Roadha Mihaaru
ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭންޖެހޭނެ

ސަލާމް ބުނެގެން އުނިކުރި ފައިސާ އަނބުރާ ދޭންޖެހޭނެ: ހައި ކޯޓް

28 ނޮވެމްބަރ 2017

ސިވިލް ސާވިސް މުވައްޒަފަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސް މުވައްޒަފަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.

ސިވިލް ސާވަންޓުން ސަލާމް ބުނުމުން ސާވިސް އެލަވަންސުން އެ ދުވަހަކަށް ޖެހޭ ވަރު އުނިކުރަމުން އައީ އޭރު ސިވިލް ސާވިސްގެ ގަވާއިދުގައި، ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ކުރަންޖެހޭނެ ކަމަށް އޮތުމުންނެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ ގަވާއިދުގެ އެ ޖުމްލަ ބާތިލްކޮށް، ސަލާމް ބުނާ ދުވަސްތަކަށް ފައިސާ އުނި ނުކުރެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސިވިލް ސާވަންޓަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން 66ރ. އުނިކޮށްފައި ވަނިކޮށް އެ ފައިސާ އަނބުރާ ދޭން ޓްރައިބިއުނަލުން އެންގި އެންގުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސަލާމުގައި ހުންނަ ދުވަސްތަކަށް ފައިސާ އުނި ކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފް ކަމެއް ކަމަށާއި އެ ގާނޫނާ ޚިލާފަށް ގަވާއިދެއްގައި އަދި ވަޒީފާގެ އެއްބަސްވުމެއްގައި ވެސް މާއްދާއެއް އޮތް ނަމަ އެ މާއްދާއެއް ބާތިލްވާނެ ކަމަށެވެ. އަދި ސިވިލް ސާވިސް ގަވާއިދުގައި، ސަލާމުގައި ހުންނަ ދުވަސްތަކުގައި ފައިސާ އުނިކުރަންޖެހޭ ކަމަށް އޮތް ބައި އިސްލާހު ކުރަން އެ ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން އެޓާނީ ޖެނެރަލް ލަފާ ދެއްވާފައިވާ ކަން ވެސް އެ ހުކުމުގައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ތިބޭ ސިވިލް ސާވަންޓުންނާއި އެހެން އޮފީސްތަކުގައި ތިބޭ ސިވިލް ސާވަންޓުންނާ އެއްވެސް ތަފާތެއް ނުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވާ އިރު، ގަވާއިދުގެ އެ މައްސަލަ ފާހަގަވުމުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ސިވިލް ސާވަންޓުން ސަލާމް ބުންޏަސް ސާވިސް އެލަވަންސުން ފައިސާ އުނި ނުކުރާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

ސިވިލް ސާވަންޓުން ސަލާމް ބުނުމުން ފައިސާ އުނިކުރަންޖެހޭ ގޮތަށް އޮތް ބައި ހައި ކޯޓުން ކުރިން ބާތިލްކުރީ އަމިއްލަ މީހަކު ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލާގައި ދައުލަތުން ވެސް ކޯޓުގައި އޭރު ވަނީ ގަވާއިދުގެ އެ ބައި ގާނޫނާ ޚިލާފް ކަމަށް އެއްބަސްވެފަ އެވެ.