Roadha Mihaaru
ކުށްކުރި ކުޑަކުދިންގެ އަދަދު މިދިޔަ އަހަރު މަދު

ކުށްކުރި ކުޑަކުދިންގެ އަދަދު މިދިޔަ އަހަރު މަދު

23 ޖެނުއަރީ 2019

މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން މިއަދު ބުނެފި އެެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން މިއަދު ބުނެފި އެެވެ.

ކުށްކުރާ ކުޑަކުދިންގެ ކަންކަން ބަލަހައްޓާ ޖޭޖޭޔޫ އިން މިއަދު ނެރުނު މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 349 ކުއްޖެއްގެ މައްސަލަ ހުށަހެޅި އިރު، އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް ދަށް އަދަދެކެވެ. އަދި ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް އަލަށް ކުށްކުރާ ކުދިންނާއި ކުށް ތަކުރާރުކުރާ ކުޑަކުދިންގެ އެ އަދަދު ވެސް މަދުވެފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ 93 ޕަސެންޓަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހެޅޭ އެފަދަ މައްސަލަތައް 2017 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު 47 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

ކުށްކުރާ ކުދިންގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ދެ ޖިންސުގެ ވެސް 16 އަހަރުގެ ކުދިންނާ ގުޅޭ މައްސަލަތައް ގިނަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން ގިނަ އަންހެން ކުދިން ކުށުގެ ވެށްޓަށް ވަންނަނީ އެ ކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ނުދެވޭތީ ކަން ފާހަގަ ކުރެވޭ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުށްކުރި ކުޑަކުދިންގެ ތެރެއިން 35 ޕަސެންޓް ކުދިންނަކީ ސްކޫލްގައި އުޅޭ ކުދިންނެވެ. އަދި 32 ޕަސެންޓް ކުދިންނަކީ ވަކި ހިސާބަކުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިން ކަމަށް ވާއިރު 23 ޕަސެންޓް ކުދިންނަކީ ފުރަތަމަ ސާނަވީ ނިންމާފައިވާ ކުދިން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުށްކުރާ ކުދިންގެ އުމުރު ހަގުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް އެ ހިސާބުތަކުގައިވެ އެވެ. ގިނަ ކުދިންގެ އަޚްލާގީ މައްސަލަތަކާއި ނުރައްކާތެރި ސުލޫކީ މައްސަލަތަކުގެ އިތުރުން ކުށުގެ ވެށީގައި އުޅޭ ބޮޑެތި މީހުންނާ އެ ކުދިންނާ ގުޅުން ބޮޑު ކަން ފާހަގަވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކުށްކުރާ ކުޑަކުދިންގެ އާއިލީ ހާލަތަ ގުޅޭގޮތުން އެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި ހިމެނޭ 38 ޕަސެންޓް ކުދިން ނިސްބަތްވަނީ މައިންބަފައިން އެކުގައި އުޅޭ އާއިލާތަކަށެވެ. އަދި އާއިލާ ރޫޅިފައިވާ 34 ޕަސެންޓް ކުދިންގެ މައްސަލަ ވެސް ފާހަގަވި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ޝަރުއީ ބައްޕައެއް ނެތް ކުދިންނާއި މައިންބަފައިން މަރުވެފައިވާ ކުދިން ކުށުގެ ވެށްޓަށް ވަންނަ މިންވަރު ވެސް އިތުރުވާ ކަމަށް އެ ހިސާބުތަކުގައިވެ އެވެ.

މިދިޔަ އަހަރު ކުޑަކުދިންނާ ބެހޭގޮތުން އެންމެ ގިނައިން ހުށަހެޅީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުން ކުރުމުގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކެވެ. އަންހެން ކުދިންނާ ބެހޭގޮތުން އެންމެ ގިނައިން ހުށަހެޅުނީ މާރާމާރީ ހިންގުމާއި ބަދު އަޚުލާގީ މައްސަލަތައް ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.