Roadha Mihaaru
ސަސްޕެންޑްވި ސިވިލް ސާވަންޓުންނަށް ހައްލެއް ބޭނުން

އިންތިހާބަށް ކުރިމަތިލުމުން ވަޒީފާ އިން ސަސްޕެންޑްވި ސިވިލް ސާވަންޓުންނަށް އަވަސް ހަލެއް ބޭނުންވޭ: އަކްރަމް

14 އެޕްރީލް 2020

މި މަހު ކުރިން ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވަންޓުންނަށް ދިމާވެފައިވާ މައްސަލަތަަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު އެދިވަޑައިގެންފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މި މަހު ކުރިން ބާއްވަން އުޅުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވަންޓުންނަށް ދިމާވެފައިވާ މައްސަލަތަަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު އެދިވަޑައިގެންފި އެވެ.

ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސް ވަޒީފާއެއްގައި ހުރި މީހަކު އިންތިޚަބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑް ވާނެ އެވެ. ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު، އެ އުސޫލުން 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ސަސްޕެންޑްވެފަ އެވެ. ނަމަވެސް މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ނުދެވި ދިގުލައިގެންދާތީ އެ އެންމެންގެ ހައްގު ވަނީ ގެއްލިފަ އެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ކުރިން ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޮރޯނާވައިރަސްއާ ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ ހާލަތު އިންތިޚާބެއް ބޭއްވޭ ވަރަށް ރަނގަޅު ނޫން ކަމަށް ނިންމައި އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

ކޮމިޝަންގެ މި ނިންމުމާ އެކު، ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސްގެ މީހުންގެ ސަސްޕެންޝަން ދެމިގެންދާތީ އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އަކްރަމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަސްޕެންޝަންގައި ތިބި މީހުންނަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި އެހެން ނޫން ނަމަ އެއީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އަކްރަމްގެ ޓުވީޓް

އިލެކްޝަންސް ކޮމިޝަނުން ގާނޫނީ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމާފައިވާއިރު، މި ކަމަށް ހައްލު ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ބިލެއް ހުށަހަޅައި އެ ބިލް ފާސްކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބިލް ހުށަހަޅާފައި ވަނީ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ބާއްވާ ގޮތަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭނީ މި ބިލަށް އަމަލުކުރަން ފެށުމުންނެވެ. އެ ބިލަށް އަމަލުކުރަން ފެށުމާ އެކު، ސަސްޕެންޝަނުގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވޭނެ އެވެ. އެކަމަކު، އަލުން ސަސްޕެންޑް ކުރުމާ ދޭތެރޭ އިންތިޚާބުގެ އެއްވެސް މަސައްކތެއް ކުރުން މަނާ ވާނެ އެވެ.