Roadha Mihaaru
ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒުތައް މޭ މަހު ނިމޭނެ

ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒުތައް މޭ މަހަށް ނިމޭނެ: ހޯމް މިނިސްޓްރީ

27 ފެބުރުއަރީ 2023

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ހަދަން ޖެހޭ މަރުކަޒުތައް މެއި މަހު ނިމޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށްޓަކައި ހަދަން ޖެހޭ މަރުކަޒުތައް މެއި މަހު ނިމޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ ގާނޫނުގެ ދަށުން ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކަރެކްޝަނަލް މަރުކަޒުތައް ވެސް ގާއިމް ކުރަންޖެހެ އެވެ. އެއީ ތިން ބާވަތެއްގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ދެ ބާވަތެއްގެ ކަރެކްޝަނަލް މަރުކަޒުތަކެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދޮޅު އަހަރު ތެރޭގައި ރެޒިޑެންޝަލް ނުވަތަ ކަރެކްޝަނަލް ކޮންމެސް އެއް މަރުކަޒެއް އުފައްދައި ހިންގުން ހޯމް މިނިސްޓްރީ އަށް ލާޒިމުވެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފެށީ އެ ގާނޫނު ތަސްދީގު ކުރިތާ އަހަރެއްގެ ފަހުން، 2020ވަނަ އަހަރު ނޮވެމްބަރު 20 ގަ އެވެ.

ހޯމް މިނިސްޓްރީގެ ކޮމިނިއުކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގޮތުގައި ގާއިމްކުރަން ޖެހޭ ތިން ބާވަތެއްގެ މަރުކަޒުގެ ތެރެއިން، ދ. ކުޑަހުވަދޫގައި ގާއިމްކުރާ ކުޑަކުދިންގެ ރެޒިޑެޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

ކުޑަހުވަދޫ ރެޒިޑެޝަލް ޓްރީޓްމަންޓް ސެންޓަރު. -- ފޮޓޯ: ހޯމް މިނިސްޓްރީ

ކުޑަހުވަދޫ ރެޒިޑެޝަލް ޓްރީޓްމަންޓް ސެންޓަރު. -- ފޮޓޯ: ހޯމް މިނިސްޓްރީ

"އެ ތަނުގެ މުޅި ޕްރޮޖެކްޓުގެ 64 ޕަސެންޓް މިހާރު ވަނީ ނިމިފައި. ފެންވައިރުކުރުމާއި ސީލިންގް ކުރުން އެއްކޮށް ނިމިފައި. އަޅުގަނޑުމެން މި ބަލަނީ މާޗްގެ ނިޔަލަށް ނިމޭނެ ކަމަށް،" ހަފްސީ ވިދާޅުވި އެވެ.

އެ ރަށުގެ އިތުރުން ހއ. ހޯރަފުށީގައި އަޅާ، ޖުވެނިއަލް ޖަސްޓިސް ޔުނިޓުގެ ގޮފީގެ މަސައްކަތް އަންނަ މޭ މަހު ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު

އެކަހެރިކޮށްގެން ކުރު މުއްދަތަށް އަދި ދިގު މުއްދަތަށް ފަރުވާ ދޭން ޖެހޭ ކުޑަކުދިން ގެންގުޅުމުގެ ގަވާއިދު މިއަދު ވަނީ އާންމުކޮށްފަ އެވެ.

ފަރުވާދޭންޖެހޭ ކުޑަކުދިން މަރުކަޒުތަކުގައި ތިބޭއިރު އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ހަރުދަނާ ނިޒާމެއް އެކުލަވައިލުމާއި އެ މަރުކަޒުތަކުން ކުދިންނަށް ލިބެންޖެހޭ ހިދުމަތްތައް ކަނޑައެޅުން ވެސް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން އެ ގަވައިދުގައި ބުނާ ކަންކަން:

- ކުދިންގެ އުމުރާއި ޖިންސާއި، އިޖުތިމާއީ ގޮތުން ބިނާކުރުވަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުވަނިވި އިޖުތިމާއީ، އަދި ޖިސްމާނީ ގޮތުން އަޅައިލުމާއި ރައްކާތެރިކަން މަރުކަޒުތަކުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުން

- މަރުކަޒުތަކުގައި ތިބޭ ކުދިންނަކީ ހެޔޮ ގޮތުގައި އަނބުރާ މުޖުތަމައުއަށް އާދެވޭނެ ފަދަ ކުދިންތަކަކަށް ހެދުމަށް ފަރުވާގެ ޕްރޮގްރާމް ކަނޑައެޅުން

- އެފަދަ މަރުކަޒުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމާއި، މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރުކުރުން

އަދި އެފަދަ މަރުކަޒުތައް އިންސްޕެކްޓް ކުރުމަށް ކޮމެޓީތައް އެކުލަވައިލައި، އިންސްޕެކްޓް ކުރުމަށް އިޖުރާއަތްތަކެއް ކަނޑައެޅަން ވެސް ޖެހެ އެވެ.