10 ސެޕްޓެމްބަރ 2018
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، އޮބްޒާވް ކުރަން އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނާންނަނީ އެ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު، އޮބްޒާވް ކުރަން އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނާންނަނީ އެ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭތީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގެ މިނިވަންކަމާ މެދު ޝައްކު އުފެދިފައިވާތީ، އެ އިންތިޚާބު މިނިވަންކުރުމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ގޮވާލަމުން ދިއުމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން، ޝައިނީ ވިދާޅުވީ މި އިންތިޚާބާ މެދު އެއްވެސް ބަޔަކު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށެވެ. މި އިންތިޚާބަކީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ބާއްވާ އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުސަތު އދ. އާއި އީޔޫ އަށް ސަރުކާރުން ދިން ނަމަވެސް، އެއްވެސް ކަމެއްގައި ރަސްމީކޮށް ބައިވެރި ނުވާން އެ ދެ ޖަމާއަތުން ވަނީ ނިންމައިފަ އެވެ. އެއާއެކު، ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވާތީ، މި އަހަރުގެ އިންތިޚާބު އެ ޖަމާއަތުން ވެސް އޮބްޒާވެއް ނުކުރާނެ އެވެ.
ދުނިޔޭގެ މައި ޖަމިއްޔާ، އދ. އިން ވަނީ ވާދަވެރި ފުރަތަމަ ރިޔާސީ އިންތިހާބު، 2008 ގައި ބޭއްވުމަށް ގިނަ އެހީތަކެއް ފޯރުކޮށްދީ، 2013 ގައި ބޭއްވި އިންތިޚާބަށް ވެސް އޮބްޒާވަރުން ފޮނުވައިގެން ކަންކަން ހިނގައިދިޔަ ގޮތް ބަލައިފަ އެވެ. އެހެންކަމުން، އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން، މިއީ އދ. އިން އޮބްޒާވް ނުކުރާ ފުރަތަމަ އިންތިޚާބެވެ.
ޔޫއެންގެ ޓީމަކުން ޝައިނީއާ ބައްދަލުކުރައްވަނީ. --ފޮޓޯ/ފިޝަރީޒް މިނިސްޓްރީ
އީޔޫ އަށް ދިން ދައުވަތުގެ ޖަވާބުގައި އިލެކްޝަންސަށް އަންގާފައި ވަނީ، އިންތިޚާބު އޮބްޒާވް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެ ދެ ޖަމާއަތުން ވެސް އިންތިޚާބު އޮބްޒާވް ނުކުރަން ނިންމި ސަބަބަކީ އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
މި ވާހަކަތަކަށް އެ މީހުން ބާރު ދެނީ، އެމެރިކާ ފަދަ ގައުމުތަކުން ދޭ އިންޒާރުތަކުންނެވެ. މިދިޔަ ހަފުތާގައި އެ ގައުމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު ވެސް ޑިމޮކްރަސީގެ ހަމަތައް ގެއްލެމުން ދާތީ ކަންބޮޑުވާ ކަމަށާއި ޑިމޮކްރެޓިކް މިނިވަން އިންތިޚާބަކަށް ހުރަސްއަޅާ މީހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި އދ. އިން އާއްމުކޮށް އިންތިޚާބު އޮބްޒާވްކުރަނީ، ތާޅާފޮޅުމާއި ހަމަނުޖެހުން ބޮޑު އަދި ނުރައްކާތެރި އަމަލުތައް ހިންގާ ތަންތަނުގަ އެވެ. ރާއްޖޭގެ އިންތިޚާބުު މި ފަހަރު އޮބްޒާވް ނުކުރުމަކީ މި ތަނުގައި އެފަދަ ކަންބޮޑުވާންޖެހޭ ހާލަތެއް ނެތް ކަން އެ ޖަމާއަތުން ގަބޫލުކުރާތީ ކަމަށް ވިދާޅުވި އެވެ.
"އދ. އިން މި އިންތިޚާބު އޮބްޒާވް ނުކުރުމަކީ އަޅުގަނޑުމެން އުުފާކުރާ ކަމެއް. މާނައަކީ އިދިކޮޅުން އެ ދައްކާ ފަދަ އުނދަގޫ ހާލަތެއް ރާއްޖޭގައި ނެތް ކަން އެ ޖަމާއަތުން ގަބޫލުކުރުން،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް، 2008 އަދި 2013 ގެ ރިއާސީ އިންތިޚާބު ބައިނަލްއަގުވާމީ ޖަމާއަތްތަކުން އޮބްޒާވް ކުރީ ރާއްޖޭގައި އެއްވެސް ހަމަނުޖެހުމެއް އަދި ތަޅާފޮޅުމެއް އޮވެގެންނެއް ނޫނެވެ.
މިނިސްޓަރު ވިދާޅުވީ އީޔޫ އިން ރަސްމީކޮށް އިންތިޚާބު އޮބްޒާވް ނުކުރިއަސް އެ ޖަމާއަތުގައި ހިމެނޭ ޔޫރަޕްގެ އެކި ގައުމުތަކުން މި އިންތިޚާބު އޮބްޒާވްކުރާ ކަމަށެވެ. ވީހާ ވެސް ގިނަ ބަޔަކަށް ދައުވަތު ދިނީ، އެންމެ ބޮޑަށް ހުޅުވާލައިގެން މިނިވަންކަމާ އެކު ބާއްވާ އިންތިޚާބަށް ހަދަން ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ އަމަލުތަކުން ބައެއް މީހުންގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ކަންކަން ކޮށްފައިވާތީ ޝަކުވާކުރި ކަން ފާހަގަކުރުމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ހުރިހާ ކަންބޮޑުވުންތަކެއްގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައްލުތަކެއް ހޯދައިދީފަ އެވެ.
އަދިވެސް ކަމެއް އުޅޭނަމަ، ހުރިހާ ސިޔާސީ ޕާޓީތަކާއި އެކި އިދާރާތަކުގެ ބައިވެރިވުން ހިމެނޭ ގައުމީ ލަފާ ދޭ ކޮމެޓީގައި ވާހަކަ ދައްކައިގެން ހައްލު ހޯދޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންތަކެއް އީޔޫގެ މެމްބަރަކާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ޝާހިދު ޓުވިޓާ
ޝައިނީ ވިދާޅުވީ، ރާއްޖޭގެ އިންތިޚާބުތަކުގައި މަކަރު ހަދައި އޮޅުވާލަން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ވޯޓުލުމާއި ގުނުން ފަދަ ހުރިހާ މަރުހަލާއެއް ކުރިއަށް ދަނީ، ޕާޓީތަކާއި ކެންޑިޑޭޓުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ކުރިމަތީގައި ކަމެވެ.
"ވޯޓު ފޮށި ހުޅުވައި ވޯޓު ގުނަނީ، ނަތީޖާ ވެސް އިއުލާން ކުރަނީ އެންމެންގެ ކުރިމަތީގައި. އެހެނެއް ނޫން، އިންތިޚާބުތަކުގައި މީގެ ކުރިން މަކަރު ހަދާފައިވާ މީހުންނަށް ހީވެދާނެ މަކަރު ހަދާނެއޭ. [ކުރީގެ ރައީސް މުހައްމަދު] ނަޝީދުމެން ސަރުކާރުގައި 20-30 ޕަސެންޓުން މަކަރު ހެދި ކަމަށް ވާހަކަ ދައްކާފައި އެބަހުރި،" ޝައިނީ ވިދާޅުވި އެވެ.
އެމެރިކާ ފަދަ ގައުމުތަކުން، މިނިވަން އިންތިޚާބަކަށް ގޮވާލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެނީ، އިންތިޚާބާ މެދު ސުވާލު އުފެދޭތީ ނޫންތޯ ދެންނެވުމުން، ޝައިނީ ވިދާޅުވީ، އެގޮތަށް ގޮވާލަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެއާ ގުޅޭ ގޮތުން ދައްކާ ހަގީގަތާ ޚިލާފު ވާހަތަކުގެ މައްޗަށް ކަމަށެވެ. އިދިކޮޅުން ދައްކާ ފަދަ ހާލަތެއް ނެތް ކަމަށާއި ހަގީގަތް ނުބަލައި އެމެރިކާ އިން ވެސް އިންޒާރު ދިނުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ހަގީގަތް އޮޅުވާލައިގެން ވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތެއް ހޯދުން. އެކަން ކާމިޔާބެއް ނުވާނެ. ރާއްޖޭގެ ހާލަތޭ ކިޔައި އެ ދައްކާ ފަދަ ހާލަތެއް ނޫން ރާއްޖެއަކު އޮތީކީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ވިޔަފާރިވެރިންނަށް ވެސް އީޔޫން ފިޔަވަޅު އެޅިޔަ ނުދޭނެ
ފިޔަވަޅު ނޭޅުމަކީ ލިބުނު ކާމިޔާބެއް: ޝައިނީ
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އަޅާކަށް ނޫޅޭ: ޝިއާން
އީޔޫ ގަރާރާ ގުޅިގެން މަޝްވަރާއަށް ގޮވާލައިފި
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
"އީޔޫގެ ގަރާރަކީ އެޅި ފިޔަވަޅެއް، އަސަރު ކުރާނެ"
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އިންތިޚާބު އޮބްޒާވްކުރުމުގެ ޝައުގެއް އީޔޫގެ ނެތް
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން