Roadha Mihaaru
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ

ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ސީއެސްސީއަށް ބަދަލު ކުރެވޭނެ: ހައި ކޯޓް

25 ޖޫން 2021

ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާ އޮފީހުގެ އެއް ޑިޕާޓްމެންޓުން އަނެއް ޑިޕާޓްމެންޓަށް ބަދަލު ކުރެވިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރާ އޮފީހުގެ އެއް ޑިޕާޓްމެންޓުން އަނެއް ޑިޕާޓްމެންޓަށް ބަދަލު ކުރެވިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ސިވިލް ސާވިސްގެ ގާނޫނު އޮންނަ ގޮތުން މުވައްޒަފުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އޮވެ އެވެ. އެހެން ނަމަވެސް އޮފީހުގެ އެހެން ސެކްޝަނަކަށް ނުވަތަ ޑިޕާޓްމެންޓަކަށް ބަދަލު ކުރެވިދާނެ ކަމަކަށް އެ ގާނޫނަކު ނޯވެ އެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާ އަދާކުރާ ސެކްޝަން ސީއެސްސީިން ބަދަލުކުރި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެގޮތަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. ޓްރައިބިއުނަލުން 2018 ގައި ނިންމާފައިވަނީ އެ މުވައްޒަފަށް އަދުލުވެރި ބަދަލެއްގެ ގޮތުން 1،000ރ. ނަގައި ދިނުމަށެވެ.

އެ މައްސަލަ ސީއެސްސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ގާނޫނުގައި އެގޮތަށް ބުނެފައި ނެތަސް، މަގްބޫލު ސަބަބެއް އޮވެގެން ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށްފަހު މުވައްޒަފުން އެހެން ޑިޕާޓްމެންޓަކަށް ނުވަތަ އެހެން ސެކްޝަނަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ. އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބުނެފައި ނެތަސް، ވަޒީފާދޭ ފަރާތަށް އެ ބާރު އޮންނާނެ ކަމަށާ އަދި އެފަދަ ކަންކަމުގެ ތެރެއަށް ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ވަނުމަކީ ނާދިރު ހާލަތްތަކުގައި ނޫނީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ މަސައްކަތްކުރާ ތަން ބަދަލު ކުރުމުގެ ބާރު އޮތަސް، އެކަން ކުރަން ޖެހޭނީ ނުބައި ނިޔަތެއް ނެތި ކަމަށާއި އޭގެ ބަދަލުގައި އެއީ މުވައްޒަފަކަށް ގެއްލުމެއް ދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލެއް ކަމަށް ގަބޫލު ކުރެވޭ ނަމަ، އެފަދަ ހާލަތްތަކުގައި އެކަންކަމުގެ މައްޗަށް ކޯޓުތަކުން ގޮތް ނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ ބަދަލެއް ގެނައީ މުވައްޒަފެއްގެ އިހުމާލުންތޯ ނުވަތަ ނޫންތޯ ވެސް ކޯޓުތަކަށް ބެލިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް އެ ހުކުމުގައި ވަނީ ގާނޫނާ ޚިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ މައްސަލަތަކުގައި އަދުލުވެރި ބަދަލެއް ނަގައި ދިނުމުގެ ބާރު ޓްރައިބިއުނަލަށް އޮޮތަސް، އެފަދަ ބަދަލެއް ނަގައި ދެވޭނީ އެގޮތަށް އެދޭ ހާލަތުގައި އެކަނި ކަމަށެވެ. އަދި ބަދަލެއް ނަގައިދޭން އެދުނަސް، އެދޭ ބަދަލުގެ މިންވަރު ބަޔާން ކުރަންޖެހޭނެ ކަމަށާއި އެކަމާ މެދު އަނެއް ފަރާތުގެ ބަހެއް ހޯދުމުގެ އިތުރުން ބަދަލު ނަގައިދޭ ނަމަ، އެ ބަދަލެއް ހިސާބުކުރި ގޮތް ޓްރައިބިއުނަލުން ބުނެދޭން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި އެ މުވައްޒަފު އެހެން ސެކްޝަނަށް ބަދަލު ކުރުމުގައި ސިވިލް ސާވިސް ގާނޫނުގައި ބުނާ އިޖްރައާތު ސީއެސްސީން ފުރިހަމަކޮށްފައި ނުވާތީ ހައި ކޯޓުން ނިންމީ އޭނާ ވަޒީފާ އަދާކުރި ތަން ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެން ނަމަވެސް ޓްރައިބިއުނަލުން އޭނާ އަށް ނަގައިދިން ބަދަލު ހިސާބުކުރި ގޮތް އެނގެން ނެތުމުން އޭނާ އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެގޮތަށް ނިންމީ ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ އެ މުވައްޒަފުގެ ވަޒީފާގެ އެއްބަސްވުން އޮތްގޮތުން އެހެން ސެކްޝަނަކަށް ބަދަލު ކުރުމުގެ ބާރު އެބައޮތް ކަމަށާއި އަދި ސިވިލް ސާވިސް ގަވާއިދު އޮތްގޮތުން ވެސް އެހެން ސެކްޝަނަކަށް މުވައްޒަފުން ބަދަލު ކުރެވިދާނެ ކަމަށެވެ. އެހެންވެ، ފަނޑިޔާރު ރައޫފްގެ ރައުޔަކީ އެ މުވައްޒަފު ބަދަލުކުރި ކުރުން ރަނގަޅު ކަމަށެވެ.