Roadha Mihaaru
މުއްދަތަށް ކާރުތައް ނުގެނައުމުން ބަދަލު ދޭންޖެހިއްޖެ

އެއްބަސްވުމުގައިވާ މުއްދަތަށް ކާރު ނުގެނައުމުން ދައުލަތަށް ދެ މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

30 ޖެނުއަރީ 2024

ފިނޭންސް މިނިސްޓްރީ އަށް 15 ކާރު ސަޕްލައިކޮށްދޭން އަމިއްލަ ވިޔަފާރިއަކާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ފިނޭންސް މިނިސްޓްރީ އަށް 15 ކާރު ސަޕްލައިކޮށްދޭން އަމިއްލަ ވިޔަފާރިއަކާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރުމުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް އައީ ސްކައިބިޒް އިންވެސްޓްމަންޓުގެ ވެރިޔާ މުހައްމަދު ހުޝާމް ކިޔާ މީހެއްގެ މައްޗަށެވެ.

ދައުލަތުން ކޯޓުގައި އެދުނީ ފިނޭންސް މިނިސްޓްރީ އާއި ސްކައިބިޒްއާ ދެމެދު ސެޕްޓެމްބަރު 5، 2016 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކާރުތައް ދައުލަތަށް ހަވާލުކޮށްފައި ނުވާތީ ލިކުއިޑޭޓަޑް ޑެމޭޖްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށް ދިނުމަށެވެ.

ހުޝާމް ބުނެފައި ވަނީ އެއްބަސްވުމުގައިވާ މުއްދަތަށް ކާރުތައް ސަޕްލައި ނުކުރެވުނީ އޭނާގެ ބާރު ނުފޯރުވޭ ފަދަ ހާލަތްތަކެއް މެދުވެރިވެގެން ކަމަށެވެ. ކާރުތައް ޑެލިވަރީ ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީ އަށް އޮގަސްޓް 14، 2017 ގައި ހުޝާމް ފޮނުވި ސިޓީގައި ވަނީ ކާރު ގެނައުން ލަސްވީ ކާރުތައް ޝިޕްކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ.

ކާރުތައް ސަޕްލައިކުރުމުން މަސައްކަތުގެ އަގު ފުރިހަމަ އަށް އަދާކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުން ދައުލަތުން ކޯޓަށް ހުށަހަޅާފައިވާތީ ހުޝާމްގެ ފަރާތުން ބުނީ މަސައްކަތުގެ އަގު އަދާކުރިއިރު މަސައްކަތުގެ އަގުން ލިކުއިޑޭޓަޑް ޑެމޭޖް ފައިސާ އުނިކުރުމުގެ ފުރުސަތު ދައުލަތަށް އޮވެ، އެކަން އެގޮތަށް ނުކޮށް އޮތުމުން އެ ހައްގު ދޫކޮށްލާފައިވާ ކަމަށް ބަލަންޖެހޭ ކަމަށެވެ.

އެ މައްސަލާގައި ޝަރީއަތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތަށް ކާރުތައް ސަޕްލައި ނުކުރެވުމުން ދެ ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކުރުމުން ވެސް އެ މުއްދަތުގައި ވެސް ކާރުތައް ސަޕްލައިކޮށްދީފައި ނުވާ ކަމަށެވެ. ހުޝާމް ބުނެފައިވާ ގޮތުގައި އިތުރުކުރި މުއްދަތުގައި ވެސް ކާރުތައް ޑެލިވަރީ ނުކުރެވުނީ ރާއްޖެއަށް އެ ގެނައުމަށް ފަހު ކަސްޓަމްސް އިން ކްލިއާކުރުމުގައި ދަތިތަކެއް ކުރިމަތިވެގެންނެވެ. މުއްދަތު އިތުރުކުރުމަށް ފަހުން އެދިފައެއް ނުވެ އެވެ.

މުދާ ކްލިއާ ކުރުމުގައި ލަސްވީ ޑިއުޓީ ވެލިއުގެ ގޮތުގައި ހުޝާމްގެ ކުންފުނިން ހުށަހެޅި އަދަދު ކަސްޓަމްސް އިން ބަލައިނުގަތުމުން، އެކަން މުރާޖައާކޮށްދޭން އެ ކުންފުނިން އެދުމުން ކަމަށާއި އެ މުއްދަތަކީ އެ ކުންފުނީގެ ބާރުގެ ދަށުގައި އޮތް ކަމަކަށް ނުވިޔަސް އެކަމަކީ އާންމު އުސޫލުން ބޭރުން ކުރިމަތިވި ކަމެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށް ކޯޓުން ފާހަގަ ކޮށްފައިވެ އެވެ.

އެކަމަކީ މުދާ ކްލިއާކުރުމުގައި ދިމާވެދާނެ ތަސައްވަރު ނުކުރެވޭ ފަދަ ކަމެއް ކަމަށް ގަބޫލުކުރާނެ ހަމައެއް ނެތް ކަމަށާއި އަދި މުއްދަތު އިތުރުކޮށްދިނުމަށް ކުރިން ދެ ފަހަރެއްގެ މަތިން މިނިސްޓްރީގައި އެދުނު ފަދައިން އަލުން އެދިފައިނުވަނީ ކީއްވެގެންކަން ބަޔާންކޮށް ނުދެވޭ ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންވެ، ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އެ ފައިސާ ނެގޭނެ ކަމަށް ދައުލަތުން ބުނާއިރު އެކަމާ މެދު ހުޝާމް ސުވާލު އުފައްދާފައިނުވާ ކަމަށާއި އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފައިސާ ނެގުން މަނާކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ހުޝާމްގެ މައްޗަށް ހުކުމްކުރީ މާޗު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން އެ ފައިސާ އެއްކޮށް ދައްކާ ހަލާސް ކުރުމަށެވެ.