Roadha Mihaaru
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް

ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް

04 ޖުލައި 2021

ދާއިމީކޮށް ބަރުދަން ލުއިކުރަން ބޭނުންކުރެވިދާނެ ޑިވައިސްއެއް ކަމަށް ބުނެ ކާން އުނދަގޫވާ ގޮތަށް ދަތްޕިލާގައި ހަރުކުރާ އެއްޗެއް ނިއު ޒީލެންޑް ޔުނިވަސިޓީއެއްގެ ޓީމަކުން އުފައްދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާއިމީކޮށް ބަރުދަން ލުއިކުރަން ބޭނުންކުރެވިދާނެ ޑިވައިސްއެއް ކަމަށް ބުނެ ކާން އުނދަގޫވާ ގޮތަށް ދަތްޕިލާގައި ހަރުކުރާ އެއްޗެއް ނިއު ޒީލެންޑް ޔުނިވަސިޓީއެއްގެ ޓީމަކުން އުފައްދައިފި އެވެ.

ދަގަތްފާނު ބާރު ހުންނަ މި މި ޑިވައިސް އަކީ މީހާގެ އަނގައިގެ މަތީ އަދި ތިރީ ދެ ފަތްޕިލާގެ ދެ ފަރާތުގައި ހަރުކޮށްފައި އިންނާނެ އެއްޗެކެވެ. އެއާ އެކު އަނގަ އެންމެ ބޮޑަށް ވެސް ހުޅުވޭނީ 2 މިލިމީޓަރަށެވެ. އެކަމަކު މި ޑިވައިސްގެ ސަބަބުން ނޭވާލުމާއި ވާހަކަ ދެއްކުމަށް އެއްވެސް އުނދަލެއް ކުރިމަތިނުވާނެ ކަމަށް ޑިވައިސް އުފެއްދި އޮޓާގޯ ޔުނިވަސިޓީގެ ސްކޫލް އޮފް ހެލްތު ސައިންސް އިން ބުންޏެވެ.

ބަރުދަން ލުއިކޮށްދޭން އުފެއްދި "ފުރަތަމަ ޑިވައިސް" އިން ކޮށްދޭ ކަމަކީ ދިޔާ އެއްޗެހި އެއްކަނި ބޮވޭ ގޮތް ހެދުމެވެ. އެއްޗެއް ކެވޭ ވަރަކަށް އަނގައެއް ނުހުޅުވޭނެ އެވެ. މިއަށް ކިޔަނީ "ލިކުއިޑް ޑައިޓް" އެވެ. އެއީ މީގެ ބަރުދަން ލުއިކުރަން 40 ވަރަކަށް އަހަރު ކުރިން ވެސް ބޭނުންކުރި އުކުޅެކެވެ. މިއަށް "ޑެންޓަލް ސްލިމް" އޭ ވެސް ކިޔައި އުޅެ އެވެ.

ނިއު ޒީލެންޑްގެ ޓީމުން ކުރި ކަމަކީ ދާއިމީކޮށް ބަރުދަން އެއްވަރެއްގައި ހިފަހައްޓައި ފަލަވުން އެއްކޮށް ކޮންޓްރޯލްކޮށްދޭން ބާރު އަޅާ ގޮތަށް "ލިކިއުޑް ޑައިޓް" އަށް ބާރުދޭ ގޮތަށް ޑިވައިސްއެއް އުފެއްދުމެވެ. އަދި މި އުފެއްދި ޓީމުން އެ ސިފަކުރަނީ ދުނިޔެ އަށް ކުރިމަތިވެފައިވާ ފަލަވުމުގެ ބައްޔާ ދެކޮޅަށް ގެނެސްދިން ފުރަތަމަ، ފަސޭހަ ހައްލުގެ ގޮތުގަ އެވެ.

"މިއީ ފަސޭހަ އަދި ބޭނުންވެއްޖެ ހާލަތެއްގައި ބަދަލުކޮށްލެވޭނެ އަދި ބަރުދަން ލުއިކުރަން އެހާމެ ހަރަދު ކުޑަ ގޮތެއް. ހަރަދު ކުޑަ ގޮތެކޭ މި ބުނަނީ ފަލަވެގެން ހަދާ އެކި ކަހަލަ މެޑިކަލް ޕްރޮސީޖާތައް މި ޑިވައިސްގެ ސަބަބުން ސަލާމަތްކޮށްދޭނެތީ،" ޑިވައިސް އުފެއްދި ޓީމްގައި އިސްކޮށް ހުންނެވި ޕޯލް ބްރަންޓަން ވިދާޅުވި އެވެ. "ކަށަވަރު ކަމަކީ މި ޑިވައިސްގެ ސަބަބުން ސިއްހީ އެއްވެސް މައްސަކައެއް ވެސް ކުރިމަތިނުވާނެކަން."

ބްރިޓިޝް ޑެންޓަލް ޖާނަލްގައި މި ޑިވައިސްއާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން އޮޓާގޯ ޔުނިވަސިޓީގެ ޓީމުން ޑިވައިސްގެ ޓްރައިލްތަކެއް ދެ ހަފުތާއެއްހާ ދުވަހަށް ހެދި އެވެ. އަދި އޭގެ ބައިވެރިވި މީހުންގެ ނަތީޖާތައް ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް ޓްރައިލްގައި ބައިވެރިވި މީހުންގެ ބަރުދަނުން 6.36 ކިލޯ ލުއިވެފައިވެ އެވެ.

ދަތުގައި ހަރުކުރާ ޑިވައިސް އުފެއްދި ޓީމްގައި އިސްކޮށް މަަސައްކަތްކުރެއްވި ރިސާޗަރު.

ދަތުގައި ހަރުކުރާ ޑިވައިސް އުފެއްދި ޓީމްގައި އިސްކޮށް މަަސައްކަތްކުރެއްވި ރިސާޗަރު.

އެކަމަކު ޑިވައިސް ހަރުކޮށްގެން ފުރަތަމަކޮޅު ބައެއް މީހުންނަށް ބައެއް ކަހަލަ މައްސަލަތައް ދިމާވި ނަމަވެސް ޖުމްލަކޮށް ނަތީޖާ ވަރަށް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

ފަލަވުމާ ދެކޮޅަށް މަސައްކަތްކޮށްދޭނެ އުންމީދީ ޑިވައިސްއެއްގެ ގޮތުގައި ދަތުގައި ހަރުކުރާ ދަގަތްފާނި އޭގެ ޓީމުން ސިފަކުރިޔަސް ބައެއް މީހުން ވަނީ އެއަށް ވަރަށް ބޮޑަށް ފާާޑުކިޔައިފަ އެވެ. އަދި އެއީ އިންސާނިއްޔަތާ ދެކޮޅު އެއްޗެއް ކަމަށް ބުނެފައިވެ އެވެ. އަދި މި ޑިވައިސް އަކީ ފަލަ މީހުންނަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އޮޓޭގޯ ޔުނިވަސިޓީން ބުނީ މި އުފެއްދުމަކީ ކަމާބެހޭ ފަރާތްތަކުގެ އެޕްރޫލް ވެސް ލިބި އަދި އިންޓަނޭޝަނަލް ގައިޑްލައިންތަކަށް ވެސް ފެދޭ އެއްޗެއް ކަމަށެވެ.