Roadha Mihaaru
މަންދު ކޮލެޖަށް ހަތަރު ލައްކަ ދޭން ދައުލަތަށް ޖެހިއްޖެ

މަންދު ކޮލެޖްގެ ތަކެއްޗަށް ދައުލަތުން ހަތަރު ލައްކަ ދޭން ޖެހިއްޖެ

01 ނޮވެމްބަރ 2017

މަންދު ކޮލެޖު ކުރިން ހިންގި ކުރީގެ އެމްއީއެސްގެ އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރުމުގެ ތެރޭގައި ގެއްލުނު، އެ ކޮލެޖްގެ ތަކެއްޗަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަންދު ކޮލެޖު ކުރިން ހިންގި ކުރީގެ އެމްއީއެސްގެ އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރުމުގެ ތެރޭގައި ގެއްލުނު، އެ ކޮލެޖްގެ ތަކެއްޗަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެމްއީއެސްގެ އިމާރާތުގައި ހިންގި މަންދު ކޮލެޖުގެ ބައެއް ފަރުނީޗަރު ގެއްލުނީ 2010 ގައި އަރަބިއްޔާ ސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން އެމްއީއެސްގެ އިމާރާތަށް ބަދަލު ކުރިއިރު، އެތަނުގައި ހުރި މަންދު ކޮލެޖްގެ ފަރުނީޗަރު ފަހުން އަނބުރާ ހަވާލުކުރާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ. އެ ތަކެތީގެ އަގު ހޯދަން މަންދު ކޮލެޖުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން 2013 ގައި އަންގާފައި އޮތީ ގެއްލުނު އަދަދަށް ފަރުނީޗަރު ދޭނެ ކަމަށެވެ.

އެކަމަކު ބަދަލުގައި ދޭން ބުނި ފަރުނީޗަރު ހަވާލު ނުކުރާތީ، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެ ތަކެއްޗަށް ވާ އަގު ހޯދަން ދައުވާ ކުރުމުން މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކުރީ އެ ތަކެތީގެ އަގުގެ ގޮތުގައި 451،000ރ. އެއް މަސް ތެރޭގައި މަންދު ކޮލެޖަށް ދެއްކުމަށެވެ.

އެ ފައިސާ ލިބުން ލަސްވުމުން ޖޫރިމަނާ ފައިސާ ނަގައި ދިނުމަށް އެ ދައުވާގައި އެދިފައި ވިޔަސް ކޯޓުން ނިންމީ ޖޫރިމަނާ ނަގައި ނުދެވޭނެ ކަމަށެވެ.

ސަރުކާރުން 2015 ގައި ވަނީ އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ނުހިންގޭނެ ކަމަށް ބުނެ، އެތަން އަތުލައިފަ އެވެ.