Roadha Mihaaru
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް

"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ޑައިރެކްޓަރު ކަބީރަކަށް ނެތް

25 ޑިސެމްބަރ 2021

ސަލްމާން ޚާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައި ހަދާނެކަން މިދިޔަ އާދީއްތަ ދުވަހު އޭނާ ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ގުޅޭ ހިލަމެއް ނުވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ޚާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައި ހަދާނެކަން މިދިޔަ އާދީއްތަ ދުވަހު އޭނާ ކަށަވަރުކޮށް ދިން ނަމަވެސް އެކަމާ ގުޅޭ ހިލަމެއް ނުވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ކަބީރް ޚާން ބުނެފި އެވެ.

އޭނާ ޑައިރެކްޓްކުރި އެ ފިލްމަކީ "ބާހްބަލީ" ގެ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ހެދި އެއްޗެކެވެ. "ބަޖްރަންގީ ބައިޖާން" ސީކްއެލް ހަދާކަން ސަލްމާން ކަށަވަރުކޮށް ދިނީ ވިޖަޔެންދުރަ ދަރިފުޅު މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އަންނަ މަހުގެ 7 ގައި ގެނެސްދޭ ފިލްމު "އާރްއާރްއާރް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވެ މިދިޔަ އާދީއްތަ ދުވަހު އެވެ. "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައި ފެނިދާނެތޯ އެހުމުން ސަލްމާން ވަނީ އެކަމާ ޝައްކެތް ނެތް ކަމަށް ބުނެފަ އެވެ.

މި ފިލްމުގެ ސީކްއެލްގެ ސްކްރީންޕްލޭގެ ވާހަކަ މި އަހަރުގެ ކުރީކޮޅު ވިޖަޔެންދުރަ ވެސް ދައްކާފައިވެ އެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އަށް ކަބީރް ބުނީ އެއާ ބެހޭ އެއްވެސް ކަމެއް އޭނައަކަށް ނޭނގޭ ކަމަށެވެ.

"އަހަންނަށް އެނގިފައި އޮތް ގޮތުން އަދި ނެތް ފިލްމުގެ ސްކްރީންޕްލޭއެއް ވެސް. އަދި ޕްލޮޓް އައިޑިއާ ގުޅޭ ގޮތުން އަހަންނަކާ އެއްވެސް ވާހަކައެއް ވެސް ދެކެވިފައެއް ނެތް. އެހެންވެ އެއާ ބެހޭގޮތުން އަހަރެން ދައްކާނެ އެއްވެސް ވާހަކައެއް ނެތް." ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" ގެ ވެސް ޑައިރެކްޓަރު ބުންޏެވެ.

"ބަޖްރަންގީ ބައިޖާން" އަކީ 2015 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާނާ އެކު ކަބީރު 2017 ގައި ގެނެސްދިން "ޓިއުބްލައިޓް" ވަރަށް ނާކާމިޔާބު ފިލްމަކަށްވުމުން އެ ދެ މީހުންގެ މެދުގައި އޭގެ ފަހުން ކުނި ޖެހިފައިވެ އެވެ. އެހެންވެ ފަހަރުގައި "ބަޖްރަންގީ ބައިޖާން" ގެ ސީކްއެލް ކަބީރާ ނުލައި ވެސް ހަދައިފާނެ އެވެ.

އަނެއްކޮޅުން އޭނާއަކީ ސީކްއެލްތަކަށް މާ ބޮޑު ޝައުގުވެރިކަމެއް ވެސް ދޭ ޑައިރެކްޓަރެއް ނޫނެވެ.

ކަބީރާ އެކު ސަލްމާން މަސައްކަތްކުރި ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ފްރެންޗައިޒަކަށް ބަދަލުވެގެން ދިޔަ އިރު، އޭގެ ދެވަނަ ބައި ލިޔެ، ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. ސަލްމާން މިހާރު އަންނަނީ އޭގެ ތިން ވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. "ޓައިގާ 3" ގެ ޑައިރެކްޓަރަކީ މަނީޝް ޝަރުމާ އެވެ.