Roadha Mihaaru
"ވާނީ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތައް ހިމެނޭ"

ވާނީގައި ހިންގާ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތައް ހިމެނިފައިވޭ: އެޗްއާރުސީއެމް

21 ޖުލައި 2016

ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި ހިންގަމުން އަންނަ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި ހިންގަމުން އަންނަ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އިއްޔެ ވަނީ ވާނީގައި ކުދިން ބަލަހައްޓާ ސެންޓަރަށް ޒިޔާރަތްކޮށްފަ އެވެ. އެ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުލުހުންނާއި އާއި ޖެންޑާ މިނިސްޓްރީ އަދި ޖުވެނަލް ޖަސްޓިސް ޔުނިޓުން ހިންގަމުން އަންނަ "އުއްމީދު- ފަހި މާދަމާއަކަށް" ޕްރޮގްރާމުގައި ފައިދާކުރާނެ ކަންތައްތަކެއް ހިމެނިފައިވާ ކަމަށެވެ.

މި ޕްރޮގްރާމު ހިންގުމަށްޓަކައި ޖުވެނަލް ޖަސްޓިސް ޔުނިޓުން ހަދާފައިވާ އިޖުރާއަތުގައި ކުދިންނަށް ފައިދާކުރާނެ އަދި އެ ކުދިން އަނބުރާ މުޖުތަމައަށް އައުމަށް މަގުފަހިވާނެ ޕްރޮގްރާމްތައް ހިމަނާފައިވާކަން އެޗްއާރުސީއެމުން ފާހަގަކޮށްފައި ވެ އެވެ.

"މި ޕްރޮގްރާމް ހިންގުމަށް ތަފާތު ދަތިތައް ހުރި ނަމަވެސް ވަރަށް ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ކުރިއަށްދާކަން ކޮމިޝަނުން ނުހަނު އުފަލާއެކު ފާހަގަކުރަން،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެންޕީއެމުން ވާނީ އަށް ދިޔައިރު 19 ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ޕްރޮގްރާމު ފުރިހަމަކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ކުދިންނަކީ ވެސް ކޯޓު އަމުރެއް ނުވަތަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ލިބިގެން ޕްރޮގްރާމް ފުރިހަމަކުރާ ކުދިންކަން އެޗްއާރުސީއެމުން ފާހަަގަކޮށްފައި ވެ އެވެ.

މިދިޔަ ޖޫން މަހު ފެށި މި ޕްރޮގްރާމުގެ ބައިވެރިންނަށް އެކި ތަމްރީނުތަކާއި ސެޝަންތައް ނަގައިދެމުން އަންނަނީ ޖުވެނަލް ޖަސްޓިސް ޔުނިޓާއި އެމްއެންޑީއެފާއި ކަރެކްޝަނަލް ސާވިސް އަދި ފުލުހުންގެ 27 މީހުން ހިމެނޭ ޓީމަކުންނެވެ.

ކުދިން ރަނގަޅު ގޮތުގައި މުޖުތަމައުއަށް ގެނައުމަށްޓަކައި މިފަދަ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ މުހިއްމުކަމެއް ކަން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.