Roadha Mihaaru
ސިވިލް ސާވަންޓުންނަށް ހެދުނު ގޮތެއް ނޭނގެ!

ސިވިލް ސާވަންޓުންނަށް ހެދުނު ގޮތެއް ނޭނގެ!

07 ނޮވެމްބަރ 2021

ދިވެހި ސިވިލް ސާވިސްގެ ގަވައިދަށް ބަދަލު ގެނެސް އަލުން ގެޒެޓްކުރުމާ އެކު ފެނުނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ މަސައްކަތެއްގައި އުޅޭ އެއްވެސް ވަގުތެއްގައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ކުށެއް ކަމަށް ބަޔާންކޮށްފައި އޮތް ތަނެވެ. - ބައެއް މީހުންނަށް މިއީ މުޅިން އާ ވާހަކައެކެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ދިވެހި ސިވިލް ސާވިސްގެ ގަވައިދަށް ބަދަލު ގެނެސް އަލުން ގެޒެޓްކުރުމާ އެކު ފެނުނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ މަސައްކަތެއްގައި އުޅޭ އެއްވެސް ވަގުތެއްގައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ކުށެއް ކަމަށް ބަޔާންކޮށްފައި އޮތް ތަނެވެ. - ބައެއް މީހުންނަށް މިއީ މުޅިން އާ ވާހަކައެކެވެ.

ސިޔާސީ ކަންކަމުގައި ބައިވެރިވާ ނަމަ ސިވިލް ސާވިސް މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ގޮތަށް ގަވައިދު އިސްލާހުކޮށްފި ކަމަށް، މި ވީ ކީއްކަން ނޭނގި ތިބެ، ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ އެކު ދެން ފެނުނީ ސިވިލް ސާވިސް ގާނޫނަށް އެކިފަހަރު އެކި އިސްލާހު ގެންނަން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ބައެއް މެންބަރުން ވެސް އާ ގަވައިދާ މެދު ވަރަށް ކަންބޮޑުވެ ވަޑައިގެން ސިވިލް ސާވަންޓުންގެ "ހައްގުގައި" ނުކުންނެވި ތަނެވެ.

ސިވިލް ސާވަންޓުންގެ ހައްގު ނިގުޅައިގެންފި ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި "ގާނޫނު ހެއްދެވި" ބައެއް ބޭފުޅުންނަށް ވެސް އެ ބޭފުޅުންނަށް ސިވިލް ސާވިސް ގާނޫނަށް ގެނެވުނީ ކޮން ބަދަލެއްކަން ހަނދާނެއް ނެތެވެ. އެހެންވެ ގަވައިދަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ސިވިލް ސާވަންޓުންގެ ގެއްލުނު ހައްގު ދޭން އަޑު އުފުއްލަން ފެއްޓެވީ އެވެ.

ބަދަލު އައި ގޮތް

ސިވިލް ސާވިސް ގާނޫނު 2007 ވަނަ އަހަރު ވުޖޫދުވި އިރު އޮތް ގޮތުން ސިވިލް ސާވަންޓުންނަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. އެކަމަކު ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި، ގާނޫނުގައި މިކަމާ ބެހޭ ގޮތުން އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މާއްދާ އިސްލާހުކުރަން އަމުރުކުރި އެވެ. އެއީ ގާނޫނުގެ 53 ވަަނަ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ "ދިވެހި ސިވިލް ސަވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ" ކަމަށެވެ.

މި މާއްދާ ބާތިލްކޮށް، އިސްލާހުކުރުމަށް ހުކުމްކުރުމާ އެކު ސަރުކާރުގެ ފަރާތުން އޭރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ހުށަހެޅުއްވި ބިލަކުން އެ މާއްދާ އިސްލާހުކުރި އެވެ. އެއީ މިހާތަނަށް މި ގާނޫނަށް ގެނައި ހަ އިސްލާހުގެ ތެރެއިން ތިން ވަނަ އިސްލާހެވެ. މިހާރު ގަވައިދަށް އިތުރުކުރި ބައިތަަކަކީ 2015 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ އިސްލާހުކޮށް ހިމެނި "ސިވިލް ސަވިސްގެ އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެ" ކަންތައްތަކެވެ. އެއީ؛

- އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން، އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.

- މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.

- އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.

- އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

- ސިވިލް ސަވިސްގައި ދެމިހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސަވިސްގެ ގަވާއިދުގައި ހުއްދަނުކުރާ މަގާމެއް ފުރުން.

