Roadha Mihaaru
މާބަނޑުއިރު ނިދި މަދުވާ ނަމަ ހަކުރު ބަލީގެ ބިރު

މާބަނޑުމީހުން ނިދި މަދުވާ ނަމަ ހަކުރު ބައްޔަށް މަގު ފަހިވޭ

23 އޮކްޓޯބަރ 2017

މާބަނޑު ދުވަސްވަރު ރަނގަޅަށް ނުނިދާ ނަމަ، މާބަނޑު މީހުންނަށް އާއްމު ގޮތެއްގައި ޖެހޭ ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ދައްކާފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މާބަނޑު ދުވަސްވަރު ރަނގަޅަށް ނުނިދާ ނަމަ، މާބަނޑު މީހުންނަށް އާއްމު ގޮތެއްގައި ޖެހޭ ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ފަހުގެ ހޯދުމަކުން ވަނީ ދައްކާފަ އެވެ.

މީހުން ނިދާ މިންވަރު ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި އަންހެނުންނާއި 16 ޕަސެންޓް ފިރިހެނުން އެކަށީގެންވާ މިންވަރަކަށް ކޮންމެ ދުވަހަކު ނުނިދަ އެވެ.

މާބަނޑު ނޫން މީހުންނަށް ވެސް ނިދި މަދުވުމާއި ހަކުރުބަލި ޖެހުމާ ވަރަށް ބޮޑު ގުޅުމެއް އޮންނަކަން މީގެ ކުރީގެ ވަރަށް ގިނަ ހޯދުންތަކުން ވެސް ވަނީ ސާބިތުވެފަ އެވެ.

މި ދިރާސާގައިވާ ގޮތުން މާބަނޑު މީހުން ވެސް ނިދާފައި އޮންނަ ވަގުތުކޮޅު މަދުވުމުން އެމީހުންގެ ލޭގައި ހަކުރު އެކުލެވޭ މިންވަރު އިތުރުވާން މެދުވެރިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި ކޮށްފައި ވަނީ ވަރަށް ކުޑަ ދިރާސާއެއް ކަމަށާއި ތަންކޮޅެއް ބޮޑު ދިރާސާއެއް އަދި ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

މާބަނޑު މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ބަނޑުބޮޑު ދުވަސްވަރު ހަކުރު މައްޗަށްދާ ގޮތް މެދުވެރިވެ އެވެ. މިކަން އާއްމުގޮތެއްގައި ދިމާވަނީ ބަލިވެ އިނދެ ދެ ވަނަ ޓްރައިމިސްޓާގެ ތެރޭގަ އެވެ. އެހެންވެ މާބަނޑު މީހުންގެ ބަނޑަށް 24 ހަފުތާ އާއި 28 ހަފުތާއާ ދޭތެރޭ، ލޭގައި ހަކުރު ހުރި ވަރު ޓެސްޓްކުރަން ސިއްހީ މާހިރުން ލަފާ ދެ އެވެ.

ކިތަންމެ ކުޑަކޮށް ނަމަވެސް ހަކުރު ހުންނަ މިންވަރު މަތިވެފައިވާ މީހުންނަށް ގެސްޓޭޝަނަލް ޑައިބެޓީސް ޖެހުމުގެ ފުރުސަތު މާ ބޮޑަށް އިތުރެވެ. އެހެންވެ މި ބަލި ހުރިތޯ ބަަލަން އާއްމުކޮށް އިތުރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ގެސްޓޭޝަނަލް ޑައިބެޓީސް ހުއްޓަސް ގިނަ މީހުންނަކަށް މިކަމާ ގުޅިގެން އެއްވެސް ކަހަލަ ބައްޔެއްގެ ނިޝާނެއް ނުފެނެ އެވެ. އަދި ވިހެއުމަށް ފަހު ހަކުރުބަލީގެ ނިޝާންތައް ފިލައިގެން ދެ އެވެ.

މާބަނޑު ދުވަސްވަރު ހަކުރު މައްޗަަށްދާ މައިންގެ ދަރިންގެ ބަރުދަން އިތުރުވެ ވިހަން އުނދަގޫވާ ގޮތް މެދުވެރިވެ އެވެ. އަދި ގެސްޓޭޝަނަލް ޑައިބެޓީސް ހުންނަ މީހުންނަށް އުމުރުން ދުވަސް ވުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދަ މީހުންނަށް ލިބޭ ދަރިން ބޮޑެތިވެ އެ މީހުންގެ އުމުރުން ދުވަސްވުމުން ހަކުރުބައްޔާއި ފަލަބަލި ޖެހުމުގެ ނުރައްކާ ވެސް އޮވެ އެވެ.