07 ޑިސެމްބަރ 2017
ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އެއްވެސް ގައުމަކަށް އަދި ޖަމިއްޔާއަކަށް ވެސް ނިގުޅައިނުގަނެވޭނެ ކަމަށް ބުނެ، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން އިއްޔެ ނިންމި ނިންމުމަށް އަދާލަތު ޕާޓީން ވަރަށް ބޮޑަށް މިއަދު ފާޑު ކިޔައިފި އެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުތައް އެއްވެސް ގައުމަކަށް އަދި ޖަމިއްޔާއަކަށް ވެސް ނިގުޅައިނުގަނެވޭނެ ކަމަށް ބުނެ، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން އިއްޔެ ނިންމި ނިންމުމަށް އަދާލަތު ޕާޓީން ވަރަށް ބޮޑަށް މިއަދު ފާޑު ކިޔައިފި އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ރަސްމީކޮށް ނިންމައި ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގުދުސަކީ އިޒްރޭލްގެ ވެރިރަށް ގޮތުގައި ހަދަން އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތާމަ ކުރާ ކަމަށެވެ. އަދި އެ މަސަައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އެ ޕާޓީން ގޮވާލާފައިވެ އެވެ.
އަދާލަތު ޕާޓީން ބުނި ގޮތުގައި މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ މަސްޖިދުލް އަގްސާ ހުންނަ ގުދުސަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިލިއަނަކަށްވުރެ ގިނަ މުސްލިމުންގެ ދީނީ އަގީދާއާ ގުޅިފައިވާ ބިމެކެވެ. އަދި ގުދުސަކީ އިޒްރޭލްގެ ވެރިރަށް ކަމުގައި ހެދީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، ހަމަޔާއި އިންސާފުން ބޭރުން ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހަމަ އެހެންމެ ހަމަޔާއި އިންސާފުގެ ބޭރުން ނުފޫޒުގަދަ ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލްގެ މެދުގައި ހަމަޖެހޭ ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން ގެންދާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅި، މިހާރު ވެސް ހަމަނުޖެހުން ބޮޑު މެދުއިރުމަތީގެ މަސްރަހު އިތުރަށް ފާލުން ނެއްޓިގެންދާނެ ކަމުގައި ފާހަގަކުރަމެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ވަނީ ދުނިޔޭގެ އެކި ގައުމުތަކުން، ހާއްސަކޮށް އަރަބި ގައުމުތަކުން ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުންތަކަށް އެމެރިކާ އިން އިޖާބަ ދީ، ހަމަހަމަކަމާއި އަދުލުވެރިވުމުގެ އިމުން ނެއްޓިފައިވާ މިފަދަ ނިންމުންތައް ބަދަލުކޮށް، ދެމެހެއްޓެނިވި ސުލްހަ އަށް މަގުފަހިވާނެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފަ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން އިންސާފުވެރިކަމެއް ނެތް ޒިންމާދާރުކަން ކުޑަ ނިންމުންތަކެއް ނިންމަމުން ގެންދާނަމަ، ބައިނަލްއަގްވާމީ ނިޒާމު ރޫޅި މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ވެސް އަދާލަތުން ބުންޏެވެ.
މީގެ އިތުރުން އަގްސާ މިސްކިތާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަޒުހަބީ އަދި މާއްދީ އެންމެހާ ބައިބައިވުންތަކާއި އަރައިރުންތައް އެއްފަރާތް ކުރުމަށް ފަހު، އެއްބައިވަންތަވެ، ގުޅިގެން މަސައްކަތްކުރުމަށް އެންމެހައި އިސްލާމީ ގައުމުތަކަށާއި ޖަމާއަތްތަކަށް ވެސް އަދާލަތުން ވަނީ ގޮވާލާފަ އެވެ. ހަމަ އެއާއެކު، އިސްލާމީ ދައުލަތްތަކާ ގުޅިގެން ބައިނަލްއަގްވާމީ މުއައްސަސާތައް މެދުވެރިކޮށް މި މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަށް ދިވެހި ސަރުކާރަށް ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވީ އެކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޮޅުހަދައި ފާޑު ކިޔަމުން ދަނިކޮށެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައި ވަނީ 1967 ގަ ކުރި ހަނގުރާމަ އަށް ފަހު އެވެ. އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ފަހުން އެ ގައުމުން ކަނޑައެޅި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އެހެންކަމުން ގުދުސް އަކީ ޔަހޫދީ ދައުލަތުގެ ވެރިރަށް ކަމަށް ބަލައިގަތް ފުރަތަމަ ގައުމަކީ އެމެރިކާ އެވެ.
އިޒްރޭލުން އަގްސާއަށް ވަނުން ކުށްވެރިކުރަން: ރާއްޖެ
އެމެރިކާގެ ނިންމުމަކީ ހުދުމުހުތާރު ނިންމުމެއް: މިނިސްޓަ
ޓްރަމްޕްގެ ނިންމުމަކީ ސުލްހައަށް އެޅޭ ހުރަހެއް: ރާއްޖެ
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