Roadha Mihaaru
ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުނުވާތީ ކަންބޮޑުވުން

ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހު ނުކުރާތީ މިނިސްޓަރު އިހްސާންގެ ކަންބޮޑުވުން

22 ޖެނުއަރީ 2024

ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހު ނުކޮށް އޮތުމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހު ނުކޮށް އޮތުމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ޖުވެނައިލް ޖަސްޓިސް ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ރާއްޖެއަށް މުހިންމު ގާނޫނެއް ކަމަށް ވިޔަސް ކުށްކުރާ ކުދިންނަށް އެ ގާނޫނުގެ ދަށުން ހާއްސަ ހިމާޔަތެއް ލިބިދޭތީ އޭގެ ނާޖާއިޒު ފައިދާ ބަަޔަކު ނަގަމުންދާ ކަމަށެވެ. މިފަދަ މުހިންމު ގާނޫނުތައް އިސްލާހު ކުރުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުށްކުރާ މީހުން އެކަންކުރާ ފެންވަރަށް ގާނޫނު ބަދަލު ނުކުރެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

"މިފަދަ ސެންސިޓިވް ކަންކަމުގައި 2019 އިން ފެށިގެން އަދި އެންމެ އިސްލާހެއް ގެނައީ. އަޅުގަނޑުމެންގެ ގާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކުން މި ދައްކަނީ ޑޭ އެންޓް ނައިޓް، މި ގާނޫނުގައި ހުރި އިސްލާހު ކުރަންޖެހޭ ކަންކަމުގެ ވާހަކަ. މި ކަމަކަށް އިސްކަމެއް ނުދެވޭ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާކޮށް، ލިޔުންތައް ބަދަލު ކުރުމުގައި ތިބުމުގެ ބަދަލުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އަބަދުވެސް އިސްކަން ދޭން ޖެހޭނީ ކުށްކުރާ މީހުން ހިމާޔަތް ކުރެވޭނެ ނިޒާމެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޓީ ބިޓީ ލިޔުން މަދުކޮށް، ކަންކަން ހިންގުން އަވަސްކޮށް، ހަރުދަނާ ކުރުން އެއީ އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކަށް ވާން ޖެހޭނީ. ކާކުތޯ 15 އަހަރުވީމާ ޒިންމާވާނީ، ކާކުތޯ 18 އަހަރުވީމާ ޒިންމާ ވާނީ މިއެއް ނޫން ބަލަން ޖެހޭނީ. ކުއްޖާ ހިމާޔަތް ކުރާނެ މީހެއް ބަލަންވީ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެއް ބާވަތެއްގެ ކުށްކުރާ ކުދިންނާ މެދު ތަފާތު އުސޫލުތަކެއް މިހާރު ތަންފީޒު ކުރަމުންދާ ކަމަށެވެ. މީހުން މެރުމުގައި ބައިވެރިވާ ބައެއް ކުދިން ބަންދުގައި ތިބޭއިރު، އަނެއް ބައި ކުދިން ތިބީ ގޭގައި ކަމަށާއި އެކަންކަމަށް އަވަހަށް ހައްލެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެއް ލިޔުމަކުން ލިޔެފައި އޮތް ގާނޫނެއް ބަލައިގެން އަޅުގަނޑުމެން އަމަލު ކުރަމުންދާ ގޮތް. މި ވެސް އެބަޖެހޭ ބަދަލުވާން." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުށްކުރާ ކުދިން އެއްކޮށް ރިހިބިލިޓޭޓްކޮށް، އިތުރު ކުދިން ކުށުގެ މާހައުލަށް ނުދާނެ މިންވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭނީ އެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.