Roadha Mihaaru
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ

އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ

25 ސެޕްޓެމްބަރ 2018

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު، މަސައްކަތްކޮށް، ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު، މަސައްކަތްކޮށް، ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ބުނެފި އެވެ.

އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހާލަތު ކުރިމަގުގައި އީޔޫ އިން ކައިރިން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އަލަށް އުފެދޭ ސަރުކާރާ އެކީ ގާތުން މަސައްކަތްކޮށް، ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދަށް އިޝާރާތްކޮށް، އީޔޫ އިން ބުނީ އެހާ ގިނަ ބަޔަކު ވޯޓުލާން ނުކުތީ ޑިމޮކްރަސީ ބޭނުންވެ، ރައްޔިތުންގެ އުންމީދުތަކެއް ހުރުމުން ކަމަށެވެ.

"ގާތްގަނޑަކަށް 90 ޕަސަންޓު މީހުން ވޯޓުލާން ނުކުތުމަކީ ދިވެހިން ޑިމޮކްރަސީ ބޭނުންވާ ކަމާއި އުންމީދުތަކެއް ހުރި ކަން ހާމަކޮށްދޭ ކަމެއް،" އީޔޫ އިން ބުންޏެވެ.

އީޔޫ އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ސުލްހަވެރިކަމާ އެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ރައީސް އަބްދުﷲ ޔާމީނަށް މަރުހަބާ ދަންނަވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ. މިއީ މިހާ ގިނަ ބަޔަކު ރާއްޖޭގެ އިންތިޚާބެއްގައި ވޯޓުލި ފަހަރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.