Roadha Mihaaru
އިލްމީ ގާބިލްކަން ނެތިގެން ވަކިކުރުމުން އަލުން ވަޒީފާ

އިލްމީ ގާބިލްކަން ނެތިގެން ވަކިކުރި ސިވިލް ސާވަންޓަކަށް އަލުން ވަޒީފާ ދޭން އަންގައިފި

31 އޮކްޓޯބަރ 2017

ވަޒީފާ އަދާކުރުމުގެ އިލްމީ ގާބިލްކަން ނެތިގެން ވަކިކުރި ސިވިލް ސާވަންޓަކަށް އަލުން އެ ވަޒީ ފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ތާއީދުކޮށް، ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަޒީފާ އަދާކުރުމުގެ އިލްމީ ގާބިލްކަން ނެތިގެން ވަކިކުރި ސިވިލް ސާވަންޓަކަށް އަލުން އެ ވަޒީ ފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ތާއީދުކޮށް، ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އދ. މަހިބަދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ހުރި އެ މީހާ އޮގަސްޓް، 2014 ގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަޒީފާއިން ވަކިކުރީ އެ މަގާމުގެ މަސައްކަތަށް އައި ބަދަލާ ގުޅިގެން ތަމްރީނު ވުމުގެ ފުރުސަތު ދިނުމުން ވެސް އެ ފުރުސަތުގެ ބޭނުން ނުހިފުމުން، އެ މަގާމު އަދާކުރުމުގެ އިލްމީ ގާބިލްކަން ނެތް ކަމަށް ބުނެ އެވެ.

ސަރުކާރަށް 28 އަހަރު ޚިދުމަތްކުރި އެ މީހާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއްގައި ބެހެއްޓުމަށް ޓްރައިބިއުނަލުން އެންގި އެންގުން ސީއެސްސީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް އިއްޔެ ނިންމީ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އިލްމީ ގާބިލްކަން ނެތިގެން މުވައްޒަފު ވަކި ކުރެވޭނީ އެ މީހެއްގެ ހުރި އިލްމީ ގާބިލްކަން ވަޒީފާ ދޭ ފަރާތަށް އޮޅުވާލައިގެން ވަޒީފާ ހޯދާފައިވާ ނަމަ ނުވަތަ ވަޒީފާ ދިންއިރު، އިތުރަށް އިލްމީ ގާބިލްކަން ހާސިލް ކުރުން ޝަރުތު ކޮށްފައިވާ ނަމަ ކަމަށެވެ.

ނަމަވެސް، އެ މީހާ އަށް އެ ވަޒީފާ ލިބުނީ އިލްމީ ގާބިލް އޮޅުވާލައިގެން ކަން އެނގެން ނެތުމުގެ އެ ވަޒީފާ ދިންއިރު އިތުރަށް އިލްމީ ގާބިލްކަން ހާސިލް ކުރުން ޝަރުތު ކޮށްފައި ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ މީހާ ވަޒީފާ އަދާކުރި ދިގު މުއްދަތުގައި އެއް ފަހަރު ނަސޭހަތް ދިނުން ފިޔަވައި، އިތުރު އިސްލާހީ ފިޔަވަޅެއް އެ މީހާއާ ދެކޮޅަށް އަޅާފައި ނެތް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ތާއީދުކުރީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަލީ ސަމީރެވެ.