Roadha Mihaaru
ވަސީލަތްތައް ނެތި ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން

އައިޖީއެމްއެޗުގައި އަސާސީ ބައެއް ވަސީލަތްތައް ނެތުމުން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން!

19 ފެބުރުއަރީ 2023

އައިޖީއެމްއެޗުގައި މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ އަސާސީ ބައެއް ވަސީލަތްތައް މަދުކަމުން، ސިއްހީ ހިދުމަތްތެރިންގެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިޖީއެމްއެޗުގައި މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ އަސާސީ ބައެއް ވަސީލަތްތައް މަދުކަމުން، ސިއްހީ ހިދުމަތްތެރިންގެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ އައިސީޔޫގައި އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތިގެން، ޑޮކްޓަރަކު ވަނީ އެކަމުގެ ކަންބޮޑުވުމާ އެކު، އޭގެ މެޝިނެއް ހަދިޔާކުރާނެ ބަޔަކު ވޭތޯ ޓުވީޓެއް ކުރައްވައިފަ އެވެ. އެ ޓުވީޓްގައިވާ ގޮތުން، އައިސީޔޫގައި ދުވަހަކު ވެސް އޭގެ މެޝިނެއް ނުހުރެ އެވެ. އެތަނަށް އޭގެ މެޝިނެއް، ވަރަށް ބޮޑަށް ވަނީ ބޭނުންވެފައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

އެ ޓުވީޓް ކުރެއްވި، އައިޖީއެމްއެޗުގެ ހޭނައްތާ ޑޮކްޓަރު އިސްމާއިލް ލަތީފު މިއަދު "މިހާރު" އަށް ވިދާޅުވީ އައިސީޔޫއަށް ޔޫއެސްޖީ މެޝިނެއް ހޯދައިދޭން އެދެމުން އަންނަތާ މިހާރު ހަތް އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދިވެސް އެކަން ނުވެ އޮތް ކަމަށާއި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމެޓީއާ ހަމައަށް ވެސް އެ ރިއުކެސްޓް ދާ ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގެ އީއާރު އަދި އޮޕަރޭޝަން ތިއޭޓަރު ފިޔަވައި އެހެން ޑިޕާޓްމަންޓުތަކުގައި ބޭނުންކުރަން މިހާރު ހުންނަނީ އޭގެ އެންމެ މެޝިނެކެވެ. އެއީ، އެ ހޮސްޕިޓަލުގެ ފުއްޕާމޭގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމަންޓްގައި ބޭނުންކުރާ މެޝިނެވެ.

ހޮސްޕިޓަލުގައި އެޑްމިޓް ކުރާ އެންމެނަށް މިހާރު ފަރުވާ ދެނީ އެ މެޝިނުންނެވެ.

"އެ މެޝިން ވޯޑުތަކަށް، އައިސީޔޫއަށް، ސީސީޔޫއަށް، ދަރުމަވަންތަ އަދި އެހެން ތަންތަނަށް ވެސް ގެންދަނީ،" ޑޮކްޓަރު ވިދާޅުވި އެވެ.

"އެހެންވުމުގެ ސަބަބުން މިހާރު އެ މެޝިން ވެސް ހަލާކުވަނީ، ޕްރޮސީޖާތައް ނުހެދި މަޑުކުރަން އެބަ ޖެހޭ މެޝިން ލިބެންދެން ކިއުގައި ތިބެން ޖެހިގެން."

އޭނާ ވިދާޅުވީ، އެ މެޝިނަކީ ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް، ޕޭޝަންޓުންނަށް ފަރުވާދިނުމަށް އަބަދު ބޭނުންވާ އެއްޗަކަށް ވާތީ، އައިސިޔޫ އާއި ސީސީޔޫ އާއި މެޑިސިން ވޯޑުތަކާ އަދި ސާޖަރީ ވޯޑުތަކުގައި ވެސް އެތަނަކަށް ހާއްސަ މެޝިނެއް ހުރުން ވަރަށް މުހިންމު ކަމަށެވެ.

އެ މެޝިން ވޯޑުތަކަށް، އައިސީޔޫއަށް، ސީސީޔޫއަށް، ދަރުމަވަންތަ އަދި އެހެން ތަންތަނަށް ވެސް ގެންދަނީ: ޑރ. އިސްމާއިލް

ފުރުސަތެއް ލިބޭ ކޮންމެ ފަހަރަކު، އެކި ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ވިޔަސް އޭގެ މެޝިނެއް ހޯދައިދިނުމަށް އާދޭސްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ނަރުހަކު މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެޑްމިޓްކޮށްފައި ތިބޭ މީހުން އުފުލަން ބޭނުންކުރާ ޕޭޝަންޓް ލިފްޓާއެއް ވެސް އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

"މި ވަސީލަތްތަކަކީ އަޅުގަނޑުމެންގެ އަމިއްލަ ބޭނުމަކަށް ނޫން، ޕޭޝަންޓުންނަށް ފަރުވާދިނުމަށް ވަރަށް ބޮޑަށް ބޭނުންވާ އެއްޗެހި. އުއްމީދުކުރަން ކަމާބެހޭ އިދާރާތަކާ ހަމައަށް މި މެސެޖު ދާނެ ކަމަށް،" އޭނާ ބުންޏެވެ.

އައިޖީއެމްއެޗުގައި ވަސީލަތްތައް މަދުވުމާއި ފަރުވާ ހޯދަން އުނދަގޫވާ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ގިނަ ފަހަރަށް މި ކަހަލަ މައްސަލަތައް ހައްލު ވަނީ ވެސް މައްސަލަ ބޮއްސުންލައި، އާންމުންގެ ޝަކުވާ ބޮޑުވާ ފަހުންނެވެ.