Roadha Mihaaru
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދީފި

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދީފި

14 ޖޫން 2021

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުން އެއްބަސްވި 15 މިލިއަން ރުފިޔާ އެ ކޮލެޖް ހިންގާ ކުންފުންޏަށް ދިނުމުގެ ގޮތުން ކޯޓަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުން އެއްބަސްވި 15 މިލިއަން ރުފިޔާ އެ ކޮލެޖް ހިންގާ ކުންފުންޏަށް ދިނުމުގެ ގޮތުން ކޯޓަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ހިންގި އިމާރާތް ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައިނުވާ ކަމަށް ބުނެ އެ ތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާކުރެވޭނެ ކަމަށް ބުންޏެވެ.

އެ ހުކުމްތަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުން ދައުވާކުރި އެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ނަގައިދޭށެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.

އެހެންވެ، އެއް މަސްދުވަހުގެ ތެރޭގައި ކޯޓަށް އެ ބަދަލުގެ ފައިސާ ދެއްކުމަށް މިދިޔަ އޭޕްރީލް 19 ގައި ސިވިލް ކޯޓުން ހުކުމްކުރި އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް މުއްދަތުގެ ތެރޭގައި ކޯޓަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން، ބަދަލުގެ ވަކި ވަރެއް މަންދުގެ އެކައުންޓަށް މިދިޔަ ހަފުތާގައި ވަނީ ޖަމާކޮށްފަ އެވެ.

ކުރިން ވެފައިވާ އެއްބަސްވުންތައް އުވާލުމާ އަދި މިފަދަ އެކި މައްސަލަތަކުގައި އެކި ފަރާތްތަކަށް ދައުލަތުން މިހާތަނަށް ބަދަލުގެ ގޮތުގައި ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހިފަ އެވެ. މަންދު ކޮލެޖަށް ދޭންޖެހުނު ފައިސާގެ މައްސަލާގައި ވެސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.