Roadha Mihaaru
ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ފަސްކުރަން އަންގައިފި

ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި

17 މެއި 2021

ތ. ކަނޑޫދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މެމްބަރުން ހުވާކުރުން ފަސްކުރަން ހައި ކޯޓުން ރޭ އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތ. ކަނޑޫދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މެމްބަރުން ހުވާކުރުން ފަސްކުރަން ހައި ކޯޓުން ރޭ އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކަނޑޫދޫ ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީން އަދި ޕީޕީއެމުން އެއް ގޮނޑި ވަނީ ކާމިޔާބު ކޮށްފަ އެވެ. އެ ރަށު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އޮތީ އިންތިޚާބަކާ ނުލައި ހޮވިފަ އެވެ. އެއީ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ކުރިން ބާތިލް ކޮށްފައި އޮތުމުންނެވެ.

އަލަށް އިންތިޚާބުވި ހުރިހާ ކައުންސިލް މެމްބަރުން މިއަދު ހުވާކުރަން ހަމަޖައްސާފައި ވަނިކޮށް، ހައި ކޯޓުން އެގޮތަށް ރޭ އަމުރު ނެރުނީ ކަނޑޫދޫ ކައުންސިލްގެ އިންތިޚާބާ ގުޅިގެން އެ ރަށުގެ ދެ މީހަކު އެ ކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައަކާ ގުޅިގެންނެވެ.

ހައި ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން، ކަނޑޫދޫ ކައުންސިލަށް އިންތިޚާބުވި މެމްބަރުން ހުވާ ނުކުރަން އަންގާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއު އެވެ.

މީގެ ކުރިން ވެސް ހައި ކޯޓުން ވަނީ ތިން ރަށެއްގެ ކައުންސިލްގެ އިންތިޚާބީ ރައީސް ހުވާކުރުން ފަސްކުރަން އަންގައިފަ އެވެ. އެއީ ގއ. ކޮނޑޭ އާއި ލ. މާބައިދޫގެ އިތުރުން ހއ. ފިއްލަދޫ ކައުންސިލްގެ ރައީސުންނެވެ. އެ ތިން ކައުންސިލަށް ރައީސުން އިންތިޚާބު ކުރުމާ ގުޅޭ އިންތިޚާބީ މައްސަލަތަކެއް ހައި ކޯޓުން މިހާރު ދަނީ ބަލަމުންނެވެ.

ކައުންސިލް އިންތިޚާބާ ގުޅޭ ޖުމުލަ ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހެޅިއިރު، ރޭ ވަނީ އޭގެ ތެރެއިން ތިން މައްސަލައެއް ކާމިޔާބު ނުވެ ނިމިފަ އެވެ. އެއީ ށ. ބިލެތްފައްސާއި ކ. ތުލުސްދޫ އަދި ލ. މާވަށު ކައުންސިލްގެ އިންތިޚާބުގެ މައްސަލަ އެވެ.