Roadha Mihaaru
ކުށުގެ ވެށީގައި އެންމެ ގިނައީ އާއިލާ ރޫޅިފައިވާ ކުދިން

ކުށުގެ ވެށީގައި އެންމެ ގިނައީ އާއިލާ ރޫޅިފައިވާ ކުދިން

09 ނޮވެމްބަރ 2021

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޑީޖޭޖޭ އިން އިއްޔެ އާންމުކުރި އެ ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން، އެ އިދާރާ އަށް ހުށަހެޅި ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން، އެ ކުދިންގެ އާއިލާގެ ހާލަތަށް ބެލިއިރު، އޭގެ ތެރެއިން 37 ޕަސެންޓް ކުދިން ނިސްބަތް ވަނީ ރޫޅިފައިވާ އާއިލާތަކަށް ކަމަށެވެ. އަދި ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ 20 ޕަސެންޓް ކުދިން ހިމެނޭއިރު، ޝަރުއީ ބައްޕަ ނެތް 14 ޕަސެންޓް ކުދިންގެ މައްސަލަތައް ހުށަހަޅާފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ޑީޖޭޖޭ އަށް، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ 88 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެކަމަކު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 177 ކުދިންގެ އަދަދުގެ މަދުވުމެކެވެ.

ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނާއި ޝަރުއީ ބައްޕަ ނެތް ކުދިންގެ މައްސަލަތައް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގިނަކަން ފާހަގަކުރެވުނަސް، ވޭތުވެދިޔަ އަހަރުތަކުގައި (2011 އިން 2018) ކުށުގެ ވެށީގައި އެންމެ ގިނަ ކަމަށް ފާހަގަވެފައި ވަނީ ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށް މި ރިޕޯޓުގައިވެ އެވެ.

މައިންބަފައިން ކުށްކުރުމާއި ކުށުގެ ވެށީގައި އުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރުމާއި އަދި ހަށިވިއްކުން ފަދަ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުޅޭތީ ބައެއް ކުދިން ވެސް މިފަދަ މައްސަލަތަކުގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބުމާއި ބޮޑެތި އިހުމާލުވުމާއި އަދި އަޅާލުން ކުޑަވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް އެންމެ ގިނައީ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި އެ އެއްޗެހި ގެންގުޅުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމާއި އަދި ޖެހުން/މާރާމާރީ ފަދަ މައްސަލަތަކެވެ. މި މައްސަލަތަކުގައި އެންމެ ގިނައިން ޝާމިލު ވަނީ ފިރިހެން ކުދިންނެވެ. އަދި ގަސްތުގައި މީހަކު މަރާލުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.

އަންހެން ކުދިންގެ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޝަރުއީ ކައިވެންޏަކާއި ނުލާ ބަލިވެއިނުމާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަދި ބޭ އަދަބީ ގޮތުގައި އައުރަ ހާމަކުރުން ފަދަ މައްސަލަތަކެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑީޖޭޖޭ އަކީ ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައު އަށް ރުޖޫއަކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރާ އެވެ. މި އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، އެ އިދާރާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ގަވާއިދެއް ހަދާ ވަނީ ހިދުމަތް ދޭން ފަށައިފަ އެވެ.