Roadha Mihaaru
ފިޔަވަޅު ނޭޅުމަކީ ލިބުނު ކާމިޔާބެއް: ޝައިނީ

އިދިކޮޅުން ބޭނުންވި ގޮތަށް ފިޔަވަޅު ނޭޅުމަކީ ލިބުނު ކާމިޔާބެއް: ޝައިނީ

16 ޖުލައި 2018

އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގޮތަށް، ދިވެހި ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ބައެއް ވިޔަފާރިވެރިންނާ މެދު ޔޫރަޕިއަން ޔޫނިއަން [އީޔޫ] އިން ފިޔަވަޅު ނޭޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އެ ޖަމާއަތުން ރާއްޖެއާ މެދު އަޅާ ފިޔަވަޅުތައް މައިތިރިކުރުމުގެ އިސް މަސައްކަތް ކުރައްވާ ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ފަރާތްތަކުން ހުށަހެޅި ގޮތަށް، ދިވެހި ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ބައެއް ވިޔަފާރިވެރިންނާ މެދު ޔޫރަޕިއަން ޔޫނިއަން [އީޔޫ] އިން ފިޔަވަޅު ނޭޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި އެ ޖަމާއަތުން ރާއްޖެއާ މެދު އަޅާ ފިޔަވަޅުތައް މައިތިރިކުރުމުގެ އިސް މަސައްކަތް ކުރައްވާ ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އިދިކޮޅުން ވެސް ލަފާކޮށްގެން ތިބީ މިއަދު ބޭއްވި އީޔޫގެ ކައުންސިލްގައި ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ފިޔަވަޅު އަޅައި އެ ބޭފުޅުންގެ ނަންތައް އާއްމުކުރާނެ ކަމަށެވެ. އެކަމަކު އެއާ ޚިލާފަށް، ރާއްޖޭގެ އިސް ވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ފާސްކުރީ އޮނިގަނޑެކެވެ. އޭގައި އެއްވެސް ބޭފުޅެއްގެ ނަން ނުހިމަނައި ބުނެފައި ވަނީ ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ސަރުކާރުގެ ބައެއް އިސް ވެރިންނާއި ސަރުކާރަށް އެހީވާ ވިޔަފާރިވެރިން ޔޫރަޕްގެ ގައުމުތަަކަށް ދަތުރުކުރުން މަނާކޮށް، އީޔޫގެ ގައުމުތަކުގައި ހުރި މުދާ ހިފަހައްޓައި އެކައުންޓްތައް ފްރީޒްކުރާނެ ކަމަށެވެ.

އީޔޫ އިން މި މަހުގެ މެދުތެރޭގައި ފިޔަވަޅު އަޅަން އިންޒާރު ދިނުމާ ގުޅިގެން، ސަރުކާރުގެ ފަރާތުން ބްރަސަލްސް އަށް ވަޑައިގެން ހުންނެވި މިނިސްޓަރު ޝައިނީ "މިހާރު"އަށް ވިދާޅުވީ ރާއްޖޭގެ އިސް ވެރިންނަށް ފިޔަވަޅު ނޭޅުމަކީ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ މިންވަރަށް ރާއްޖޭގެ ހާލަތު ގޯސް ނޫން ކަމަށް ގަބޫލުކުރުން ކަމަށެވެ. ފިޔަވަޅު އަޅާނެ ވެރިންގެ ލިސްޓު އާއްމުކޮށް އަދި ފިޔަވަޅު ނޭޅީ ސަރުކާރުން ކުރި މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ކުރި މަސައްކަތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް މިއީ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވިއިރު، ފްރޭމްވޯކްގައި ބުނެފައި ވަނ އީޔޫ އިން ފެބުރުއަރީ މަހު ފާސްކުރި ގަރާރުގައި ވާ ކަންކަން ތަންފީޒުކުރަން އަންގައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައި ވާ ގޮތަށް ކަށަވަރުކޮށްދިނުމާއި ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުން ހިމެނެ އެވެ.

ޝައިނީ މިއަދު ވެސް ވިދާޅުވި ގޮތުގައި، އީޔޫ އިން މައިގަނޑު ގޮތެއްގައި އަންގާފައިވާ ކަންކަމަކީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނަށް ކުރެއްވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން، ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތް އެހެން ގޮތަކަށް ބަދަލުކުރަން ބޭނުންވާ ނަމަ އެކަން ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި އިދިކޮޅުން އެކަން ކުރަން ބޭނުން ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެތައް ފަހަރަކު މަޝްވަރާ އަށް ގޮވާލުމުން ވެސް ޝަރުތުތައް ކުރިމަތިކުރުވައި އެކަމަށް އިންކާރުކޮށް، އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ފުރަގަސްދީފައިވާ ކަން އީޔޫ އިން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭނުން ވަގުތަކު ފިޔަވަޅު އެޅޭ ގޮތަށް އީޔޫ އިން ފްރޭމްވޯކެއް އެކުލަވާލާފައި އޮތަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، އީޔޫގެ ހުރިހާ ގައުމަކުން އެއްބަސްވެގެން ނޫން ގޮތަކަށް ފިޔަވަޅެއް ނޭޅޭނެ އެވެ.

"އެހެންވީމަ ފިޔަވަޅު އެޅުމަކީ ފަސޭހަ ކަމަކަށް ވެގެން ނުދާނެ. މިހާރު ވެސް ފެނިގެން މިދިޔައީ، ހުރިހާ ގައުމުތަކުން އެއްބަސްނުވާތީ ކަމަށް ނަންތަކެއް ލައިގެން އެއްބަސް ނުވެވުނީ،" ޝައިނީ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކާ ވެސް ވަރަށް ގާތް ގައުމުތަކެއް އުޅެދާނެ. ހަމައެއާ އެކު ސަރުކާރާ ގުޅުން ބޮޑު، ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާ ގައުމުތަކެއް ވެސް އެބަ ތިބި. އަޅުގަނޑުމެންނަށް ޔަގީންކަން ލިބިފައި އެބަ އޮތް ވަރަށް ގޯސްވެގެން ނޫން ގޮތަކަށް ފިޔަވަޅު އެޅިޔަ ނުދޭނެކަން."

ޝައިނީ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބު ނޯންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އިންތިޚާބު ވެސް އޮންނާނެ އެވެ. އަދި އެއީ އިދިކޮޅު ކެންޑިޑޭޓުން ވެސް ވާދަކުރާ އިންތިހާބަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.