Roadha Mihaaru
އިޒްރޭލުން ގުދުސް އަށް ވެރިވެގަތުން ގާނޫނާ ޚިލާފު

އިޒްރޭލުން ގުދުސް އަށް ވެރިވެގަތުން ގާނޫނާ ޚިލާފު: ދިވެހިރާއްޖެ

13 ޑިސެމްބަރ 2017

ގުދުސް އަށް ވެރިވެގަނެ، އެތަނަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި ރާއްޖެއިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގުދުސް އަށް ވެރިވެގަނެ، އެތަނަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި ރާއްޖެއިން ބުނެފި އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމުން މީގެ ކުރިން ވެސް ރާއްޖެއިން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

މިހާރު ކުރިއަށްދާ އޯއިސީގެ އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ރާއްޖެ ތަމްސީލުކުރާ ވަފުދުގެ ވެރިޔަކަށް ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އެ ސަމިިޓުގައި ތަގްރީރު ކުރައްވަމުން ވިދާޅުވީ އެމެރިކާގެ ނިންމުމަކީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރު މުސްތަގްބަލުގައި ލިބޭނެ ގެއްލުމެއް ކަމަށެވެ. ގުދުސްއަކީ މުސްލިމުންނާ ގުޅުންހުރި ވަރަށް މާތް ބިމެއް ކަމަށާއި ގުދުސް އާއި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަނެ، އެތަނުގައި މީހުން އާބާދުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށާއި އެ ގައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ރާއްޖެއިން ވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިސްލާމީ 57 ގައުމެއްގައި ބައިވެރިވާ އެ ސަމިޓު މިފަހަރު އަމާޒު ކޮށްފައި ވަނީ ވެސް ގުދުސްގެ މައްސަލައަށެވެ. އެ ސަމިޓުގެ ރިޔާސަތު މިފަހަރު ބަލަހައްޓަނީ ތުރުކީންނެވެ.