Roadha Mihaaru
ސިއްހީ މައްސަލަތަކާ ގުޅޭ ފޭކް ވީޑިއޯތައް ގިނަވެއްޖެ

ސިއްހީ ބޮޑެތި މައްސަލަތައް ފަސޭހަ ފަރުވާތައް ހޯދިއްޖެ ކަމަށް ބުނާ ފޭކް ވީޑިއޯތަކަށް ސަމާލުވާން އެދެފި

15 ސެޕްޓެމްބަރ 2024

ސިއްހީ ބޮޑެތި މައްސަލަތަކަށް ފަސޭހަ ފަރުވާތައް ހޯދިފައިވާ ކަމަށް ބުނެ، މަޝްހޫރު ޑޮކްޓަރުންގެ "ޑީޕްފޭކް" ވީޑިއޯތައް ހަދައިގެން އިންޓަނެޓްގައި ދައުރުކުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ތަޖުރިބާކާރުން އިލްތިމާސްކޮށްފި އެވެ.

ސިއްހީ ބޮޑެތި މައްސަލަތަކަށް ފަސޭހަ ފަރުވާތައް ހޯދިފައިވާ ކަމަށް ބުނެ، މަޝްހޫރު ޑޮކްޓަރުންގެ "ޑީޕްފޭކް" ވީޑިއޯތައް ހަދައިގެން އިންޓަނެޓްގައި ދައުރުކުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ތަޖުރިބާކާރުން އިލްތިމާސްކޮށްފި އެވެ.

ފޭސްބުކާއި އިންސްޓަގްރާމްގައި ޓީވީތަކުން މަޝްހޫރު ޑޮކްޓަރުންގެ ސޫރަ ބޭނުންކޮށްގެން ހަދާފައިވާ "ޑީޕްފޭކް" ވީޑިއޯތަކުގައި ހަކުރު ބައްޔަށް ފަރުވާ ލިބޭ "ގުދުރަތީ" ސިރަޕްތައް ކަމަށް ބުނެ އެއްޗެހި އިޝްތިހާރުކުރަމުން ދާއިރު، ޓައިޕް 2 ޑައެބެޓީސްގެ މީހުންގެ ހަކުރު ދަށްކުރުމަށް ޒަމާނުންސުރެ ބޭނުންކުރަމުން އަންނަ ޔަގީންކަން ބޮޑު ބޭހެއް ކަމަށްވާ މެޓްފޯމިން މީހުން "މަރުވާ" ކަމަށް ބުނާ ވީޑިއޯއެއް ވެސް އުޅެ އެވެ.

މި އަހަރުގެ ކުރީކޮޅު މަރުވި އިނގިރޭސި ޓީވީ ޕްރެޒެންޓަރު މައިކަލް މޮސްލީ ފަދަ މަޝްހޫރު ސިއްހީ މާހިރުންގެ ވީޑިއޯތައް ވެސް ހަދައިގެން މިފަދަ "ސްކޭމް" އާންމުކުރަމުންދާ ކަމަށާއި މިއީ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަންކަމާ ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

"މި ވީޑިއޯތަކަކީ [އަސްލު ކަމަށް ހީކޮށް] މީހުން އިތުބާރުކުރާ ކަމަށް ބެލެވޭ،" އިނގިރޭސި ވިލާތުގެ ޑޮކްޓަރު ޖޯން ކޯމެކް އޭއެފްޕީއަށް ވިދާޅުވި އެވެ.

"މީޑިއާގައި މަޝްހޫރު މި ޑޮކްޓަރުންނަކީ އާންމުންގެ އިތުބާރު ހޯދުމަށް އެތައް އަހަރަކު ބުރަ މަސައްކަތްތައް ކޮށްފައިވާ މީހުން. އެހެންވެ ވަރަށް އާދަޔާ ހިލާފް ވާހަކައެއް ވެސް އެ މީހުން ދައްކާ ވާހަކައެއްގެ ގޮތުގައި ގެނެސްދިނުމުން އާންމުން އެ ވާހަކައެއް ގަބޫލުކުރޭ،" ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ) އަށް މި މައްސަލައާ ބެހޭ ގޮތުން މަސައްކަތްކޮށްދެއްވި ކޯމެކް ވިދާޅުވި އެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ތަޖުރިބާކާރެއް ކަމަށްވާ ހެންރީ އެޖާ ވިދާޅުވީ މިއީ ޑޮކްޓަރުންގެ ޑީޕްފޭކް ވީޑިއޯތައް ގިނަވި އަހަރެއް ކަމަށެވެ.

މިފަދަ ވީޑިއޯތަކުގައި އާންމުކޮށް ދައްކަނީ ކޮންމެ ދުވަހަކު އެކި ޓީވީތަކުން ފެންނަ މަޝްހޫރު ޑޮކްޓަރުން ކަމަށާއި ވީޑިއޯތައް އަމާޒުކޮށްފައި ހުންނަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި ސިއްހީ އެކި ކަންކަމަށް ބޭނުންކުރާ އެކި އުފެއްދުންތައް ވިއްކުމަށްޓަކައި، އެކި ޑޮކްޓަރުންގެ ސިފައިގައި ވީޑިއޯ ހަދައި އެ ޑޮކްޓަރުން އެ އުފެއްދުމެއްގެ މޮޅު ވާހަކަ ދެއްކުން ފަދަ ކަންކަން ވަނީ ވަރަށް ބޮޑަށް އާންމުވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ އޭއައި އިން އުފައްދާފައި ހުންނަ ވީޑިއޯތައް ދެނެގަނެވޭނެ ސޮފްޓްވެއާތައް ހުއްޓަސް މި ވީޑިއޯތަކާ ދެކޮޅަށް އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށެވެ. ފޭކް ހުރިހާ ވީޑިއޯއެއް ހޯދަން އުޅުމުގެ ބަދަލުގައި ބޭނުންވަނީ ކޮންމެ ވީޑިއޯއަކުން ވެސް އެއީ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ސައްހަ ވީޑިއޯއެއްކަން އެނގޭނެ "ޑިޖިޓަލް ސިގްނޭޗާ" އެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. -- އޭއެފްޕީ