Roadha Mihaaru
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި

ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި

16 އޮކްޓޯބަރ 2022

އެލް ކްލަސިކޯ މެޗުގައި އަމިއްލަ ދަނޑުގައި ވާދަވެރި ބާސެލޯނާ 3-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެލް ކްލަސިކޯ މެޗުގައި އަމިއްލަ ދަނޑުގައި ވާދަވެރި ބާސެލޯނާ 3-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރެއާލް ކުރީގައި އޮތީ 25 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ ދެ ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. މި ދެ ޓީމާ އެންމެ ގާތުގައި އޮތީ 19 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑެވެ.

ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ލަނޑުން އެ ޓީމު ލީޑު ނެގި އެވެ. މިއީ މެދުތެރެއިން ޓޯނީ ކްރޫސް ޖައްސާލި ބޯޅައެއް ހޯދައި އަރިމަތިން ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޝޮޓެއް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ބްލޮކްކޮށް ފޮނުވާލި ވަގުތު ބެންޒެމާ ވައްދާލި ގޯލެކެވެ.

މި ގޯލަށް ފަހު ބާސެލޯނާ އިން އެޓޭކްތައް ވަރުގަދަކުރި އެވެ. އަދި ދެންމެދެންމެ އެއްވަރުކޮށްފާނެ ކަމަށް ބެލެވުނު ދެ ދަނޑިވަޅެއް ދިޔަ އެވެ. އެކަމަކު ވިނީޝިއަސް އުފެއްދި ހަމަލައެއްގައި، 35 ވަނަ މިނެޓުގައި ފެޑެރިކޯ ވަލްވާޑޭ ލަނޑު ޖަހައި ރެއާލުގެ ލީޑު ފުޅާކޮށްދިނެވެ.

މެޗުގެ ފަހުކޮޅު، 83 ވަނަ މިނެޓުގައި ފެރަން ޓޮރޭޒް ގޯލް ޖަހައި ބާސެލޯނާ އަށް އުއްމީދެއް ހޯދައިދިން ނަމަވެސް 90 ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ އޭނާ ހޯދި ޕެނަލްޓީއަކުން ލަނޑު ޖަހައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ލީގުގައި ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ އަށް ރެއާލުން ނިމުން މި ގެނައީ، ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން ދެ މެޗުން މޮޅުނުވެވި ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ބާސެލޯނާ އަށް ކުރިމަތިވެފައިވަނިކޮށެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އެ ޓީމަށް ވުރެ ރެއާލް އޮތީ މިވަގުތަށް ފުރާފުރިހަމަވެފައި ކަމަށާއި ބަލިވީ އެ ސަބަބާ ހުރެ ކަމަށެވެ.

"އަހަރެމެން މި ކުޅުނީ ވަރުގަދަ ޓީމަކާ ދެކޮޅަށް. އެ ޓީމަށް އެ ޓީމުގެ ރޭވުން އެނގޭ. އަހަރެމެން އެބަޖެހޭ މިއަށް ވުރެ ހަރުދަނާވާން. މި މެޗުތަކުން ކަންކަން ދަސްވާނެ،" ޒަވީ ބުންޏެވެ.

ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ބުނީ ވަރުގަދައީ ވެސް އަދި މޮޅަށް ކުޅުނީ ވެސް އޭނާގެ ޓީމު ކަމަށެވެ. އަދި ބާސެލޯނާ އިން ކުރީގައި ޕްރެސްކުރަމުން ދިޔަ ވަގުތު، ބޯޅަ ހޯދައި އޭގެ ބޭނުން ރެއާލުން ހިފި ކަމަށާއި މޮޅުވުމުގެ ސިއްރަކީ އެއީ ކަމަށް އޭނާ ބުންޏެވެ.