Roadha Mihaaru
ސީއެސްސީން ކޯޓުގެ ބޭނުން ގޯސްކޮށް ހިފައިފި: ހައި ކޯޓް

ސީއެސްސީން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފި، ކޯޓުގެ ހަރަދު ދޭންޖެހޭނެ: ހައިކޯޓް

09 ފެބުރުއަރީ 2023

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އަށް ބަދަލު ދޭން އެންގި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށާއި އެހެންވެ، ޝަރީއަތުގެ ހަރަދުގެ އެ ކޮމިޝަނުން އަތުން އަތުލެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އަށް ބަދަލު ދޭން އެންގި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށާއި އެހެންވެ، ޝަރީއަތުގެ ހަރަދުގެ އެ ކޮމިޝަނުން އަތުން އަތުލެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުސްއަބު 2019 ވަނަ އަހަރު މަގާމުން ވަކިކުރި މައްސަލާގައި އޭނާ އަށް 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހައި ކޯޓުން މިދިޔަ އަހަރު އެންގިޔަސް، އެ ފައިސާ ނުދޭތީ އެ ފައިސާ ތިން ދުވަސް ތެރޭގައި ދައްކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސިވިލް ކޯޓުން އަމުރެއް ނެރުނެވެ.

އެ އަމުރު ސީއެސްސީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އެދުނީ އެ ކޮމިޗަނުން އެ މައްސަލަަ އިސްތިއުނާފުކުރީ ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ކަނޑައެޅުމަށެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ޝަރީއަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން މައްސަލައެއް އިސްތިއުނާފު ކޮށްފައިވާ ނަމަ އެ މައްސަލައެއް ބާތިލްކޮށް އަދި އެކަމުގެ ބަދަލު އަނެއް ފަރާތުގެ ކިބައިން އަތުލެވޭނެ އެވެ. މިއީ އެ ގޮތަށް ކަނޑައެޅި ފުރަތަމަ މައްސަލަ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކޯޓެއްގެ ހުކުމަކަށް އަމަލުކުރުން ހުއްޓުވޭނީ މަތީ ކޯޓެއްގެ އަމުރެއް އޮވެގެން ކަމަށް ވާއިރު، ހުކުމާ އެއްގޮތަށް މުސްއަބަށް ފައިސާ ނުދީ ސީއެސްސީން ތިބީ އެފަދަ އަމުރެއް ނެތި ކަމަށެވެ. އެހެންވެ، ސިވިލް ކޯޓުން އެ ފައިސާ ދޭން އަމުރު ނެރުމުން ގާނޫނީ އެއްވެސް ބަހުސެއް ނެތި އެ އަމުރު ސީއެސްސީން އިސްތިއުނާފި ކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށާއި އެއީ ޝަރީއަތުގެ ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"ސިވިލް ސާވިސް ކޮމިޝަނުން ޝަރީއަތުގެ އިޖްރައާތު ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް އަހުރެންނަށް ބުރަވެވެ އެވެ،" ފަނޑިޔާރު މުހައްމަދު ސަލީމް ލިޔުއްވައި، ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

މުސްއަބު --- ފޮޓޯ/މިހާރު

މުސްއަބު --- ފޮޓޯ/މިހާރު

ސީއެސްސީން ކޯޓުގައި ބުނެފައިވާ ގޮތުގައި މުސްއަބަށް ބަދަލު ދޭން ކޮށްފައިވާ ހުކުމް ފަސްކުރުމުގެ އަމުރެއް ނުހޯދި އޮތީ އޭރު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވި އޮތުމުންނެވެ. ސަބަބެއްގެ ގޮތުގައި ކޮމިޝަނުން ދެއްކީ ހައި ކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ނުލިބި އޮތުމެވެ.

އޭގެ ރައްދުގައި ހައި ކޯޓުގެ ހުކުމުގައި ވަނީ ސީއެސްސީން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ހޯދީ އެ ރިޕޯޓް ތައްޔާރުކޮށް ނިމިފައި އޮންނަތާ ހަފުތާއެއް ފަހުން ކަމަށެވެ. އެ ރިޕޯޓް ނެތަސް، މައްސަލައިގެ ހުލާސާ ރިޕޯޓާ އެކު އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަ ކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޝަރީއަތުގައި މުސްއަބު ކުރަން ޖެހުނު ހަރަދު ސީއެސްސީން ދޭން ޖެހޭނެ

ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ. މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ނަގައިދޭން މުސްއަބުގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ. އެ ގާނޫނު އޮންނަ ގޮތުން ކާމިޔާބުވި މައްސަލަ ފަރާތުން ކޯޓުގައި ކުރަން ޖެހުނު ހަރަދު ނާކާމިޔާބުވާ ފަރާތުގެ އަތުން ނެގިދާނެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމުގައި ބުނީ، ސީއެސްސީން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ކަނޑައަޅައި އަދި ޝަރީއަތުގެ ހަރަދު ސީއެސްސީގެ އަތުން ހޯދުމުގެ ހައްގު މުސްއަބަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

މުސްއަބަށް 1.1 މިލިއަންގެ ބަދަލު ދޭން ހައިކޯޓުން ކުރި ހުކުމުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލަ އެ ކޯޓުގައި އޮތުމުން ބަދަލުގެ ފައިސާ ދޫކުރުން މަޑުޖައްސާލަން އެ ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ.