29 އޮކްޓޯބަރ 2021
ފިލްމެއް ކާމިޔާބުވުމަކީ އޭގެ ސީކްއެލްތަކެއް ހަދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ގަބޫލުކުރާ އުސޫލެއް ވެސް ނޫން ކަމަށް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
ފިލްމެއް ކާމިޔާބުވުމަކީ އޭގެ ސީކްއެލްތަކެއް ހަދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ ގަބޫލުކުރާ އުސޫލެއް ވެސް ނޫން ކަމަށް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސަލްމާން ޚާނާ އެކު 2012 ގައި ގެނެސްދިން "އޭކް ތަ ޓައިގާ" ގެ ކާމިޔާބީއާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެ ފިލްމު ފްރެންޗައިޒަކަށް ހަދަން އޭނާ ގާތު އެދެމުން ދިޔަ ކަމަށެވެ.
"އަހަންނަކީ ފިލްމެއް ހަދާ އިރު އަބަދު ވެސް އޭގެ ވާހަކަ އަށް ވަރަށް ބޮޑަށް ބަލާ މީހެއް. އަހަންނަކީ ސްޓޯރީޓެލާއެއް. ފިލްމަކުން އަހަރެން ކިޔައިދޭން ބޭނުންވާ ވާހަކައެއް އެ ނިމޭ އިރު އޮންނާނީ ކިޔައިދީ ނިމިފައި،" ކަބީރް ބުންޏެވެ. "އެހެންވެ ދެވަނަ ބަޔަކާ ދޭތެރޭ ވިސްނުމަކީ އަހަރެން ކުރާ ކަމެއް ނޫން."
އޭނާ ބުނި ގޮތުގައި ފިލްމެއް ކާމިޔާބުވުމުން އޭގެ އިތުރު ބައިތަކެއް ހަދަން އުޅެން ހަދައިގެން ބޮލީވުޑްގައި ފެނަށް ދިއުމަކީ ވެސް އާންމު ކަމެކެވެ. އެހެންވެ ކާމިޔާބު ކޮންމެ ފިލްމެއްގެ ސީކްއެލްއެއް ހަދަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.
"އެގޮތަށް މަސައްކަތް ކުރީމަ ގިނަ ފަހަރަށް ދިމާވާ ގޮތަކީ ކުރީގެ ފިލްމުގެ ވާހަކަ ވެސް ހަރާބުވާ ގޮތް ވަނީ. އަހަރެންގެ ނިއު ޔޯކް [ދެހާސް ނުވައެއްގައި ރިލީޒްކުރި ފިލްމެއް] ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔައިމަ ޑިމާންޑްތަކެއް އައި އޭގެ ދެވަނަ ބައެއް ގެނެސްދޭން. އެކަމަކު އަހަރެން ކިޔައިދޭން ބޭނުންވި ވާހަކަ އެ ފިލްމުން އޮންނާނީ ކިޔައިދީ ނިންމާފައި. އެހެންވެ ދެން އެއަކާ ކުޅުމުގެ ބޭނުމެއް ނެތް،" ކަބީރް ބުންޏެވެ. "ހަމަ އެގޮތަށް ބަޖްރަންގީ ބައިޖާން [ދެހާސް ފަނަރައިގެ ފިލްމެއް] އަކީ ވެސް ދެވަނަ ބައެއް ހަދަން ޖެހޭ ފިލްމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން."
އޭނާ ބުނި ގޮތުގައި ފިލްމެއްގެ ދެވަނަ ބައެއް ނުވަތަ އެ ފްރެންޗައިޒަކަށް ހަދަން ވާނީ ކުރީގެ ފިލްމުން ކިޔަދިން ވާހަކަ އާއި އޭގެ ކެރެކްޓާތަކުގެ އަސްލު ނުގެއްލޭ ވަރުގެ ވާހަކައެއް ގެނެސް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ އެވެ. އެހެން ނޫން ނަމަ އެފަދަ މަސައްކަތެއް ކުރުމަކީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެއް ކަމަށް ކަބީރް ބުންޏެވެ.
"މިހެން ބުންޏަސް ކުރިން ހެދި ފިލްމެއްގެ ވާހަކަ އަށް ވުރެ ފުރިހަމަކޮށް ދެވަނަ ބައެއްގެ ވާހަކަ އަހަންނާ ހަމައަށް ގެނެސްދީފި ނަމަ އެ ފިލްމެއް ހެދުމާ ދޭތެރޭ އަހަރެން ވިސްނާނަން." އޭނާ ބުންޏެވެ. "ފިލްމެއް ރަނގަޅުވާނީ އޮއްޓަރު ހުރި ޕްލޮޓަކާ އެކު ސްކްރީންޕްލޭ ރަނގަޅުވީމަ."
ސަލްމާނާއި ކެޓްރީނާ ކައިފާ އެކު ކަބީރް ހެދި "އޭކް ތަ ޓައިގާ" އަކީ މިހާރު ފްރެންޗައިޒެކެވެ. އޭގެ ތިން ވަނަ ބައި ޑައިރެކްޓަރު މަަނީޝް ޝަރުމާ ހަދަމުން އަންނަ އިރު، ދެވަނަ ބައި "ޓައިގާ ޒިންދޭ ހޭ" 2012 ގައި ގެނެސްދިނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ. ކަބީރްގެ "އޭކް ތަ ޓައިގާ" އަކީ 10 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި ލިބުނީ 43 މިލިއަން ޑޮލަރު ހޯދި ފިލްމެކެވެ. އަލީގެ "ޓައިގާ ޒިންދާ ހޭ" 28 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 75 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.
ސަލްމާނާ އެކު ކަބީރް ގެނެސްދިން "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައެއްގެ ސްކްރިންޕްލޭ ލިޔަމުން އަންނަ ކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެ ފިލްމުގެ ސްކްރީން ރައިޓަރު ކޭވީ ވިޖެންދުރަ ޕްރަސާދު ބުނެފައިވެ އެވެ.
ސަލްމާނާ އެކު 2017 ގައި "ޓިއުބްލައިޓް" ގެނެސްދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 24 ގައި ރަންވީރު ސިންގްއާ އެކު ގެނެސްދޭ "83" އެވެ. މި ފިލްމަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ހޯދަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ކަބީރް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި ސައިފްގެ 2015 ގެ "ފޭންޓަމް" އާއި ޖޯންގެ 2006 ގެ "ކާބުކް އެކްސްޕްރެސް" ވެސް ހިމެނެ އެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ އަހަރު ސްޓްރީމްކުރި ފަސް އެޕިސޯޑްގެ "ދަ ފޮގެޓްން އާމީ: އާޒާދީ ކޭ ލިޔޭ" އަކީ ކަބީރްގެ ފުރަތަމަ ވެބް ސީރީޒެވެ.
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
ސަލްމާންގެ "ބަޖްރަންގީ ބައިޖާން" ގެ ސީކްއެލްއެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ސަލްމާންގެ އާ ފިލްމަށް ރަޝްމިކާ
25 އަހަރަށް ފަހު ކަރަންގެ ފިލްމެއް ސަލްމާނަށް
އަހަންނަށް ސުޕަސްޓާރު ކިޔުން ހައްގެއް ނޫން: ސަލްމާން