Roadha Mihaaru
ސިވިލް ސާވެންޓުންގެ ސަސްޕެންޝަންގެ މައްސަލަ ހައި ކޯޓަށް

އިންތިޚާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ސަސްޕެންޝަންގެ މައްސަލަ ހައި ކޯޓަށް

21 އެޕްރީލް 2020

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާނުލެވި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދަން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އުވާނުލެވި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދަން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މި މަހުގެ ހަތަރު ވަަނަ ދުވަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ވަނީ ކޮވިޑް-19 އާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާތީ ސަސްޕެންޑުކުރި ސިވިލް ސާވެންޓުންގެ ސަސްޕެންޝަން އަދި ވެސް އުވާނުލާތީ އެކަމާ ގުޅިގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަސްޕެންޑުކޮށްފައިވާ ސިވިލް ސާވެންޓުންނަށް ޝަރުއީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދައިދިނުމަށް އެދި އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދޭނެ ގޮތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާ އެކު ވެސް އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ.

މުވައްޒަފުން ސަސްޕެންޝަނުގައި ހުންނަ މުއްދަތުގައި މުސާރަ އާއި އެއްވެސް އިނާޔަތެއް ނުލިބުމާއި ވަކި މުއްދަތެއް ނެތް ގޮތަށް، ދިގު މުއްދަތަކަށް އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުން އެކަހެރިކޮށްފައިވުމުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސިވިލް ސާވިސް އަށް ހުރަސް އެޅިފައިވާ ކަމަށް ބުންޏެވެ. އެހެންވެ އިންތިހާބު ބާއްވާނެ ކަމަށް ކުރިން އިއުލާނުކުރި ތާރީހުން ފެށިގެން އެ އިންތިހާބު އަލުން ބާއްވާނެ ތާރީހު އިއުލާނުކުރުމާ ހަމައަށް ސަސްޕެންޑުކޮށްފައިވާ މުވައްޒަފުންގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމަށް ވަނީ އެދިފަ އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ފެނަކަ މުވައްޒަފުންގެ ސަސްޕެންޝަން އެ ކުންފުނިން ވަނީ އުވާލައިފަ އެވެ.

ގާނޫނު އޮންނަ ގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ސިވިލް ސާވިސް މުވައްޒަފުން އިންތިޚާބު ނިމެންދެން ތިބެން ޖެހޭނީ ސަސްޕެންޝަންގަ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލް ފާސްވުމުން އެ މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އަންނާނެ އެވެ.