Roadha Mihaaru
ޑީޖޭޖޭގެ ގަވައިދު ގެޒެޓްކޮށްފި

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ގަވާއިދު އާންމުކޮށްފި

01 ސެޕްޓެމްބަރ 2021

ކުޑަކުދިންގެ އަދުލުގެ ގާނޫނު ދަށުން އުފައްދާފައިވާ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން އަމަލުކުރަންޖެހޭ ގަވާއިދު ގެޒެޓުކޮށް، މިއަދު އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަކުދިންގެ އަދުލުގެ ގާނޫނު ދަށުން އުފައްދާފައިވާ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން އަމަލުކުރަންޖެހޭ ގަވާއިދު ގެޒެޓުކޮށް، މިއަދު އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

ޖުވެނައިލް ޑިޕާޓްމަންޓުން ކަނޑައަޅަން ޖެހޭ އުސޫލުތައް މީގައި ހިމަނާފައިވެ އެވެ.

މި ގަވައިދުގައި، ކުޑަކުއްޖެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން، އެ ކުއްޖާގެ މައްޗަށް ތަހުގީގު ހިންގުމާއި ދައުވާކުރުމާއި އަދި އެ ދެ މަރުހަލާގައި އެ ކުއްޖާ ޑައިވާޝަނަށް ފޮނުވުމާ މެދު ގޮތެއް ނިންމުމުގައި އެ ޑިޕާޓްމަންޓުގެ ދައުރު އަދާކުރަންޖެހޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ.

އިތުރު ކަންކަން

- ރިސްކް އެސެސްމަންޓް ހަދަންޖެހޭ ހާލަތްތަކާއި އެކަމުގެ އުސޫލުތަކާއި ބައިތަކާއި ދަރަޖަކުރާނެ ގޮތް.

- ރިސްކް އެސެސްމަންޓަށް ފަހު ވަކި ފިޔަވަޅުތަކެއް އަޅައިދިނުމަށް ތަހުގީގީ އިދާރާގައި ޑިޕާޓްމަންޓުން އެދުމުގައި އަމަލުކުރާނެ އުސޫލު.

- ކުށެއްގެ ތުހުމަތުގައި ބަންދުކުރާ ކުޑަކުދިންގެ ބަންދު މުރާޖައާކުރުމުގައި ޑިޕާޓްމަންޓުގެ ދައުރު އަދާކުރާނެ ގޮތް.

- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންނަށް އާއިލީ ބައްދަލުވުން ދިނުމުގައި އަމަލުކުރާނެ ގޮތް.

- ތުހުމަތުކުރެވޭ ކުއްޖާ ގާނޫނީ ވަކީލެއްގެ ފުރުސަތު ހޯދަމުންދާ ގޮތް ބަލައި މޮނިޓާކުރުމާއި ދައުލަތުން ވަކީލުން ހަމަޖެއްސުމުގައި ޑިޕާޓްމަންޓުން އަމަލުކުރާނެ ގޮތް.

- ޑައިވާޝަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމުމުގައި ބަލަންވީ ކަންކަމާއި ތަހުގީގީ މަރުހާލާ އާއި ދައުވާކުރުމުގެ މަރުހާލާގައި ޑައިވާޝަން ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމުމުގައި ކަމާ ބެހޭ ތަހުގީގީ އިދާރާ އަށް ނުވަތަ ޕީޖީ އޮފީހަށް ޑިޕާޓްމަންޓުގެ ލަފަޔާއި އިރުޝާދު ދޭނެ ގޮތް.

- ޑައިވާޝަން ނިޒާމުގެ އެހެނިހެން އުސޫލުތައް އެކަށައެޅުމާއި ޑައިވާޝަން ޕްލޭން އެކުލަވައިލާނެ ގޮތުގެ އިޖުރާއަތުތަކާއި ޑައިވާޝަން ފުރިހަމަކުރުމާއި ޑައިވާޝަން ނިމުމަކަށް އަންނާނެ ގޮތުގެ ތަފުސީލުތައް.

- ރިހެބިލިޓޭޓިވް ޕްރޮގްރާމުތަކާއި ފަރުވާގެ ޕްރޮގްރާމުތަކާއި އިސްލާހީ ޕްރޮގްރާމުތައް ފަރުމާކުރުމާއި އެކަށައެޅުމުގެ އުސޫލުތައް.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށީ މި ގާނޫނު ތަސްދީގު ކުރިތާ އަހަރެއްގެ ފަހުން، މިދިޔަ އަހަރު ނޮވެމްބަރު 20 ގަ އެވެ. ނޮވެމްބަރު 20، 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުޑަކުދިން ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުމާއި ކުއްޖާ ކުރާ ގާނޫނާ ހިލާފު އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެ ކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން ހިމެނެ އެވެ.

ގާނޫނު ބުނާ ގޮތުން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރެވެ. ގާނޫނުލް އުގޫބާތު ވުޖޫދަށް އައި އިރު، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބަލަން ފެށި އެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު އެކުލަވައިލި ގަވާއިދެއްގައި ބުނާ ގޮތުން، 10-15 އާ ދެމެދުގެ އުމުރުގައި ކުށުގެ ޒިންމާ ފަސް ބާވަތެއްގެ ކުށެއްގައި އުފުލަން ޖެހެ އެވެ.