Roadha Mihaaru
އީޔޫގެ ވަފުދު ރާއްޖެ އަތުވެއްޖެ

އީޔޫގެ ވަފުދު ރާއްޖެ އަތުވެއްޖެ

29 އޮކްޓޯބަރ 2017

ޔޫރަޕިއަން ޕާލަމެންޓް (އީޔޫ) ގެ ތިން މެމްބަރުން ހިމެނޭ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޔޫރަޕިއަން ޕާލަމެންޓް (އީޔޫ) ގެ ތިން މެމްބަރުން ހިމެނޭ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް އީޔޫގެ ވަފުދު ރާއްޖޭގައި މަޑުކޮށް ސިޔާސީ ފަރާތްތަކާ ބައްދަލުކުރަން ނިންމާފައިވާއިރު، އެ ވަފުދުގައި ހިމެނެނީ، އީޔޫ ޕާލަމެންޓުގެ ތިން މެމްބަރަކާއި އީޔޫ ޕާލަމެންޓްރީ ސެކްރެޓޭރިއޭޓުގެ އޮފިޝަލެއްގެ އިތުރުން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައިވާ އީޔޫގެ އޮފިޝަލުންނެވެ.

މި ވަފުދު ރާއްޖެ އައުމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެ ވަފުދުގެ ބޭފުޅުން ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ތިމާވެއްޓާއި ޓެރަރިޒަމްގެ އިތުރުން ޑިމޮކްރެސީ ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ އީޔޫގެ ވަފުދުން މިރޭ ބައްދަލުކުރާނެ އެވެ.

މީގެ އިތުރުން އައްޑޫގައި އީޔޫ އިން ހިންގާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބަލައިލުމަށް އެ ސިޓީ އަށް ދިއުމަށް ވެސް އީޔޫގެ ވަފުދުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އީޔޫ ޕާލަމެންޓްރީ ގުރޫޕުގެ އިސް ވަފުދެއް ރާއްޖެ އައިސްފައިވާއިރު، ފްރާންސްގެ ސްޓްރަސްބާގްގައި މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ޕާލަމަންޓުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގަރާރެއް ފާސްކޮށްފަ އެވެ. ރާއްޖޭގެ ކަންކަން ހިންގަމުން ގެންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށް ބުނެ އީޔޫގެ ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ގަރާރު ފާސްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެ ގަރާރާ ގުޅޭ ގޮތުން، ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވިދާޅުވެފައި ވަނީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ގަރާރަކީ ރާއްޖެ އިން ތަންފީޒު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ދެކޮޅަށް އީޔޫ ޕާލަމެންޓުން މީގެ ކުރިން ފަސް ގަރާރެއް ފާސް ކުރި އެވެ.