Roadha Mihaaru
އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް

އޮސްޓްރޭލިޔާ އަންހެނެއްގެ ސިކުނޑީގައި ދިރޭ ފަންޏެއް

29 އޯގަސްޓް 2023

އޮސްޓްރޭލިޔާގެ އަންހެނެއްގެ ސިކުނޑި އޮޕަރޭޝަން ކުރަމުން ދިޔަ އިރު، އޭނާގެ ސިކުނޑި ތެރޭގައި ދިރިއުޅެމުން ދިޔަ ރަތް ކުލައިގެ ފަންޏެއް ފެނި، ޑޮކްޓަރުންނާއި ސައެންސްވެރިން ހައިރާންކޮށްލައިފި އެވެ.

އޮސްޓްރޭލިޔާގެ އަންހެނެއްގެ ސިކުނޑި އޮޕަރޭޝަން ކުރަމުން ދިޔަ އިރު، އޭނާގެ ސިކުނޑި ތެރޭގައި ދިރިއުޅެމުން ދިޔަ ރަތް ކުލައިގެ ފަންޏެއް ފެނި، ޑޮކްޓަރުންނާއި ސައެންސްވެރިން ހައިރާންކޮށްލައިފި އެވެ.

އޮޕްރޭޝަން ކުރި ޓީމުގައި ހިމެނޭ ޑޮކްޓަރުން ބުނި ގޮތުގައި ދިގުމިނުގައި އަށް ސެންޓިމީޓަރު (3.15 އިންޗި) ހުރި އެ ފަނި ފެނުނު އިރު އޮތީ އަންހެން މީހާގެ ސިކުނޑީގެ ކުރީ ބައިގެ ތެރޭގަ އެވެ. ސިކުނޑީގެ އެ ބަޔަކީ ހަށިގަނޑުގެ ހަރަކާތްތަކާއި ވިސްނުމާއި ހަނދާނުގެ މައި މަރުކަޒެވެ.

އޮސްޓްރޭލިޔާގެ ކެންބަރާ ހޮސްޕިޓަލާއި އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީގެ ދިރާސާ ޓީމަކުން އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، މިއީ އިންސާނެއްގެ އެތެރެ ހަށީގެ ގުނަވަނަކުން މިބާވަތުގެ ފަންޏެއް ފެނުނު ފުރަތަމަ ފަހަރެވެ. އަދި ރަތް ކުލައިގެ މި ފަންޏަކީ އާންމު ގޮތެއްގައި ކާޕެޓް ޕައިތަން ކިޔާ ބޮޑު ހަރުފައެއްގެ ހަށިގަނޑުގައި އުޅޭ ފަންޏެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މި ބާވަތުގެ ފަނި އާންމު ގޮތެއްގައި އާލާވެ އުޅެމުން ދަނީ ކާޕެޓް ޕައިތަންގެ ކާނާ ހޮޅީގަ އާއި މައިދާގަ އެވެ. އަދި ޕައިތަންގެ ހަށިގަނޑަށް މި ބާވަތުގެ ފަނީގެ ބިސް ވާސިލުވަނީ، ކާނާގެ ގޮތުގައި ބޭނުންކުރާ އެއްގަމު ޖަނަވާރުގެ ޒަރީއާއިން ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.

ދިރާސާކުރި ޓީމުން ބުނި ގޮތުގައި އަންހެން މީހާގެ ހަށިގަނޑަށް ވަދެފައިވަނީ އެ ފަންޏެއް ނޫނެވެ. ދިރާސާކުރި ޓީމުން ލަފާކުރާ ގޮތުގައި އަންހެން މީހާގެ ހަށިގަނޑަށް ވަދެފައިވަނީ އެ ފަނީގެ ބިހެވެ. އަދި އެ ފަނީގެ ބިސް އަންހެން މީހާގެ ހަށިގަނޑަށް ވަދެފައިވަނީ، އޭނާ ކެއުމަށް ބޭނުންކުރި ވިނަ ޒާތުގެ ފަތެއްގެ ޒަރީއާއިންނެވެ.

