Roadha Mihaaru
އީޔޫގެ ވަފުދުން އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްފި

އީޔޫގެ ވަފުދުން އިދިކޮޅު ފަރާތްތަކާ މަޝްވަރާކޮށްފި

29 އޮކްޓޯބަރ 2017

ރާއްޖޭގެ ހާލަތު ބެލުމަށް މިއަދު ރާއްޖެ އައި ޔޫރަޕިއަން ޕާލަމެންޓް (އީޔޫ) ގެ ވަފުދުގެ ބޭފުޅުން، އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ މިރޭ ބައްދަލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ހާލަތު ބެލުމަށް މިއަދު ރާއްޖެ އައި ޔޫރަޕިއަން ޕާލަމެންޓް (އީޔޫ) ގެ ވަފުދުގެ ބޭފުޅުން، އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ މިރޭ ބައްދަލުކޮށްފި އެވެ.

އީޔޫ ޕާލަމެންޓުގެ ތިން މެމްބަރަކު ހިމެނޭ އެ ވަފުދާ އެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޝްވަރާ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކާއި އިދިކޮޅު މެމްބަރުންނާ ދޭތެރޭ އަޅާ ފިޔަވަޅުތަކުގެ އިތުރުން އަންނަ އަހަރު މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމާ ގުޅޭ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެ ބޭފުޅުންނާ ވާނީ ހިއްސާކޮށްފައި. މިއީ މަޝްވަރާއެއް،" ތިން ގަޑިއިރެއްހާ އިރަށް ދިގު ދެމިގެންދިޔަ ބައްދަލުވުމާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވީ ރިޔާޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި މައްޗަންގޮޅި އުތުރު ދާއިރާ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާ ޝިދާތާ ޝަރީފެވެ.

އީޔޫ ވަފުދުގެ ބޭފުޅުން މާދަމާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އީޔޫ ޕާލަމެންޓްރީ ގުރޫޕުގެ އިސް ވަފުދެއް ރާއްޖެ އައިސްފައިވާއިރު، ފްރާންސްގެ ސްޓްރަސްބާގްގައި މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ.