Roadha Mihaaru
ޑިޕްލޮމާ ނެތް އިސް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ

ޑިޕްލޮމާ ނެތް އިސް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ

26 އޮކްޓޯބަރ 2017

ސިވިލް ސާވިސްގެ މެދު ފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ މުވައްޒަފުުންގެ ތެރެއިން ޑިޕްލޮމާ ސެޓްފިކެޓް ހާސިލްނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސްގެ މެދު ފަންތީގެ މަގާމުތަކުން ފެށިގެން މަތީގެ މުވައްޒަފުުންގެ ތެރެއިން ޑިޕްލޮމާ ސެޓްފިކެޓް ހާސިލްނުކުރާ މުވައްޒަފުން ވަޒީފާ އިން ވަކި ކުރާ ގޮތަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

ސީއެސްސީން އިއްޔެ ވަނީ މެދު ފަންތީގެ މެނޭޖްމަންޓްގެ މުވައްޒަފުންނާއި ސީނިއާ ސިވިލް ސާވިސް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒަފުން، 2019 ވަނަ އަހަރުގެ ޖޫން މަހާ ހަމަ އަށް ޑިޕްލޮމާ ފެންވަރަށް ކިޔަވަން ފުރުސަތު ދީ އެކަމުގެ އުސޫލެއް އާއްމުކޮށްފަ އެވެ.

އެ މުއްދަތުގައި ޑިޕްލޮމާ ހާސިލް ނުކުރާ ނަމަ، އެ ކޮމިޝަންގެ ގަވާއިދުގެ ދަށުން ވަޒީފާ އިން ވަކިކުރާނެ ކަން ފާހަގަކޮށްފައި ވެ އެވެ.

އެ އުސޫލުގައި ބުނެފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހާ ހަމަ އަށް ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓް ހާސިލް ނުކުރާނަމަ "ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހަކުން ފާސްނުވުން، ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން" ވަޒީފާ އިން ވަކިކުރާނެ ކަމަށެވެ.

ސިވިލް ސާވިސް އިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް "ސިވިލް ސާވިސް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިިކުރުމުގެ ގޮތުން، ސިވިލް ސާވިސްގެ އިސް މުވައްޒަފުންނަކީ ވަކި ފެންވަރަކަށް ތަމްރީނުވެފައިވާ ބައެއް ކަމަށް ކަނޑައެޅުމުގެ ސިޔާސަތު"ގެ ނަމުގައި އެކުލަވާލައިވާ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

އޭގައި ބުނެފައިވާ ގޮތުގައި ތަމްރީނުވުމަށް ލާޒިމްކުރާ ފަރާތްތަކުގެ ތެރެއިން ތަމްރީނުވުމަށް އުޒުރުވެރިވާ 55 އަހަރުން މަތީގެ މުވައްޒަފުންނަށް ވަނީ ވަޒީފާ އިން ރިޓާޔާވުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ޑިޕްލޮމާ ފެންވަރަށް ތަމްރީނުވާން ޖެހޭނީ ހިންގުމުގެ ދާއިރާއާ ނުވަަތަ އެ މުވައްޒަފެއްގެ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުންނެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި ތައުލީމާއި ތަމްރީނުތައް ހޯދުމަށް ވަޒީފާ އިން ވީއްލުމުގެ ފުރުސަތުތައް އޮފީސްތަކަށް ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ގަވާއިދުގެ ތެރެއިން މިހާރު ވެސް ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރަން ސީއެސްސީން އަންނަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުގައި ވެސް ކޯސްތައް ހިންގަމުންނެވެ. އެގޮތުން އެ އިންސްޓިޓިއުޓުން ތަމްރީނުވުމުގެ ފުރުސަތުތައް ވެސް އޮންނާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ވަކި ރޭންކެއްގައި މަސައްކަތް ކުރާ މުައްޒަފުން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ސީއެސްސީން އުސޫލެއް ހެދިއިރު، ރަސްމީ ގަޑީގައި އަމިއްލަ ކަންކަމުގައި ބޭރުގައި އުޅޭ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިން ކަނޑައަޅަން ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ސިވިލް ސާވެންޓުގެ ގޮތުގައި 24،516 މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރެ އެވެ.