އެ ވިނައަކީ، އެ އަންހެން މީހާ ދިރިއުޅޭ ސަރަހައްދުގައި އޮންނަ ކޯރެއްގެ އައްސޭރީގައި ހެދޭ ވިނައެކެވެ. ކޯރުގެ ތެރޭގަޔާއި ކޯރުގެ އައްސޭރީގައި އުޅޭ ކާޕެޓް ޕައިތަން ބޮޑުކަމު ގޮސް އުޅެނީ، އާންމު ގޮތެއްގައި އެ ބާވަތުގެ ވިނަތަކުގެ ތެރެއަށް ކަމަށްވާތީ، އެ ހަރުފައިގެ ނަޖިސް އުނގުޅިފައި ހުރި ވިނަތަކެއް އަންހެން މީހާއަށް ކެވުނީ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.

އެ ބާވަތުގެ ހަރުފައިގެ މައިދާގައި ދިރިއުޅޭ ފަނި ބިސް އެޅުމުން، ހަރުފައިގެ ނަޖިހާއެކު ކޯރުގެ ފަތްތަކުގައި ތަތްވެ ބިސްތައް ފީވެ އަލުން ފަނި އުފެދެ އެވެ. ދިރާސާކުރި ޓީމުން ލަފާކުރާ ގޮތުގައި ފަނީގެ ބިސް ތަތްވެފައި ހުރި ފަތްތައް އަންހެން މީހާއަށް ކެވުމުން، އޭނާގެ ހަށިގަނޑުގެ ތެރެއަށް އެ ބިސްތައް އެތެރެވީ އެވެ.

އެއަށް ފަހު ލެޔާއެކު އެ ބިސްތައް އަންހެން މީހާގެ އެތެރެ ހަށީގެ އެކި ގުނަވަންތަކަށް ފެތުރިގެން ދިޔައީ އެވެ. އެ ގޮތުން ސިކުނޑިއަށް ފޯރި ބިސްތަކުން ބިހެއް ސިކުނޑީގައި ފީވެ އެއިން ފަންޏެއް އުފެދި ބޮޑުވީ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ.

ކެންބަރާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑުން އާދަޔާ ޚިލާފު ބައްޔެއްގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށީ 2021 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. އެންމެ ފުރަތަމަ ބަނޑުގައި ރިއްސައި ބޭރަށް ހިންގައި ހުން އަންނަން ފެށި އެވެ.

އޭގެ ހަފުތާތަކެއް ފަހުން ހާލަތު އިތުރަށް ގޯސްވެ ނޭވާ ކުރުވެ ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވާން ފެށި އެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި ހަނދާން ނެތުމުގެ މައްސަލަ އިތުރަށް ގޯސްވެ ޑިޕްރެޝަންގެ އުނދަގޫ ވެސް ކުރިމަތިވާން ފެށުމުން، އޭނާގެ ސިކުނޑީގެ އެމްއާރްއައި ސްކޭނެއް ހަދައިގެން ތަހުލީލު ކުރުމުން، އާދަޔާ ޚިލާފު އެއްޗެއް ފާހަގަކުރެވުނެވެ.

އިތުރަށް ދިރާސާކޮށް ބެލުމުން، އެއީ ފަންޏެއްކަން އެނގުމުން ޑޮކްޓަރުންނަށް ހައިރާންކަން ލިބުނެވެ. ނަމަވެސް އަންހެން މީހާގެ ބޮލުގެ ނާށިގަނޑު ހުޅުވައިގެން އޮޕަރޭޝަން ކުރުމާ ހަމައަށް ވެސް، އެއީ ދިރި އޮތް ފަންޏެއް ކަމެއް ނޭނގެ އެވެ.

އޮޕަރޭޝަންކޮށްގެން އެ ފަނި ނެގީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް ފަނިފަކުސައާ ބެހޭ އިލްމުގެ ތަޖުރިބާކާރުން ކުރި ދިރާސާތަކަށް ފަހު، އެއީ ކޮން ބާވަތެއްގެ ފަންޏެއްކަން ކަށަވަރު ކުރެވުނީ ވަރަށް ފަހުންނެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އަންހެން މީހާގެ ފުއްޕާމެ އާއި ފުރަމެއަށް ވެސް ވަނީ އެ ފަނީގެ ބިސްތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފަ އެވެ. ނަމަވެސް ސިކުނޑި ފިޔަވައި އެހެން ގުނަވަނަކުން އެ ބާވަތުގެ ފަންޏެއް އަދި ދަރިފަންޏެއް ވެސް ނުފެންނަ ކަމަށް ޑޮކްޓަރުން ބުންޏެވެ.