Roadha Mihaaru
މެސީގެ 500 ވަނަ ލަނޑުން ބާސާ އެއް ވަނަ އަށް

މެސީގެ 500 ވަނަ ލަނޑުން ބާސެލޯނާ އެއް ވަނަ އަށް

24 އެޕްރީލް 2017

މެޑްރިޑް (އޭޕްރިލް 24) – މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ ވައްދާލި، އޭނާގެ 500 ވަނަ ލަނޑާ އެކު ރޭ ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޭޕްރިލް 24) – މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ ވައްދާލި، އޭނާގެ 500 ވަނަ ލަނޑާ އެކު ރޭ ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

ރޭގެ އެލް-ކްލަސިކޯ މެޗުން ބަލިވި ނަމަ ލީގު ހޯދުމުގެ ރޭހުގައި ބާސެލޯނާ ވަރަށް ބޮޑަށް ފެޔަށް ޖެހުމުގެ ފުރުސަތު އޮތްއިރު، މިހާރު އެ ޓީމަށް އެއް ވަނައިގައި 75 ޕޮއިންޓާ އެކު އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 75 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ.

މެޗުގެ ފަހުކޮޅު ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ރަތްކާޑު ދެއްކި މި މެޗުގެ 28 ވަނަ މިނެޓުގައި ކަސެމިރޯގެ ލަނޑުން މެޑްރިޑުން ލީޑު ނެގި އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ރާމޯސް ގޯލަށް ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކަސެމިރޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އެކަމަކު 33 ވަނަ މިނެޓުގައި މެސީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އިވާން ރަކިޓިޗް ދިން ބޯޅަ އޭރިއާ ބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ރެއާލް މެޑްރިޑުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 73 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ބާސެލޯނާ އަށް ކުރި ހޯދައިދީފައިވަނިކޮށް 77 ވަނަ މިނެޓުގައި މެޑްރިޑުގެ ރާމޯސް އަށް ދެއްކި ރަތްކާޑާ އެކު އެ ޓީމަށް އިތުރު ހުރަސްތަކެއް ދިމާވި އެވެ. އެކަމަކު 85 ވަނަ މިނެޓުގައި ޖޭމްސް ރޮޑްރިގޭޒް ވަނީ ރެއާލް މެޑްރިޑަށް އެއްވަރުކޮށްދީފަ އެވެ. މާސެލޯ ދިން ބޯޅަ ގޯލް ކުރިމަތިން ކަހަލަ ގޮތަކަށް ރޮޑްރިގޭޒް އަމާޒުކޮށްލީ ގޯލުގެ މަތީ ދާގަނޑަށެވެ.

މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި މެސީ ވަނީ ގޯލް ޖަހައި ބާސެލޯނާ ލީގު ހޯދުމުގެ ރޭހުގައި ކުރި ހޯދައިދީފަ އެވެ. މުޅި މެޗުގައި ވެސް މެސީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ނޭމާ ނެތްތަން ވެސް މެސީ ފޫބައްދައިދިނެވެ.

ބާސެލޯނާގެ ސީނިއާ ޓީމަށް 2004 ވަނަ އަހަރު ކުޅެން ފެށި މެސީ އެ ކްލަބަށް ރޭ 500 ވަނަ ލަނޑު ޖަހައިދިނީ 577 ވަނަ މެޗުންނެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ އެއް ވަނައިގައި މިވަގުތު އޮތަސް ރެއާލް މެޑްރިޑުގެ އަތުގައި އިތުރު މެޗެއް އެބައޮތް ކަމަށާއި ފަހު ވަގުތާ ހަމަޔަށް ވަރަށް ވާދަވެރި ވާނެ ކަމަށެވެ.

"މެޗު 2-2 އިން އެއްވަރުވި ގޯލަކީ ކުޅުންތެރިންނަށް ލިބުނު ޝޮކެއް. އެކަމަކު ފަހު ނޭވާގައި ކުޅުންތެރިން އެނބުރި އައި. އަހަރެމެން އެންމެން ބޭނުންވި އުފާވެރި ނިމުން މިއީ،" އެންރީކޭ ބުންޏެވެ.

ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްޒީދާން ޒިދާން ބުނީ އަދި އެއްވެސް ކަމެއް ބަދަލުނުވާ ކަމަށާއި އެކަމަކު މި މެޗާ އެކު ލީގު ހޯދުމުގެ ރޭސް ބޮޑަށް ހުޅުވިއްޖެ ކަމަށެވެ. އެކަމަކު އަދިވެސް އަމިއްލަ ބާރު އެބައޮތް ކަމަށް ޒިދާން ބުންޏެވެ.