20 މެއި 2021
ހއ. ފިއްލަދޫ އާއި ތ. ކަނޑޫދޫ ކައުންސިލް އިންތިޚާބުގެ މައްސަލަ ވެސް ހައި ކޯޓުން ކާމިޔާބު ނުވެ މިއަދު ނިމިއްޖެ އެވެ.
ހއ. ފިއްލަދޫ އާއި ތ. ކަނޑޫދޫ ކައުންސިލް އިންތިޚާބުގެ މައްސަލަ ވެސް ހައި ކޯޓުން ކާމިޔާބު ނުވެ މިއަދު ނިމިއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް އޭނާ އެ ގޮނޑި ކާމިޔާބުކުރީ އެއް ވޯޓުގެ ތަފާތުންނެވެ. އިރުޝާދުގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ ވޯޓު އަލުން ގުނުމުގެ އަމުރަކަށް އެދި އެވެ. އެ މައްސަލަ ނިމެންދެން ފިއްލަދޫ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރަން އެ ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.
ފިއްލަދޫ ކައުންސިލް ރައީސްގެ އިންތިހާބުގެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިންތިހާބުގައި ވޯޓު ގުނަމުން ދިޔައިރު އިރުޝާދުގެ ފަރާތުން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އިރުޝާދަށް ލިބުނު ވޯޓުތައް ފަތުހުﷲ ގެ ނަމުގައި ގުނާފައިވާ ކަމަށް ބުނެ ނަތީޖާ އިއުލާންކުރި ފަހުން އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމްގެ ފަރާތުން ޝަކުވާ ހުށަހެޅިއިރު ވެސް އެކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓުތައް އަލުން ގުނަން އަމުރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.
ކަނޑޫދޫ ކައުންސިލް އިންތިޚާބާ ގުޅިގެން އެރަށު ދެ މީހަކު ހައި ކޯޓަށް ޝަކުވާ ހުށަހެޅީ ވޯޓުލުމާއި ގުނުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އަލުން އިންތިހާބު ބޭއްވުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ މައްސަލަ ހިނގަމުން ދާތީ އެރަށު ހުރިހާ ކައުންސިލް މެމްބަރުން ހުވާކުރުން މަޑުޖައްސާލަން ކުރިން އޮތީ ހައި ކޯޓުން އަންގައިފަ އެވެ.
އެ މައްސަލާގައި ކުރި ހުކުމުގައިވަނީ އިންތިހާބެއް އަލުން ބާއްވަން އަމުރު ކުރެވޭނީ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮންނަ ހާލަތުގައި އެކަނި ކަމަށާއި އެ މައްސަލަ ހުށަހެޅި ފަރާތްތަކުން ހުށަހެޅި ކަންކަމަށް ބަލާއިރު އެފަދަ ކަމެއް ސާބިތުވާން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.
ކައުންސިލް އިންތިހާބާ ގުޅޭ ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހެޅުނެވެ. އެއީ ފިއްލަދޫގެ އިތުރުން ށ. ބިލެތްފަހި އާއި ކ. ތުލުސްދޫ އާއި ލ. މާބައިދޫ އާއި ލ. މާވަށާއި ތ. ކަނޑޫދޫ އާއި ގއ. ކޮނޑޭ ކައުންސިލް އިންތިޚާބުގެ މައްސަލަ އެވެ. އޭގެ ތެރެއިން ށ. ބިލެތްފަހި އާއި ތުލުސްދޫ އާއި މާވަށުގެ އިންތިޚާބުގެ މައްސަލަ ކާމިޔާބު ނުވެ، ކުރިން ވަނީ ނިމިފަ އެވެ.
ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ފަސްކުރަން އަންގައިފި
ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ހުއްޓުވައިފި
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އިންތިޚާބަށް ހުޅުވާލުން: މައްސަލަ ބަލައެއްނުގަތް
ހަމަހަމަ ހައްގު ނުލިބޭތީ ހުށަހެޅި މައްސަލަ ބަލައިނުގަތް
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ ބަލައިގެންފި
ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް