Roadha Mihaaru
ސަލާމް ބުނެގެން އުނިކުރި ފައިސާ ދޭން އަނެއްކާ ޖެހިއްޖެ

ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭން އަނެއްކާވެސް ޖެހިއްޖެ

30 ނޮވެމްބަރ 2017

ސިވިލް ސާވަންޓަކު ސަލާމް ބުނުމުން އޭނާގެ މުސާރަ އާއި އިނާޔަތްތަކުން އުނި ކުރި ފައިސާ އަަނބުރާ އޭނާ އަށް ދޭން އަނެއްކާ ވެސް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވަންޓަކު ސަލާމް ބުނުމުން އޭނާގެ މުސާރަ އާއި އިނާޔަތްތަކުން އުނި ކުރި ފައިސާ އަަނބުރާ އޭނާ އަށް ދޭން އަނެއްކާ ވެސް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނި ކުރަމުން ދަނިކޮށް 2015 ގައި ހައި ކޯޓުން ވަނީ އެ ގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ހައި ކޯޓުން އެ ގޮތަށް ކަނޑައެޅުމުގެ ކުރިން ސިވިލް ސާވިސް މުވައްޒަފުންގެ އެލަވަންސުން އުނިކޮށްފައި ހުރި ފައިސާ ހޯދަން ބައެއް މުވައްޒަފުން ދައުވާ ކުރުމުން ހައި ކޯޓުން މީގެ ކުރިން ވެސް ވަނީ އެ ފައިސާ ދޭން ޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

މި ފަހަރު ފައިސާ ދޭން ޖެހޭނެ ކަމަށް ނިންމީ ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފަކު 2015 ގައި ސަލާމް ބުނި ފަސް ދުވަހަށް އޭނާގެ ސާވިސް އެލަވަންސުން އުނިކުރި 250ރ. އެވެ. އެ ފައިސާ އަނބުރާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް އެންމެ ފުރަތަމަ އެންގީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންނެވެ. އެ މައްސަލަ ސީއެސްސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ސަލާމުގައި ހުންނަ ދުވަސްތަކަށް ފައިސާ އުނި ނުކުރެވޭނެ ކަން ވަޒީފާއާ ބެހޭ ގާނޫނަށް ބެލުމުން އެނގޭ އިރު އެ ގާނޫނާ ޚިލާފަށް ހަދާ އެއްވެސް ގަވާއިދެއްގެ މާއްދާއެއް ނުވަތަ އެއްބަސްވުމެއްގެ މާއްދާއެއް ވިޔަސް ބާތިލްވާނެ ކަމަށް އެ ގާނޫނު ބުނާ ކަމަށެވެ. އަދި އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައެޅުމުގައި އުނިކޮށްފައި ހުރި ފައިސާ އަނބުރާ ދިނުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކުރަން ފެށީ 2014 ގައި ހެދި ސިވިލް ސާވިސްގެ ގަވާއިދުގައި އެގޮތަށް އޮތުމުންނެވެ. ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅުމުން ދައުލަތުން ވެސް އޭރު ވަނީ ގަވާއިދުގެ އެ މާއްދާ ގާނޫނާ ޚިލާފް ކަމަށް އެއްބަސްވެފަ އެވެ.