Roadha Mihaaru
އެންމެ ދެ މަހު ގާތުން ދިނަސް ބޮޑު ފައިދާއެއް

ދެ މަސް ވަންދެން ގާތުން ދިނަސް ކުއްލި މަރުގެ ފުރުސަތު ކުޑަވޭ

03 ނޮވެމްބަރ 2017

ތުއްތުކުދިންނަށް އެންމެ ދެ މަސް ވަންދެން ގާތުން ކިރު ދިނަސް ކުއްލި މަރުގެ ނުރައްކާ ދެބައިކުޅަ އެއްބައި ކުޑަވެގެންދާ ކަމަށް ބައިނަލްއަގުވާމީ ދިރާސާއެއްގައި ބުނެފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ތުއްތުކުދިންނަށް އެންމެ ދެ މަސް ވަންދެން ގާތުން ކިރު ދިނަސް ކުއްލި މަރުގެ ނުރައްކާ ދެބައިކުޅަ އެއްބައި ކުޑަވެގެންދާ ކަމަށް ބައިނަލްއަގުވާމީ ދިރާސާއެއްގައި ބުނެފި އެވެ.

ސަޑަން އިންފެންޓް ޑެތު ސިންޑްރޯމް (ސިޑްސް)ގެ ކޭސްތަކުގައި މަރުވި 2،259 ކުއްޖަކާއި ދިރިތިބި 6،894 ކުއްޖަކު ހިމެނޭ ބައިނަލްއަގުވާމީ އަށް ދިރާސާއެއްގެ ހޯދުންތައް އެނަލައިޒްކުރި މި ދިރާސާގެ ނަތީޖާ އިން އެނގުނު ގޮތުގައި ގާތުން ކިރު ދޭ މުއްދަތު ދިގުވާ ވަރަކަށް ކުދިންގެ ފުރާނަ އަށް ލިބޭ ރައްކާތެރިކަން ބޮޑެވެ.

ސިޑްސްއަކީ އެއް މަހާއި އެއް އަހަރާ ދެމެދުގެ ތުއްތުކުދިން މަރުވާން ދިމާވާ އެންމެ އާއްމު ސަބަބެވެ.

ހަމައެކަނި ގާތުން ކިރު ދޭ ކުދިންނާއި، މައިމީހާގެ ކިރާ އެކުއެކީގައި ތައްޔާރީ ކިރު ބޯ ކުދިން ވެސް ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާ އިން ދައްކަ އެވެ. މިއީ މި ދެ ބާވަތުގެ ކިރު ދޭން މަޖުބޫރުވާ މީހުންނަށް ނުވަތަ އެ ގޮތް އިޚްތިޔާރުކުރާ މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.

ޔުނިވާސިޓީ އޮފް ވަޖިނިއާގެ ސްކޫލް އޮފް މެޑިސިންގެ މި ދިރާސާގައި ބައިވެރިވެވަޑައިގެންނެވި ކަވާއީ ޓަނަބީ ވިދާޅުވިގޮތުގައި މިއީ ވަރަށް "ވަރުގަދަ" ހޯދުމެވެ. ގާތުން ކިރު ދިނުމަކީ އެތައް ގޮތަކުން ފައިދާހުރި ކަމަކަށް ވާއިރު މިއީ އޭގެ ތެރެއިން ވަރަށް މުހިއްމު ފައިދާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ދިރާސާގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ހިމަނާފައިވާތީ ދިރާސާގެ ހޯދުންތަކުގެ އިތުބާރު ބޮޑުވެެގެންދާ އިރު، އެކި ގައުމުތަކުގެ ސަގާފީ ތަފާތުތަކާ އެކު ވެސް، ގާތުން ދިނުމުގެ މި ފައިދާ ކުދިންނަށް ލިބިގެންދާކަން ހާމަވެ އެވެ.

ގާތުން ދިނުމުން ކުއްލި މަރުތަކުން ކުދިން ރައްކާތެރިކޮށްދޭކަން ކުރީގެ ދިރާސާތަކުން ވެސް އެނގިފައިވެ އެވެ. އެކަމަކު މިއީ، އެ ރައްކާތެރިކަން ލިބެނީ ކިހާ މުއްދަތަކަށް ކިރު ދިނުމުންތޯ ދެނެގަތް ފުރަތަމަ ދިރާސާ އެވެ.

ގާތުން ކިރު ދިނުމުގެ ސަބަބުން ކުދިން މަރުވުމުގެ ނުރައްކާ ކުޑަވަނީ ސީދާ ކީއްވެގެން ކަމެއް ހޯދިފައެއް ނުވެ އެވެ. އެކަމަކު ދިރާސާވެރިން ލަފާކުރާ ގޮތުގައި އެހެން އެ ވަނީ މައިމީހާގެ ކިރުން ކުއްޖާގެ ދިފާއީ ބާރު ވަރުގަދަވުމާއި ބުއް ދިނުމަކީ ކުއްޖާގެ ނިދުމުގެ ގަވާއިދަށް ރަނގަޅު ކަމަކަށް ވެގެންދާތީ އެވެ.

"ޕީޑިއެޓްރިކްސް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ހޯދުންތަކާ އެކު ރިސާޗަރުން ގޮވާލަނީ ގާތުން ކިރު ދިނުން މިހާރަށް ވުރެ ގިނަކުރުމަށެވެ. އެ ޓީމުން ފާހަގަކުރި ގޮތުގައި އެމެރިކާގެ ތުއްތުކުދިންގެ ހަތަރުބައިކުޅަ އެއްބައި ކުދިންނަށް ދުވަހަކު ވެސް ގާތުން ކިރު ނުދޭ ކަން 2007ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.

ޑަބްލިޔުއެޗްއޯގެ އަމާޒަކީ 2025ގެ ކުރިން، ދުނިޔޭގެ ތުއްތުކުދިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިންނަކީ އުމުރުގެ ފުރަތަމަ ހަ މަހު ހަމައެކަނި ގާތުން ކިރު ބޯ ކުދިންނަށް ހެދުމެވެ.