Roadha Mihaaru
ފަހު ވަގުތު ވަޓްފޯޑް އަތުން އާސެނަލް ބަލިވެއްޖެ

ފަހު ވަގުތު ވަޓްފޯޑް އަތުން އާސެނަލް ބަލިވެއްޖެ

15 އޮކްޓޯބަރ 2017

ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅު ތެރޭގައި ޓޮމް ކްލެވަލީ ޖެހި ލަނޑާ އެކު 2-1 އިން އާސެނަލް އަތުން ވަޓްފޯޑް މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮކްޓޯބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ސިކުންތު ކޮޅު ތެރޭގައި ޓޮމް ކްލެވަލީ ޖެހި ލަނޑާ އެކު 2-1 އިން އާސެނަލް އަތުން ވަޓްފޯޑް މޮޅުވެއްޖެ އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. އެހެން ނަމަވެސް ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެއީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މި މޮޅާ އެކު ވަޓްފޯޑް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެ ޓީމަށް އަށް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގެ 39 ވަނަ މިނިޓްގައި އާސެނަލަށް ލީޑުނަގައިިދިނީ ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު ޕާ މާޓެސެކާ އެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު ޕްރިމިއާ ލީގުގައި މާޓެސެކާ އާސެނަލް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ލީޑުފުޅާކުރަން އާސެނަލްގެ ހެކްޓަ ބެލެރިން އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުކުރެވުނެވެ.

ވަޓްފޯޑަށް އެއްވަރުކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޓްރޮއީ ޑީނީ އެވެ. މި ޕެނަލްޓީ އަކީ އާސެނަލްގެ ބެލެރިން ވަޓްފޯޑްގެ ރިޗާލިސަން އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ކްލެވަލީ އެ ޓީމު މޮޅުކޮށްދިން ލަނޑު ޖެހީ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ރޭގެ މެޗު އެ ޓީމަށް ގެއްލުނީ ރެފްރީގެ ގޯސް ނިންމުމެއްގެ ސަަބަބުން ކަމަށެވެ.

"އަހަރެން ބުނާނީ އެއީ ޕެނަލްޓީއެއް ނޫން. އެ ޕެނަލްޓީ ލިބުނީ ވެސް ވަޓްފޯޑަށް އެންމެ ބޭނުންވި ވަގުތުގައި. އެ ޓީމުން މެޗުގެ ތެރެއަށް ވަންނަން އެންމެ ބޭނުންވި ވަގުތު،" ވެންގާ ބުންޏެވެ.

ވަޓްފޯޑްގެ ކޯޗު މާކޯސް ސިލްވާ ބުނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަން ބޭނުންނުވާ ކަމަށާއި ބޭނުންވާ ނަތީޖާ ނެރެވުމުން އެ ހިތްހަމަ ޖެހުން ލިބިއްޖެ ކަމަށެވެ.