Roadha Mihaaru

ދިވެހީންގެ ކަށިތައް ފީވެއްޖެ!؟

އަބަދުވެސް އުޅެން ޖެހެނީ ކޮންމެ ވެސް ހުޅަކަށް ތަދެއް އަރައިގެންނެވެ. ނޫނީ ގައިގެ ކޮންމެ ވެސް ތަނެއްގައި ރިއްސާތީ ރަނގަޅަށް ހިނގާ ނުލެވިގެންނެވެ. ބޮޑު އޮޕަރޭޝަނަކުން ނޫނީ ސަލާމަތްނުވާ ފަހަރުތައް ވެސް ގިނަވެއްޖެ އެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ހާލަތެއް ނޫނެވެ. ޒުވާނުންގެ އާއްމު ދިރިއުޅުމުގެ ހާލަތަކީ ވެސް މި އެވެ.

ދިވެހީންގެ ކަށިތައް ފީވެއްޖެ!؟
އާސިމާ ނިޒާރު
އާސިމާ ނިޒާރު

19 ޖޫން 2025

އަބަދުވެސް އުޅެން ޖެހެނީ ކޮންމެ ވެސް ހުޅަކަށް ތަދެއް އަރައިގެންނެވެ. ނޫނީ ގައިގެ ކޮންމެ ވެސް ތަނެއްގައި ރިއްސާތީ ރަނގަޅަށް ހިނގާ ނުލެވިގެންނެވެ. ބޮޑު އޮޕަރޭޝަނަކުން ނޫނީ ސަލާމަތްނުވާ ފަހަރުތައް ވެސް ގިނަވެއްޖެ އެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންގެ ހާލަތެއް ނޫނެވެ. ޒުވާނުންގެ އާއްމު ދިރިއުޅުމުގެ ހާލަތަކީ ވެސް މި އެވެ.

ކަށީގެ ތަޖުރިބާކާރު ޑޮކްޓަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ދިވެހިންގެ ކަށި ފީވުމުގެ މައްސަލަ، ކުރިއަށް ވުރެ ގިނައިން ފެންނަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ދިރިއުޅުމުގެ ހާލަތު އޮތް ގޮތެވެ. ނުވަތަ ނުރައްކާތެރި އާދަތަކުގެ ތެރޭގައި ތިބެވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަރުގަދަ ކައްޓަކަށް މައިގަނޑު ގޮތެއްގައި ބޭނުންވަނީ ތިން ކަމެކެވެ. އެއީ ވިޓަމިން ޑީ އާއި ކެލްސިއަމް، ހަރަކާތްތެރިވެ އުޅުމާއި ދުންފަތާއި ރާ ބުއިން ފަދަ ނުބައި އާދަތަކުން ދުރުވުމެވެ. ނަމަވެސް، ވިޓަމިން ޑީ ލިބޭ އެއް ސޯސް، އަވި ލިބޭ މި ގައުމުގައި އުޅޭ ގިނަ މީހުންގެ ހަށިގަނޑުގައި އެ މާއްދާ ވަރަށް މަދު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެެ.

އެކަމުގެ ކަންބޮޑުވުންތައް ވެސް އޭނާ ފާޅުކުރެއްވި އެވެ.

"އަތްވަކީ ވިޓަމިން-ޑީ ލިބޭ އެއް ކަންތައް. އެކަމަކު، އަވި ލިބޭ މި ގައުމުގައި ވިޓަމިން-ޑީ މަދުވުމުގެ މައްސަލަ އާދަޔާ ހިލާފަށް ގިނަ. އެކަން އެބަޖެހޭ އިތުރަށް ބަލަން،" ސިއްހީ ދާއިރާގައި ތަޖުރިބާކާރު ދިވެހި ޑޮކްޓަރު ވިދާޅުވި އެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ހާއްސަ އޮޕަރޭޝަަނެއް ކުރަނީ-- ފޮޓޯ: ނ. އަތޮޅު ހޮސްޕިޓަލް

ނ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ހާއްސަ އޮޕަރޭޝަަނެއް ކުރަނީ-- ފޮޓޯ: ނ. އަތޮޅު ހޮސްޕިޓަލް

