Roadha Mihaaru
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ

ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ

18 އޮކްޓޯބަރ 2021

އާންމު ދިރިއުޅުމަށް ގެންގެންގުޅޭ ބައެއް ތަކެތީގައި އެކުލެވޭ ސިންތެޓިކް ކެމިކަލްގެ ސަބަބުން ސިއްހަތަށް އެތައް ގެއްލުމެއް ލިބޭ ކަމަށާއި މީގެ ސަބަބުން ފުރާނަ އަށް ވެސް ނުރައްކާ ވަމުންދާ ކަމަށް ދިރާސާއެއް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމު ދިރިއުޅުމަށް ގެންގެންގުޅޭ ބައެއް ތަކެތީގައި އެކުލެވޭ ސިންތެޓިކް ކެމިކަލްގެ ސަބަބުން ސިއްހަތަށް އެތައް ގެއްލުމެއް ލިބޭ ކަމަށާއި މީގެ ސަބަބުން ފުރާނަ އަށް ވެސް ނުރައްކާ ވަމުންދާ ކަމަށް ދިރާސާއެއް ބުނެފި އެވެ.

އެންވަޔަރަމަންޓް ޕޮލިއުޝަން ޖާނަލްގައި ޝާއިއު ކޮށްފައިވާ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެންވަޔަރަމަންޓަލް ހެލްތު ސައިންސްގެ ރިޕޯޓްގައިވާ ގޮތުން ކާ އެއްޗެހި އަޅަން ބޭނުންކުރާ ޕްލާސްޓިކް އެއްޗިއްސާއި ކޮސްމެޓިކްގެ ބާވަތްތަކާއި މޭކަޕާއި ދޮންނަކުޑި އާއި ސައިބޯންޏާއި ކުޑަކުދިން ކުޅޭ ސާމާނުތަކުގައި ވެސް ކެމިކަލްގެ ނުރައްކާތެރި މާއްދާއެއް ކަމަށްވާ ތަލޭޓް ގިނަ އަދަދަކަށް އެކުލެވިގެންނެވެ. އަދި އެފަދަ އެއްޗިއްސާ އާންމުކޮށް ދޯޅުވެ އުޅޭ ނަމަ އޭގެ އަސަރު ހަށިގަނޑަށްކޮށް، ފުރާނަ އަށް ގެއްލުން ވެސް ވެދާނެ އެވެ. ހާއްސަކޮށް ހިތުގެ މައްސަލަތަކާ އެކު، ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، މަރުވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ތެރެއިން 91،000-107،000 މީހުންގެ މަރާ މިކަމާ ގުޅުން ހުރި މަރުތަކެވެ. އޭގައި ބުނެފައިވާ ގޮތުގައި ތަލޭޓްގެ އަސަރު ގިނައިން ކުރާ މީހުންނަކީ އޭގެ ސަބަބުން ދިމާވާ މައްސަލަތަކަށް އެންމެ ބޮޑަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނެވެ.

ތަލޭޓަކީ އޭގެ އަސަރު ހަށިގަނޑަށް ކުރުމުން ހަށިގަނޑުގެ އާންމު ނިޒާމަށް ބޭނުންވާ ހޯމޯން އުފެދުމުގެ މެކޭނިޒަމަށް ގުނޑުން އަރުވައިލާ ނުރައްކާތެރި މާއްދާއެކެވެ. މީގެ ސަބަބުން ހެދި ބޮޑުވުމާއި ސިކުނޑި އާއި ދަރިމައިވުމާއި ދިފާއީ ނިޒާމަށް އެތައް ގެއްލުމެއް ލިބުމަށް މަގުފަހިވެ އެވެ.

"މިހާރު އަަހަރެމެންނަށް މި އުޅެނީ ޕްލާސްޓިކްގެ ތެރޭގައޭ ބުނެވިދާނެ. އޭގެ ބަދަލުގައި އާންމު ދިިރިއުޅުމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ނޫނީ ހަމަ އެއްކޮށް ހުއްޓާލުން މީގައި ބުއްދިވެރި ގޮތަކީ."

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ނިއު ޔޯކް ޔުނިވަސިޓީގެ އެންވައިޔޫ ލެންގޯން ހެލްތުގެ ޕީޑިއަޓްރިކްސް، އެންވަޔަރަމަންޓަލް މެޑިސިން އަދި ޕޮޕިއުލޭޝަންގެ ހެލްތުގެ ޕްރޮފެސަރު ޑރ. ލިއޮނާޑޯ ޓްރަޒެންޑޭ ވިދާޅުވި ގޮތުގައި ޕްލާސްޓިކާ އެކު އިންސާނުންނަށް އޮތް ނުރައްކާ ކިހާ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.

"އެހެންވެ އެބަޖެހޭ ވީހާ ވެސް ޕްލާސްޓިކާ ދުރުވާން. އެ ބޭނުން ނުކުރެވޭނެ ގޮތަށް ލައިފްސްޓައިލް ވެސް އެބަޖެހޭ ބަދަލުކުރަން،" އޭނާ ވިދާޅުވި އެވެ. "މިހާރު އަަހަރެމެންނަށް މި އުޅެނީ ޕްލާސްޓިކްގެ ތެރޭގައޭ ބުނެވިދާނެ. އޭގެ ބަދަލުގައި އާންމު ދިިރިއުޅުމުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް ނޫނީ ހަމަ އެއްކޮށް ހުއްޓާލުން މީގައި ބުއްދިވެރި ގޮތަކީ."

އޭނާ ވިދާޅުވި ގޮތުގައި ޕްލާސްޓިކް ފަދަ ގެއްލުން ހުރި އެއްޗެހީގައި އެކުލެވޭ ސިންތެޓިކް ކެމިކަލްގެ ސަބަބުން ހަށިގަނޑުގެ ހޯމޯނަށް ކިތަންމެ ކުޑަ މިންވަރަކަށް އަ އަސަރުކުރިޔަސް އެއީ އިންސާނާގެ ހެދިބޮޑުވުމާއި ބައޮލޮޖިކަލް އެތައް ގެއްލުމެއް ކުރިމަތިވެދާނެ ކަމެކެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާ ގޮތުގައި ޕްލާސްޓިކަށް ހުޅުވިފައިވާ މާހައުލުގައި އުޅުމާއި އެފަދަ އެެއްޗެހީގައި ބަންދު ކޮށްފައި ހުންނަ އެއްޗެހި ކެއުމަކީ ވަކިން ބޮޑަށް ތަލޭޓްގެ އަސަރު ކުރުވާނެ ކަމެކެވެ. އަދި މީގެ ނުރައްކާ ބޮޑެތި މީހުންނަށް ވުރެ ބޮޑީ ކުޑަކުދިންނަށް ވެސް ކަމަށް ވެސް ބުންޏެވެ.

ކުއްޖަކު ކުޅެނީ.

ކުއްޖަކު ކުޅެނީ.

ޓްރަޒެންޑޭ ވިދާޅުވި ގޮތުގައި މިކަމާ ބެހޭ ގޮތުން އަދިވެސް ދިރާސާ ހެދުމަކީ ކުރަން ޖެހޭ ކަމެކެވެ. ހަމިއާކު ދިރާސާގައި ވަނީ ރައްކާތެރިކަން ހޯދިދާނެ ބައެއް އިރުޝާދުތައް ވެސް ދީފަ އެވެ. އޭގެ ތެރޭގައި މައިގަނޑު ހަ ކަމެއް ހިމެނެ އެވެ.

* ޕްލާސްޓިކް ކޮންޓެއިނާގެ ބަދަލުގައި ކާ އެއްޗެހި އަޅަން ބިއްލޫރި، ސްޓެއިންލެސް ސްޓީލް، މުށި ނުވަތަ ލަކުނޑިން ހުންނަ އެއްޗެހި ބޭނުންކުރުން

* ތަރުކާރީ/މޭވާ ގަންނަ އިރު ބަންދުކޮށް އަދި ޕްރޮސެސްކޮށްފައި ހުންނަ އެއްޗެހީގެ ބަދަލުގައި ތާޒާކޮށް ނުވަތަ ގަނޑުކޮށްފައި ހުންނަ އެއްޗެހި ގަތުން

* ގިނަގިނައިން ރަނގަޅަށް އަތްދޮވުން

* ގޭތެރެ ސާފުކުރަން މީރު ވަސް ދުއްވާފައި ހުންނަ އެއްޗިއްސަށް ސަމާލުކަން ނުދިނުން

* އެއާ ފްރެޝްނާ ބޭނުން ނުކުރުން އަދި އެފަދަ އެއްޗެހި ގަންނަ އިރު ޕްލާސްޓިކުން 3،6،7 އިން ލޭބަލްކޮށްފައި ހުންނަ އެއްޗެހި ނުގަތުން

* ލޯޝަނާއި ދޮންނަކުޑި ފަދަ އެއްޗެހީގެ ތެރެއިން ސެންޓެޑް އެއްޗެހި ބޭނުން ނުކުރުން