Roadha Mihaaru
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ

ކޯސްތަކަށް ދޫކުރާ މުވައްޒަފުން ފާސް ނުވާ ނަމަ، ވަޒީފާއިން ވަކިކޮށް ޚަރަދު އަނބުރާ ހޯދަނީ

08 ޖެނުއަރީ 2021

ވަޒީފާގެ ވާޖިބުތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަ ނުކޮށްފި ނަމަ ނުވަތަ ފާސް ނުވެއްޖެ ނަމަ އެ މީހަކު ވަޒީފާއިން ވަކިކޮށް އަދި ކޯހުގެ ޚަރަދު އެ މީހަކު އަތުން އަނބުރާ ހޯދާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަޒީފާގެ ވާޖިބުތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަ ނުކޮށްފި ނަމަ ނުވަތަ ފާސް ނުވެއްޖެ ނަމަ އެ މީހަކު ވަޒީފާއިން ވަކިކޮށް އަދި ކޯހުގެ ޚަރަދު އެ މީހަކު އަތުން އަނބުރާ ހޯދާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަމަޖައްސައިފި އެވެ.

ސީއެސްސީން އިއްޔެ ނެރުނު ސާކިއުލާއެއްގައިވަނީ ވަޒީފާގެ ވާޖިބުތައް އަދާކުރަން ފުރިހަމަ ކުރަންޖެހޭ ތަމްރީނު ނުވަތަ ކޯހެއް ފުރިހަމަ ނުކޮށްފި ނަމަ ނުވަތަ ފާސް ނުވެއްޖެ ނަމަ ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މީހަކު ވަޒީފާއިން ވަކި ކުރުމުގެ އިތުރުން އެ ކޯހަކަށް ކުރި ޚަރަދު އެ މީހެއްގެ އަތުން އަނބުރާ ހޯދަން ޖެހޭނެ ކަމަށެވެ.

އެކަމަކު ވަޒީފާގެ ވާޖިބާ ގުޅުމެއް ނެތް ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަ ނުކުރިޔަސް، އެ މީހަކު ކުރިން ހުރި މަގާމެއްގައި ބަހައްޓަން ވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އަދި މަތީ މަގާމެއް ރިޒާވް ކޮށްގެން ތަމްރީނުތަކާއި ކޯސްތަކަށް ދޫކުރާ މުވައްޒަފުން އެ ޕްރޮގްރާމަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަ ނުކުރާ ހާލަތުގައި ކުރިން ހުރި ވަޒީފާ ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއެއް ދޭން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ވަޒީފާއިން ވަކި ނުކުރާ ހާލަތުގައި، ކޯހަކަށް ކުރި ޚަރަދު އަނބުރާ ހޯދުމުގެ ބަދަލުގައި ސިވިލް ސާވިސްއަށް ވަކި މުއްދަތަކަށް އެ މުވައްޒަފަކު ޚިދުމަތް ކުރަންޖެހޭ ގޮތަށް އެއްބަސްވުމެއް ހަދަން ޖެހޭނެ އެވެ. އެކަމަކު ކޯހުގެ ޚަރަދުގެ އިތުރަށް އިތުރު ފައިސާއެއް ޚަރަދު ކުރި ނަމަ އެއް ފަހަރާ ނުވަތަ މަހުން މަހަށް ދައްކާ ގޮތަށް އެ ފައިސާ ހޯދަން މުވައްޒަފާ އެކު އެއްބަސްވުމެއް ހަދަން ވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.