22 ނޮވެމްބަރ 2017
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި، އެކަމުގައި ބައިވެރިވި މީހަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި، އެކަމުގައި ބައިވެރިވި މީހަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޑިސެމްބަރު، 2013 ގައި މއ. އައިޝާ، ހުސައިން ވަހީދު މަރައިލި އިރު އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވެ، މަރަން ހުކުމް ކުރިއިރު އޭނާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ. އޭނާގެ މައުލޫމާތު ހަބަރުގައި ހިމަނާފައި ނުވަނީ އޭނާ އެ އަމަލު ހިންގީ ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކަމަށްވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުުގެ ދަށުން، އޭނާގެ މައުލޫމާތު އާންމު ކުރުން މަނާވާތީ އެވެ.
އެ މީހާއަކީ ގްރޫޕަކުން ސައިކަލުތަކެއްގައި ގޮސް ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާ ދިން އިރު އޭގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން މީހާ އެވެ. ހަމަލާ ދިން އެކަކު ގޮވައިގެން ސައިކަލުގައި އެ ތަނުން ދިޔައީ ވެސް އޭނާ އެވެ. އެހެންވެ، އޭނާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި އޭނާ މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ހަމަލާ ދިން އެކަކު ގޮވައިގެން އޭނާ ސައިކަލުގައި އެ ތަނަށް އައުމަށް ފަހު، އޭނާގެ ހާޒިރުގައި އެ މީހާ ހުސައިން ވަހީދަށް ހަމަލާ ދިނުމުން އެ މީހާ ގޮވައިގެން އޭނާ އެ ތަނުން ސައިކަލުގައި ދިޔަކަން ތިން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.
އެ މީހާ ހުސައިން ވަހީދަށް ހަމަލާދިނީ އޭނާގެ ހާޒިރުގައި ކަމަށް ވާއިރު އެ ހަމަލާ އަށް ފަހު އެ މީހާ ގޮވައިގެން އޭނާ އެ ތަނުން ސައިކަލުގައި ގޮސްފައިވުމަކީ އެކަމުގައި އޭނާ ބައިވެރިވުން ކަމަށް ބެލެވޭނެ ކަމަށް ހުކުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގައި، އެ މީހެއްގެ ހާޒިރުގައި އެހެން މީހަކު ކުށެއް ކުރުމުން ކުށްކުރި މީހާ ސަލާމަތްވާން ފަސޭހަވާ ފަދަ ކަމެއް ކޮށްފި ނަމަ އެއީ އެ އަމަލުގައި ބައިވެރިވުން ކަމަށް ބެލެވޭތީ އެވެ.
އެ ހުކުމުގައިވާ ގޮތުން، ގަސްދު މަރެއްގައި ފުރިހަމަވުން އިސްލާމީ ޝަރީއަތް ލާޒިމްކުރާ ތިން ރުކުން އެ މައްސަލާގައި ފުރިހަމަވެ އެވެ. އެގޮތުން ހުސައިން ވަހީދަކީ ލޭގެ ހުރުމަތް ކެނޑިފައިވާ މީހަކަށް ނުވާ އިރު އޭނާ މަރުވެފައިވަނީ ގްރޫޕަކުން އައިސް އޭނާ އަށް ދިން ހަމަލާތަކުގެ ސަބަބުން ކަން އެނގެން އޮތް ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ހަމަލާދިނީ ވަޅިއެއް ބޭނުން ކޮށްގެން ކަމަށްވެފައި އެއީ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރަކަށް ވާތީ މެރުމުގެ ގަސްދު އޮތް ކަމަށް ވެސް ބަލަންޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ހެކިބަސް ދިން ހެކިންގެ މައުލޫމާތު ސިއްރުކޮށްފައި ވިޔަސް އެ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ލިބިފައި އޮތުމުން ދިފާއުވުމުގެ ފުރުސަތު އޭނާ އަށް ލިބިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ހެކިބަސް ދިން ހެކިންގެ ހެކިބަސް ބަލައިނުގަނެވޭ ފަދަ އެއްވެސް ސަބަބެއް ނެތުމުން އެ މީހުންގެ ހެކިބަސް ގަބޫލު ކުރުމުގައި މައްސަލައެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ މީހާއަކީ އޭރު 18 އަހަރު ނުފެރޭ މީހަކަށް ވިޔަސް ބާލިޣުވެފައިވާ ކޮންމެ މީހަކީ ކުށުގެ މަސްއޫލިއްޔަތު އިސްލާމީ ޝަރީއަތުގެ ދަށުން އުފުލަންޖެހޭ މީހެއް ކަމަށް ހުކުމުގައިވެ އެވެ. އެ ކުއްޖާއަކީ އޭރު 17 އަހަރު ފުރިފައިވާ މީހަކަށް ވާއިރު ޖުމްހޫރު އިލްމުވެރިންގެ ރައުޔުގައި، 15 އަހަރު ފުރޭ ކޮންމެ މީހަކީ ބާލިޣުވެފައިވާ މީހެއް ކަމަށް ބެލެވޭއިރު އުމުރުން 15 އަހަރުން މަތީގެ ކުދިން ކުރާ ކުށްތަކަށް އެ ކުދިން ޒިންމާ އުފުލަންޖެހޭނެ ކަމަށް ރާއްޖޭގެ ގާނޫނުތަކުގައި ވެސް އޮންނަ ކަމަށް އެ ހުކުމުގައިވެ އެވެ.
އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހުން މެރުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރިސުން ބޭނުންވާ ނަމަ މަރުގެ އަދަބު ކަމަށާއި އެ މައްސަލައިގައި ހުސައިން ވަހީދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ މަރަށް މަރު ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު މަރުގެ އަދަބު ކަނޑައެޅޭނީ ކުށްކުރި މީހަކީ ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި މީހަކަށް ވާ ނަމަ ކަމަށް އެ ހުކުމުގައިވެ އެވެ.
"އިސްލާމީ ޝަރީއަތުގައި މުކައްލަފުންނަކީ ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި މީހުން ކަމާއި، މި ޝަރުތު ފުރިހަމަވާ ކޮންމެ މީހަކީ އެ މީހަކު ކުރާ އަމަލުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ މީހެއް.." އެ ހުކުމުގައިވެ އެވެ.
ގިނަ ގައުމުތަކެއްގައި މިހާރު ވެސް މަރުގެ އަދަބު ތަންފީޒު ކުރަމުންދާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ބަލާއިރު ވެސް މަރުގެ އަދަބު ކަނޑައެޅުމަށް ހުރަސް އެޅޭ ފަދަ ސަބަބެއް ނެތެވެ. ސަބަބަކީ މަރުގެ އަދަބާ ދެކޮޅަށް މުއާހަދާތަކުގައި ހުރި މާއްދާތަކަށް ރާއްޖެއިން އަމަލު ނުކުރަން ނިންމައި، ރިޒަވޭޝަން ހަދާފައި އޮތުމެވެ. އަދި މިއަދާ ހަމައަށް ވެސް އެ ރިޒަވޭޝަން ދަމަހައްޓަމުންދާ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހުސައިން ވަހީދު މަރާލި މައްސަލާގައި އިތުރު ކުއްޖަކު މެރުމަށް ވެސް ޖުވެނައިލް ކޯޓުން އޭރު ހުކުމްކުރި އެވެ. އެ މައްސަލަ އަދި ހައި ކޯޓުން ނުނިމެ އެވެ.
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދު އޮންނަ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ދެމެހެއްޓުމުންނެވެ. ސުޕްރީމް ކޯޓުން މިހާތަނަށް ނިމުނީ ތިން މައްސަލަ އެކެވެ. މިހާރު އޮންނަ ގޮތުން މަރުގެ އަދަބުގެ ހުކުމެއް ކުށްވެރިޔާގެ ފަރާތުން އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން މަތީ ކޯޓުތަކަށް ދާންޖެހެ އެވެ.
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އަނަސްގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ ސަލާމަތްވެއްޖެ
ނަދީމްގެ މަރާ ގުޅިގެން ކުއްޖަކަށް ކުރި ދައުވާ ބާތިލް
އަނަސްގެ މަރުގެ ދައުވާލިބޭ ކުއްޖާ ދައުވާއަށް އިންކާރު
އިރުޝާންގެ މަރާ ގުޅިގެން ތިން ކުއްޖަކަށް ދައުވާކޮށްފި
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
މަރުގެ ތުހުމަތުވާ ކުއްޖާ ގޭގައި ހުރުމުން ސުޕްރީމްކޯޓަށް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި