Roadha Mihaaru
މެޑްރިޑް ބަލިކޮށް ބާސާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި

ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި

23 ޑިސެމްބަރ 2017

މެޑްރިޑް (ޑިސެމްބަރު 23) – ދެ ވަނަ ހާފުގައި އެކަކު މަދުކޮށް ކުޅުނު ރެއާލް މެޑްރިޑް އަތުން އެ ޓީމުގެ ދަނޑުގައި 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޑިސެމްބަރު 23) – ދެ ވަނަ ހާފުގައި އެކަކު މަދުކޮށް ކުޅުނު ރެއާލް މެޑްރިޑް އަތުން އެ ޓީމުގެ ދަނޑުގައި 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ އެސްޕަންޔޯލް އަތުން ބަލިވުމުގެ ފައިދާ ބާސެލޯނާ އިން ނެގިއިރު، ސީޒަނުގެ މެދަކާ ހަމައިން ނެގި މި ބޮޑު ލީޑާ އެކު ލީގު ކާމިޔާބުކުރުމަށް އެ ޓީމަށް އޮތީ ބޮޑު ފުރުސަތެކެވެ.

އަނެއްކޮޅުން މި މެޗުން ބަލިވުމާ އެކު، ލީގުގައި ހަމަޔަކަށް އެޅެން ލިބުނު ފުރުސަތު ރެއާލް މެޑްރިޑަށް މިވަނީ ގެއްލިފަ އެވެ. އެއް މެޗު މަދުން ކުޅެފައިވާ މެޑްރިޑް އޮތީ 31 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެ ޓީމާ ބާސެލޯނާއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް މިހާރު އެބައޮތެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ އަށް ބޮޅެއް އިތުރުކުރިއިރު މި ވަގުތު ޔޫރަޕުގެ ވަރުގަދަ ފަސް ލީގުގައި ބަލިނުވެ އޮތީ ބާސެލޯނާގެ އިތުރުން އެ ޓީމުގެ ކުރީގެ ކޯޗު އަދި ކެޕްޓަން ކޯޗުކޮށްދޭ ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އެވެ.

އޭޝިއާ އަށް ފަސޭހަ ގަޑިއަކާ ދިމާކުރުމުގެ ގޮތުން ސްޕެއިން ގަޑިން މެންދުރު ފަހު 1 ޖެހިއިރު ފެށި މި މެޗުގައި ބާސެލޯނާގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ހާފު ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމުން ގިނަ ފުރުސަތުތަކެއް ހޯދިއިރު ބާސެލޯނާގެ ޑިފެންސަށް ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާ ތެރެއިން ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކުރެވެ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޕައުލީނިއޯ އަށެވެ. ހާފުގެ މެދުތެރެއިން ލިއޮނަލް މެސީ ދިން ބޯޅަ އޭރިއާ ތެރެއިން ބްރެޒިލް މިޑްފީލްޑަރު ޖެހުމުން މެޑްރިޑުގެ ގޯލްކީޕަރު ކޭލާ ނާވަސް ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން މަންޒަރު ބަދަލުވި އެވެ. ބާސެލޯނާ އިން އެޓޭކްތައް ވަރުގަދަކުރިއިރު 54 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒެވެ. ފަހަކަށް އައިސް އެދެވޭ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުން އަމާޒުވެފައިވާ ސުއަރޭޒް ވަނީ ސާޖީ ރޮބާޓޯ ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ތިތިރިން ގޯލަށް ވައްދާލައިފަ އެވެ.

ބާސެލޯނާ އިން ދެ ވަނަ ގޯލް ޖެހީ 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މެސީ އެވެ. މިއީ ބާސެލޯނާގެ ޕައުލީނިއޯ ބޮލުން ގޯލަށް ފޮނުވާލި ބޯޅައެއް މެޑްރިޑުގެ ޑެނީ ކަރްވަހާލް އަތްލުމުން އޭނާ އަށް ސީދާ ރަތްކާޑެއް ދެއްކުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ފުރަތަމަ އެ ބޯޅަ މެސީ ޖައްސާލީ ސުއަރޭޒަށެވެ. އޭނާ އެ ބޯޅަ އޭރިއާ ތެރެއިން ޖެހުމުން ކީޕަރު މަތަކޮށް ފޮނުވާލުމުން ސުއަރޭޒް އަލުން އެ ބޯޅަ މެސީ އަށް ދިނެވެ. އަދި މެސީ ދެ ވަނަ ފަހަރަށް ސުއަރޭޒަށް ދިނުމުން އޭނާ ޖެހި ބޯޅަ އަމާޒުވީ ދަނޑި އަށެވެ. އަދި އެ ބޯޅަ ކުޅުމުގެ ތެރެއަށް އައި ވަގުތު ޕައުލީނިއޯ ބޮލުން ފޮނުވާލުމުން ކަރްވަހާލް ވަނީ ވެއްޓިގެންފައި އެ ބޯޅަ އަތުން ދިފާއުކޮށްފަ އެވެ.

ބާސެލޯނާގެ ތިން ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭގައި ޖެހީ އަލެއިކްސް ވިޑާލެވެ. މިއީ އަރިމަތިން ބޭރުވާން ދިޔަ ބޯޅައެއް މެސީ އަތުލައި ބާސެލޯނާގެ ކުޅުންތެރިޔަކަށް ދިނުމުން އޭނާ އަނބުރާ ދިން ބޯޅަ ހިފައިގެން މެސީ އޭރިއާ ތެރެއަށް ވަދެ ވިޑާލަށް ޖައްސާލުމުން އޭނާ ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ.