Roadha Mihaaru
ހަމުގެ ހާލަތު ދެނެގަނެވޭ ޓޫލެއް ގޫގުލް އަށް

ގައިގެ ހަމުގައި މައްސަލައެއް އުޅޭ ނަމަ އަންގައިދޭ ޓޫލް އެއް ގޫގުލުން އިން ހަދައިފި

20 މެއި 2021

ހަށިގަނޑު ހަމުގެ ހާލަތު ފަސޭހަ އިން ދެނެގަނޭވެ ޓޫލްއެއް ގޫގުލް އިން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަށިގަނޑު ހަމުގެ ހާލަތު ފަސޭހަ އިން ދެނެގަނޭވެ ޓޫލްއެއް ގޫގުލް އިން ދައްކާލައިފި އެވެ.

މިހާރު ކުރިއަށްދާ އެ ކުންފުނީގެ މި އަހަރުގެ ޑިވެލޮޕާޒް ކޮންފަރެންސްގައި ޕްރިވިއު ދައްކައިލި ޓޫލަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މަސައްކަތްކުރާ އެއްޗެކެވެ. މީގައި ހަދަންޖެހޭ ގޮތަކީ ހަށިގަނޑުގެ އެއްވެސް ތަނެއްގެ ހަމުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވޭ ނަމަ އެތަނެއްގެ ތިން ފޮޓޯއެއް ވަރަށް ކައިރިން ފޯނުގެ ކެމެރާ އިން ނަގާނީ އެވެ. އެއާ އެކު ހަމުގެ ވައްތަރާއި ހަމުގައި ހުރި އަލާމާތްތަކަކީ ކޮބައިކަން އެ ފޮޓޯތަކުން އެނަލައިޒްކޮށްދޭނެ އެވެ އަދި ފޮޓޯ ނެގި ތަނަށް އިޝާރާތްކޮށް، އެތަނެއްގައި ހުރި ކަމަށް ބެލެވޭ ސިއްހީ މައްސަލައެއް ހިމެނޭ ގޮތަށް 288 ހަމުގެ ބަލީގެ ލިސްޓެއް ގެނެސްދޭނެ އެވެ. އެ ލިސްޓުން އެ މައްސަލައެއް ދެނެގަންނަން ފަސޭހަކޮށް ދޭނެ އެވެ.

އެކަމަކު ގޫލް އިން ބުނީ ޓޫލްގެ މައިގަނޑު މަގުސަދަކީ ދިމާވެފައި ހުރި ސިއްހީ މައްސަލަ ކަށަވަރުކޮށް ދިނުން ނޫން ކަމަށެވެ. މަގުސަދަކީ ހަމުގައި މައްސަލައެއް އުޅޭތޯ ބަލައި އަންގައިދީ މައްސަލައެއް އުޅޭކަމުގެ އިޝާރާތެއް ދޭ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ހިތްވަރު ދިނުމެވެ.

ގޫގުލް ހެލްތުގެ ޗީފް ހެލްތު އޮފިސަރު ކަރެން ޑިސަލްވޯ ވިދާޅުވީ ހަމަށް ހާއްސަ ފީޗާއެއް ގެންނަން ބޭނުންވީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ކަމަށެވެ.

"ގޫގުލް ސާޗް މެދުވެރިކޮށް އަހަރެއްގެ ތެރޭގައި ދިހަ ބިލިއަން ވަރަކަށް ސުވާލުތައް އެބައާދޭ ހަމުގެ އެކިއެކި މައްސަލަތާ ބެހޭ ގޮތުން. އެހެންވީމާ މިހާރު ކޮށްދޭން މި އުޅޭ ކަމަކީ ގޫގުލް ސާޗުގައި މައުލޫމާތު ހޯދަން ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ބަދަލުގައި ފަސޭހަ އިން ހަމުގެ ހާލަތު ދެނެގަނެވޭނެ ގޮތެއް ފަހިކޮށް ދިިނުން." އޭނާ ވިދާޅުވި އެވެ.

ގޫގުލް އިން ބުނި ގޮތުގައި ހަމަށް ހާއްސަ ފީޗާ ތަރައްގީކޮށްފައި ވަނީ މައްސަލަތައް ހުރި ހަމާއި ސިއްހަތު ރަނގަޅު ހަމުގެ އެތައް މައުލޫމާތެއް ބޭނުންކޮށްގެންނެވެ. އެގޮތުން މީސްމީހުންގެ ޖިންސާއި އުމުރާއި ނަސްލާއި ހަމުގެ ވައްތަރު ދެނެގަތުން ފަދަ އެތައް ކަމެއް މީގެ ތެރޭގައި ކޮށްފައިވެ އެވެ.

މި މަސައްކަތުގައި އަދިވެސް ގޫގުލް އެމެރިކާގެ ސްޓޭންފޯޑް ޔުނިވަސިޓީއާ އެކު މަސައްކަތްކުރަމުން އަންނަ އިރު މިކަމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީ ވެސް ހޯދާފައިވެ އެވެ.

ހަމަށް ހާއްސަ ގޫގުލްގެ ޓޫލް މި އަހަރުގެ ފަހުކޮޅު ލޯންޗްކުރާނެ އެވެ.