Roadha Mihaaru
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ

މުސްއަބަށް ބަދަލު ދޭން ނިންމި މައްސަލަ އިސްތިއުނާފު ކުރަނީ

11 ސެޕްޓެމްބަރ 2022

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، މުސްއަބު މަގާމުން ވަކިކުރީ ސެޕްޓެމްބަރު 2019 ގަ އެވެ.

އެ މައްސަލައިގައި 2020 ވަނަ އަހަރު މުސްއަބާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ މަހުގެ 28 ގައި ނިންމާފައި ވަނީ އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށާއި ގާނޫނީ މަސައްކަތް ނިމުނުހާ އަވަހަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މުސްއަބު މަގާމުން ވަކިކުރުމަށް ފަހު، އޭނާގެ މަގާމަށް އެހެން މީހަކު އައްޔަންކޮށްފައި ވާތީ މިހާރު ހޯދައި ދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށެވެ.

އެހެންވެ، ބަދަލުގެ ގޮތުގައި، 1،187،666.60ރ. ހުކުމުގެ ތާރީހުން ފެށިގެން 14 ދުވަސް ތެރޭގައި ދިނުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން ނިންމި އެވެ.