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެއަށް ބަޔަކު ވަންނަނީ. ސިވިލް ސާވިސް ގަވައިދަށް އައި ބަދަލާ މެދު މެދު ވަނީ ބޮޑު އޮޅުމެއް އަރާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުގެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެއަށް ބަޔަކު ވަންނަނީ. ސިވިލް ސާވިސް ގަވައިދަށް އައި ބަދަލާ މެދު މެދު ވަނީ ބޮޑު އޮޅުމެއް އަރާފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ ހަފްތާގައި އިސްލާހުކުރި ގަވައިދުގައި ހިމެނީ މާޗް 31، 2015 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި މި އިސްލާހުގައި ހުރި ކަންކަމެވެ. މި އިސްލާހުތަކަކީ "ސިޔާސީ ހަރަކާތް" މާނަކޮށްދީ އެކަމުގައި އިމެއް ކަނޑައެޅޭ ގޮތަށް އޮތް އިސްލާހެކެވެ. ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަން މަނައެއް ނުކުރެ އެވެ. މަނާ ވަނީ އޭނާގެ ވަޒީފާގެ ވަގުތު ނުވަތަ ވަޒީފާގެ ޒިންމާ އަދާކުރަން ޖެހޭ ވަގުތަކު ސިޔާސީ ކަންކަމުގައި އުޅުމެވެ. އަދި މިކަމުގައި ގާނޫނުން އިމެއް ވެސް ކަނޑައެޅީ އެވެ.

ކުރީގެ ގަވައިދު

ކުރިން އޮންނަނީ ސިވިލް ސާވިސް ގަވައިދުގައި ކަނޑައަޅާފައިވާ ތިން ވަނަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށެވެ. ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރޭގައި "މި ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން" އޮވެ އެވެ. މިއީ މަސައްކަތުގެ ވަގުތުގައި ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން ކަމަށް ބަޔާންކޮށްފައި އޮންނަނީ ފުޅާ މާނައެއްގަ އެވެ. އިސްލާހުކުރި ގަވައިދުގައި މަސައްކަތުގައި އުޅޭއިރު ސިޔާސީ ވާހަކަ ދެއްކުން އޮތީ ތިން ވަނަ ދަރަޖައިގެ ކުށްތަކުގެ ތެރެއިން އުނިކޮށްފަ އެވެ. އެކަމަކު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ކުރުން އެއީ ތިން ވަނަ ދަރައިގެ ކުށްތަކުގެ ތެރެއަށް އިތުރުކޮށްފައިވާ ކަމެކެވެ.

ކުށްތައް ދަރަޖަކޮށް ތިން ބަޔަކަށް ބަހާފައި ވާއިރު މިހާރު އެއިން އެއްވެސް ކުށަކީ ވަގުތުން ވަޒީފާއިން ވަކިކުރެވޭ ކުށްތަކެއް ނޫނެވެ. އެއީ އަޅާނެ ފިޔަވަޅު ކަނޑައެޅުމުގައި ބަލާނެ މިންގަނޑެވެ.

މިހާރު އޮތީ "ސިވިލް ސާވަންޓުން ކޮށްގެން ނުވާނެ ކަންކަން" ގާނޫނުގައި އޮތް ގޮތަށް ބަޔާންކޮށް އެއީ ވަޒީފާއިން ވަކިކުރެވިދާނެ އަމަލުތައް ކަމަށް ބަޔާންކޮށްފަ އެވެ.

ގަވައިދު އޮތް ގޮތުން 1 ވަނަ ދަރަޖައިގެ ކުށަކީ އެންމެ ކުދި ކުށެވެ. ތިން ވަނަ ދަރަޖަ އަކީ އެންމެ ބޮޑެތި ކުށެވެ. އެހެންވެ، ސިޔާސީ ކަންކަމުގައި ސިވިލް ސާވަންޓުން ބައިވެރިވުން "އެއް ވަނަ ދަރަޖައިގެ" ބޮޑު ކުށަކަށް ހެދީއޭ ބުނެ ކަންބޮޑުވެގެން ވާހަކަ ދައްކަނާ ނަމަ އެ ބުނެވެނީ ވެސް ދިމާ އިދިކޮޅަށެވެ. ގަވައިދު އޮތް ގޮތުން ތިން ވަނަ ދަރަޖައިން އެއް ވަނަ ދަރަޖައަށް ބަދަލުވާ ނަމަ ކުށުގެ ދަރަޖަ އެ ވަނީ ކުޑަ އެވެ.

ގާނޫނާ ފުށުއަރާ ގަވައިދަކީ ބާތިލް އެއްޗަކަށް ވުން އެއްކިބާގައި އޮއްވައި އެކަން ވެސް ހަނދާން ނެތި، މީޑިއާގައި ނުބައިކޮށް ކުރި ރިޕޯޓަކާ އެކު އުޅެގަތް ގޮތުން ހާމަވީ ސިވިލް ސާވަންޓުންނާ މެދު ވެފައި އޮތް އިހުމާލެވެ. ސިވިލް ސާވިސް ގާނޫނުގައި އޮތް އެއްޗެއް އަދި ގަވައިދުގައި އޮތީ ކޯއްޗެއްކަން ވެސް ނޭނގެ އެވެ. ގަވައިދަށް އެ ގެނައީ މީގެ ހަ އަަހަރު ކުރިން ގާނޫނަށް އިތުރުކުރި ބައިތަކެވެ.