Roadha Mihaaru
ޕީޖީއަށް އެރި އޮޅުމަކުން ކުޑަކުއްޖަކަށް ބޮޑު ހުކުމެއް

ޕީޖީއަށް އެރި އޮޅުމަކުން ކުޑަކުއްޖަކަށް ބޮޑު ހުކުމެއް ކުރެވިއްޖެ

04 އޮކްޓޯބަރ 2017

ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރި އިރު އެއީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުންތަކުގައި އޮތުމުން އެ ކުއްޖާއަށް ނުބައި އަދަބެއް ދިނުމަށް ކޯޓަކުން ހުކުމްކުރި މައްސަލައެއް ފެންމަތިވެެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރި އިރު އެއީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުންތަކުގައި އޮތުމުން އެ ކުއްޖާއަށް ނުބައި އަދަބެއް ދިނުމަށް ކޯޓަކުން ހުކުމްކުރި މައްސަލައެއް ފެންމަތިވެެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި މައްސަލަ ދިމާވީ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ވައްކަމުގެ ދައުވާ އުފުލި 17 އަހަރުގެ ކުއްޖަކަށެވެ. ކުޑަކުދިންނަށް ދޭންޖެހެނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ވިޔަސް އެ ކުއްޖާގެ މައްޗަށް ކޯޓުން ކަނޑައެޅީ އެ ކުށަށް ބޮޑު މީހުންނަށް ދެވޭ އަދަބު ކަމަށްވާ ދެ އަހަރުގެ ޖަލު ހުކުމެވެ. އެކަން އެގޮތަށް ދިމާވީ ދައުވާ ފޯމްގައި، އެ ކުއްޖާއަކީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށް ލިޔެވިފައި އޮތުމުންނެވެ. އެ ކުއްޖާއަށް އަސްލު ދޭންޖެހޭނީ އެއް އަހަރާއި ހަތަރު މަހުގެ އަދަބެކެވެ.

ދައުވާ ފޯމްގައި އެގޮތަށް ލިޔެފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކޯޓަށް ފޮނުވިއިރު އެރި އިދާރީ އޮޅުމަކުން ކަމަށްވެ އެވެ. އެކަމަކު އެކަން ފާހަގަވީ ހުކުމްކުރި ފަހުންނެވެ. ހުކުމް ތަންފީޒު ކުރުމަށް އެ ކުއްޖާ މިހާރު ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.

އެ މައްސަލަ ފާހަގަވީ އެ ކުއްޖާއާ އެކު އެ މައްސަލާގައި ދައުވާލިބުނު އެހެން ކުޑަކުއްޖަކަށް ކަނޑައެޅި އަދަބާއި އަނެއް ކުއްޖާއަށް ކަނޑައެޅި އަދަބު ތަފާތުވުމުން، އެ ކުއްޖާގެ ބެލެނިވެރިން އެކަން ކޯޓުގެ ސަމާލު ކަމަށް ގެނައުމުންނެވެ. ދެން ހުރި ކުއްޖާގެ މައްޗަށް ކަނޑައެޅީ އެއް އަހަރާއި ހަތަރު މަހަށް ގޭގައި ބަންދުގެ ކުރުމުގެ އަދަބެވެ. ވަކީލެއްގެ އެހީތެރިކަން ނުހޯދައި އެ ދެ ކުދިން ވެސް ވަނީ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެ ދައުވާއަށް އިއުތިރާފްވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

މީގެ އަހަރުތަކެއް ކުރިން 2011 ގައި ވެސް އެފަދަ މައްސަލައެއް ދިމާވި އެވެ. ސަލީބެއް އެތެރެކުރި ކުޑަކުއްޖަކަށް ދައުލަތުން ދައުވާ ކުރިއިރު އިދާރީ އޮޅުމަކުން އެ މައްސަލަ ފޮނުވުނީ ބޮޑެތި މީހުންގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓަށެވެ. އެ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުއްޖެއް ކަން އެނގުނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، ތިން އަހަރަށް ޖަލަށްލާން ހުކުމްކުރި ފަހުންނެވެ. އެކަން އެނގުމުން އެ މައްސަލަ ދައުލަތުން އަމިއްލަ އަށް އިސްތިއުނާފްކޮށް، ހައި ކޯޓުން އޭރު ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.