ކަށި ފީވުމުގެ މައްސަލަ ގިނަކަން އެނގޭ އަނެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަކުލުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ގިނަވުމެވެ. އަދި ކުޅިވަރުގައި ފަސޭހައިން އަނިޔާ ވަނީ ވެސް ކަށި ފީވުމުގެ މައްސަލައާ ހެދި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސްޕޯޓްސް އިންޖަރީ ހުންނަން ޖެހޭ ވަރަށް ވުރެ ގިނައިން ފެނޭ އޭގެ މައްސަލަތައް،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

ކަކުލުގެ ލިގަމެންޓަށް ގެއްލުން ވެގެން ފާއިތުވި އަހަރުތަކުގައި ވަނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްފަ އެވެ. މިހާރު ވެސް އެ އޮޕަރޭޝަންތަކުގެ ބޮޑު ކިއުއެއް އައިޖީއެމްއެޗުގައި އެބައޮތެވެ.

"ދިވެހީންގެ ކަށި ފީވުމުގެ މައްސަލަ އުޅޭ. މިކަން ރާއްޖޭގައި ވަރަށް އާއްމުކޮށް އުޅޭ،" އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވުމަކީ ކަށި ފީވުމުގެ މައްސަލަ ކޮންމެހެން ދިމާވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، ރަނގަޅަށް ކެލްސިއަމާއި ވިޓަމިން ޑީ އާއި ކަސްރަތުކުރުން ފަދަ ކަންކަމާ ދުރުވުމުގެ ސަބަބުން އެ މައްސަލަ ދިމާވުން ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އުމުރުން ދުވަސްވީ ދެ މީހަކު ކަސްރަތަށް ބޭރަށް ނުކުމެ.-. ފޮޓޯ: ނިޝާން އަލީ/މިހާރު

އުމުރުން ދުވަސްވީ ދެ މީހަކު ކަސްރަތަށް ބޭރަށް ނުކުމެ.-. ފޮޓޯ: ނިޝާން އަލީ/މިހާރު

އިންސާނުންގެ ކަށި އެންމެ ވަރުގަދަ ވާނީ އުމުރުން 30 އަހަރުގަ އެވެ. އެކަމަކު އެ އުމުރުގައި ވެސް އެންމެ ރަނގަޅަށް ލިބޭނީ ރަނގަޅަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. އަދި އަންހެނުންގެ މައްސަރުކަންތައް ހުއްޓެން ފެށުމާ އެކު ކަށި ފީވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

ދުވަސްވީ މީހުންގެ ކަށިތައް ފީވުމުގެ މައްސަލަ ބޮޑުއިރު، އޭގެ އެއް ސަބަބަކީ ރަނގަޅު އެއްޗެހި ކާން ނުލިބުމުވެ. އެކަމަކު، މި ޒަމާނުގައި އެހެން ބުނުމުގެ ފުރުސަތެއް ނުލިބުނަސް ކަށި ފީވުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި އޭރު ހުންނާނީ ނެސްޕްރޭއާ މިލްކް-މޭޑު ކިޔާ ކޮންޑެންސް މިލްކަކާއި ކުޑަކުދިންނަށް ހުންނާނީ ލެކްޓޮޖެން. ނިމުނީ، އެ ނޫން އެއްޗެއް ނުހުންނާނެ. ފާތިހާ ދުވަހު އެކަނި ކިރު ސައިތައްޓެއް ލިބޭނީ. އެހެން ނޫނީ ގޭގައި ބޯނީ ކަޅު ސައި،"

"އަޅުގަނޑަށް ފުރަތަމަ ވެސް ޔޯގަޓު ފެނުނީ ބޭރަށް ކިޔަވަން ދިޔައިރު 22 އަހަރުގައި. ޔޯގަޓު ސްޕެލިން ދަސްކުރީ ވެސް އޭރު. އެއީ މިލްކުގެ ޕްރޮޑަކްޓުގެ ތެރެއިން މިލްކު ކޮންސެންޓްރޭޓު [އެންމެ މަތީ] އެއްޗަކީ އެއީ. އެކަމަކު، މިހާރު އާދައިގެ ތަންތަނުގައި ވެސް ފްލޭވާގެ ޔޯގަޓު..[މިހާރު މި ތަކެތި ފަސޭހައިން ލިބެން ހުއްޓަސް] ދުވަސްވީ މީހުންގެ ކަށި ހުންނަނީ ފީވެފައި. އެހެންވެ، ފަސޭހައިން ވެއްޓި ބިންދައިގެން ދާނެ." އެ ޑޮކްޓަރު ވިދާޅުވި އެވެ.