Roadha Mihaaru
މާފުށީ ކުޑަކުދިންގެ މަރުކަޒުގެ މުވައްޒަފުން ވަކިކޮށްފި

މާފުށީ ކުޑަކުދިންގެ މަރުކަޒުގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި

30 ޖެނުއަރީ 2019

އެއްވެސް މަސައްކަތެއް ނުކޮށް "ބަންދުކޮށްފައި" ހުންނަތާ ދެ އަހަރުވެފައިވާ ކ. މާފުށީ ކުޑަކުދިންގެ މަރުކަޒުގައި ތިބި ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި އެވެ. އެތަނުގައި ތިބި 24 މީހުން ވަޒީފާ އިން ވަކިކުރީ، ކުރިއަށް އޮތް ތިން މަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ފަހު އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެއްވެސް މަސައްކަތެއް ނުކޮށް "ބަންދުކޮށްފައި" ހުންނަތާ ދެ އަހަރުވެފައިވާ ކ. މާފުށީ ކުޑަކުދިންގެ މަރުކަޒުގައި ތިބި ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފި އެވެ. އެތަނުގައި ތިބި 24 މީހުން ވަޒީފާ އިން ވަކިކުރީ، ކުރިއަށް އޮތް ތިން މަހުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ފަހު އެވެ.

އާ ސަރުކާރާ އެކު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މާފުށީ ތައުލީމާއި މަސައްކަތް އުނގައްނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ގައި ބަލަހައްޓަމުން އައި ކުދިންތައް 2016ގެ މާޗު މަހު ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް ވަނީ ބަދަލުކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އިބްރާހިމް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ މަރުކަޒުން ވަކިކުރި މުވައްޒަފުންނަކީ އެއްވެސް މަސައްކަތެއް ނެތްއިރު ވެސް، ދައުލަތުން މުސާރަ ދެމުން އައި ބައެއް ކަމަށެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އެ ތަނުގެ މުވައްޒަފުންތައް ކަނޑާލަން އެންގީ، ކުރިއަށް އޮތް ތިން މަހުގެ މުސާރަ އާއި އިނާޔާތްތައް ވެސް އެ މީހުންނަށް ދީފަ އެވެ. އަދި އެ މީހުން ކަނޑާލަން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ ލަފައާ ވެސް އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ އެ މަރުކަޒު އޭރު ހުސްކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން 2015 ގައި ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި އީޓީސީސީއާ ގުޅިގެން ބުނެފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ތަންތަނުގައި މަދުވެގެން ހުންނަން ޖެހޭ މިންގަނޑުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ތަން ހުސްކުރި އިރު އެތަނުގައި ތިބީ އެންމެ ފަސް ކުދިންނެވެ. އެ މަރުކަޒުގައި އެއްވެސް ކުއްޖަކު ނެތަސް، އެތަނުގެ މުވައްޒަފުންނަށް މިއަދާ ހަމައަށް އައީ ބަރާބަރަށް މުސާރަ ދެމުންނެވެ.

"އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރޭ، އެ ކަމަކު އެތަނުގައި އުޅޭ މުވައްޒަފުންނެއް ވަޒީފާއަކުން ކަނޑައެއް ނުލާ. އެ މީހުންނަށް މުސާރައިގެ ގޮތުގައި ދައުލަތުން ކޮންމެ އަހަރަކު 2.1 މިލިއަން ރުފިޔާ ހޭދަ ކުރަމުން އައީ،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތަށް 2016ގެ މާޗު މަހުން ފެށިގެން އެ ތަނުގައި މަސައްކަތް ކުރުން ހުއްޓާލައިފި ނަމަ، 2018 ވަނަ އަހަރުގެ ނިމުމާއި ހަމައަށް ގާތްގަނޑަކަށް 5.9 މިލިއަން ރުފިޔާ އެ މީހުންގެ މުސާރަ އަށް ދައުލަތުން ވާނީ ހޭދަކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ހުރި ތަނަކުން، އެހާ ބައިވަރު އިސްރާފެއް ކުރެވޭކަން ފާހަގަ ކުރެވުނީމަ އަޅުގަނޑުމެން އެ މީހުން ކަނޑާލުމުގެ މަސައްކަތް ފެށީ،" އިބްރާހިމް ވިދާޅުވި އެވެ.