާ ޑައިރެކްޓްކުރި ފިލްމެއްގައ މަސައްކަތްކުރަން ނުލިބުނަސް، ފިރިމީހާ ލިޔެ، ބަފާބެ ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ހެދި 2004 ގެ "ވީރު-ޒާރާ" ގެ އެއް ބަތަލާ އަކީ ރާނީ އެވެ. އޭގެ ކާސްޓްގައި ދެން ހިމެނެނީ ޝާހްރުކާއި ޕްރިތީ ޒިންތާ އެވެ. އަދި އާދީގެ "ރަބް ނެ ބަނާދީ ޖޯޅީ" ގެ ލަވައެއްގެ ހާއްސަ ފެނިލުމެއްގައި ރާނީ ހިމަނާފައިވެ އެވެ.

އަދިތިޔާ މިހާރު އަންނަނީ "ޑީޑީއެލް" ބްރޯޑްވޭ މިއުޒިކަލްއެއް ހެދުމަށް ތައްޔާރު ވަމުންނެވެ. އެ ގެނެސްދޭނީ އަންނަ އަހަރު އެވެ.

ޝާހްރުކާ އެކީ ރާނީ އަލުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރި އިރު، މި ދެ ތަރިންނަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑެވެ. ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ (1998)، ޗަލްތޭ ޗަލްތޭ (2003)، ކަބީ އަލްވިދާ ނާ ކެހެނާ (2005) އަދި ޕަހޭލީ (2005) ހިމެނެ އެވެ.

ރާނީގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ޑައިރެކްޓަރު އާޝިމާ ޗިބާރްގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ.