Roadha Mihaaru
ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް

ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

23 އެޕްރީލް 2020

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާ މެދު ގޮތެއް ނިންމައިދޭން އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންނާ މެދު ގޮތެއް ނިންމައިދޭން އެދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މި މަހު ބާއްވަން ކުރިން ހަމަޖެއްސި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ސިވިލް ސާވިސް މުވައްޒަފުން އިންތިޚާބު ނިމެންދެން ސަސްޕެންޝަންގައި ތިބެން ޖެހޭތީ އެ އިންތިޚާބަށް ކުރިމަތިލި ސިވިލް ސާވިސް މުވައްޒަފުން ތިބީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ވެފަ އެވެ. އެހެންވެ، އެކަމަށް ހައްލެއް ހޯދައިދޭން ސީއެސްސީން ހައި ކޯޓަށް ހުށަހެޅީ މި ހަފުތާގަ އެވެ.

އެ ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ހައި ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ ބާވަތުގެ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ވެފައި ތިބި ސިވިލް ސާވަންޓުންގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވެސް ކުރިން އޮތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ސަސްޕެންޝަންގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވޭ ގޮތަށް ހިމަނާފައިވެ އެވެ. އެކަމަކު، އެ ބިލް މިހާތަނަށް ވެސް މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. އެ ބިލް އަވަހަށް ފާސްކޮށްދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިފަ އެވެ.